ސަރުކާރު ޕްރޮމޯޓުކުރާ މީޑިއާތަކާއި ސަރުކާރުގެ އިސްވެރިން ހިންގާ މީޑިއާތަކުގައި މީޑިއާތަކަށް ކަފުންކުރި ބިލުގައި މީޑިއާ ކޮންޓްރޯލްކުރާ ބިލަކީ ގާނޫނު އަސާސީއާ އެއްގޮތަށް އޮތް ބިލެއް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަަތު ފިލްޒާ ދެއްވިކަމަށް ބުނާ ލަފާ ވުޖޫދަކު ނެތްކަން ހާމަވެއްޖެއެވެ.
މިނިވަން މީޑިއާ ކަފުންކުރި ބިލާއި ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަަތު ފިލްޒާ ލަފާ ދެއްވި ކަމަށް ސަރުކާރުގެ ޕްރޮޕެގަންޑާ ފަތުރާ ނޫސްތަކާއި ޓީވީތަކުން ހަބަރު ގެނައި އިރު، އެ ހަބަރުތަކުގައި ބުނެފައިވަނީ ބިލްގައި ޤާނޫނު އަސާސީއާ ތައާރަޒުވާ ކަމެއް ނެތް ކަމަށާ އެ ބިލުން އަސާސީ އެއްވެސް ހައްގަކަށް އުނިކަމެއް ނާންނާނެ ކަމަށް ލަފާ ދެއްވި ކަމަށެވެ. އަދި އެ ލަފާ ދެއްވީ އަންގާރަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ކަމަށެވެ.
ނަމަވެސް މި ބައްދަލުވުން ފެށިގެން ދިޔަ އިރު އެތަނުގައި މީޑިއާތައް ތިއްބެވެ. އެ ބައްދަލުމުގައި ފިލްޒާ ލަފާ ދެއްވި ކަމަށް ވިދާޅުވެ ކޮމިޓީގެ މުގައްރިރު، މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ ވިދާޅުވީ ކައުންސެލް ޖެނެރަލް ފިލްޒާގެ ލަފާއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ ލަފާ ކޮމިޓީގައި ތިއްބެވި އެއްވެސް މެންބަރަކަށް ދައްކާފައި ނުވެއެވެ. އަދި ލިޔުމެއް ހުށަހަޅާފައިވެސް ނެތެވެ. އާންމު ގޮތެއްގައި ބިލަކާއި ގުޅޭ ގޮތުން ކައުންސެލް ޖެނެރަލް ދެއްވާ ލަފާ ކޮމިޓީގައި ތިއްބަވާ މެންބަރުންނަށް ފެންނާނެ ގޮތަށް ހުންނަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކޮމިޓީއަށްފަހު ނޫސްވެރިން ވެސް ލަފާ ދެއްކުމަށް ކޮމިޓީގެ މެންބަރުން ކައިރީގައި އެދުމުން އެ ލަފާ މެންބަރުންނަށްވެސް ނުދެއްކުނެވެ. ލިޔުމުން އޮންނަންޖެހޭ ލަފާ ކޮމިޓީގައި މެންބަރުންނަނަށް ފެންނާނެ ގޮތަށް އޮންނަންޖެހޭ އިރު ލަފާ އޮތްކަމަށް މެންބަރު ރިޒާ ވިދާޅުވި އިރު އެފަދަ ލަފައެއް އޭނާ ކައިރީގައި ވެސް ނެތެވެ.
20 ވަނަ މަޖިލީހުގެ ގަވާއިދުގެ 22 ވަނަ މާއްދާ (ކައުންސެލް ޖެނެރަލްގެ މަސްއޫލިއްޔަތު) ގެ 5 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޓީތަކުން ދިރާސާކުރާ ބިލުތައް ދިރާސާކޮށް ނިމި މަޖިލީހަށް ރިޢާޔަތްކޮށްދިނުން އެދި މަޖިލީހަށް ހުށަހެޅުމުގެ ކުރިން، އެ ބިލުތައް ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާ ފުށުއަރާތޯ ބަލައި، އެ ބިލުތަކާ ގުޅޭގޮތުން ޤާނޫނީ ލަފާދޭން ޖެހެއެެވެ. އަދި މިގޮތުން ކައުންސެލް ޖެނެރަލް ދޭ ޤާނޫނީ ލަފާ މެންބަރުންނަށް ފެންނާނެ ގޮތަށް ހުންނަންވާނެއެވެ.
ނަމަވެސް އަންގާރަ ދުވަހުގެ މިނިވަން މުއައްސާސަތުގެ ކޮމިޓީ ބައްދަލުވުމުގައި ފިލްޒާ ދެއްވި ލަފާ މެންބަރުންނަށް ފެންނަން ނެތެވެ. އެކަމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ސުވާލު އުފައްދަވާ ކޮމިޓީ ހިނގަމުން ދިޔަ ވަގުތު އެ ލަފާ ދެއްކެވުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ. ނަމަވެސް ކޮމިޓީގެ މުގައްރިރު ރިޒާ ވަނީ ބިލުގައި މައްސަލައެއް ނެތްކަމަށް ަލފާ ލިބިފައިވާ ކަމަށް ވިދާޅުވެ ބިލަށް ވޯޓަށް އަހައި ބިލު ފާސްކޮށްފައެވެ.
މީޑިއާތަށް ތަޅު އަޅުވާ ބިލާއި ގުޅިގެން އެފަދަ ލަފައެއް ދެއްވިންތޯ އަދި ދެއްވި ނަމަ އެ ލަފައަކީ ކޮބައިތޯ ސުވާލުކޮށް މެސެޖް ފޮނުވާ ތަކުރާރުކޮށް ގުޅި ނަމަވެސް ފިލްޒާގެ ޖަވާބެއް ލިބިފައި ނުވެއެވެ. އަދި ފޯނަށް ޖަވާބެއްވެސް ނުދެއްވައެއެވެ. އެހެންކަމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ފިލްޒާގެ ލަފައެއް އޮތްކަމަށް ވިދާޅުވެ ކޮމިޓީ އިން ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށެވެ.
މީގެ އިތުރުން މިނިވަން މުއައްސާތަކުގެ ކޮމިޓީގައި ބިލުގެ ރިޕޯޓު ސްކްރީނުގައި އެޅުވި އިރު، ބިލުގެ ރިޕޯޓުގެ ސައިޑުގައި ކައުންސެލް ޖެނެރަލްގެ ކޮމެންޓްތައް ހުއްޓެވެ. އަދި އެ ކޮމެންޓްތަކާއި ކަންބޮޑުވުންތަކަށް ކޮމިޓީއިން އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނުވެއެވެ. ރާއްޖެއެމްވިއާއި ވާހަކަ ދެއްކި މެންބަރަކު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ލަސްވެގެން ދިޔައީ މި ސަބަބާއި ގުޅިގެންނެނެވެ. ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައި ހުރި އިރު، ކައުންސެލް ޖެނެރަލްގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކޮމިޓީ ލަސްވެގެން ދިޔަ ކަމަށެވެ.
މީގެ އިތުރުން ޖަލްސާ މެންދުރު 1:00 ގައި ބޭއްވުމަށް ނިންމި ނަމަވެސް ކޮމިޓީ މަސައްކަތް ނުނިމި ޖަލްސާ ހަވީރު 5 ޖެހި އިރު ފެށި އިރު މެންބަރުންނަށް ކޮމިޓީ ރިޕޯޓު ކިޔާލާނެ ފުރުސަތެއް ލިބިފައި ނުވެއެވެ. މަޖިލީހުގެ އެޖެންޑާ އަދި ރިޕޯޓު މެންބަރުންނަށް ލިބުނީ 4:59 ގައެވެ. މަޖިލިސް ޖަލްސާ ފެށީ 5:00 ގައެވެ.
މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާ (ބިލު މަޖިލީހުގެ ނިޒާމުގައި ދައުރުކުރާނެ ގޮތް) ގެ (ވ) ގައި ބުނާގޮތުން ބިލެއްގެ ކޮމިޓީ ރިޕޯޓަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސެއް ކުރަންވާނީ އެ ރިޕޯޓު މަޖިލީހުގެ މެންބަރުންނަށް ފޮނުވުމަށްފަހުގައެވެ.