މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އުމުރުން ދުވަސްވީ މީހަކު މަރުވި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވާ ދެމީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފި އެވެ.
އެ ދެ މީހުން ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަ ކޮށްފައިވަނީ އާދިއްތަ ދުވަހު އެވެ. އެ މައްސަލައިގައި ދެމީހަކު ހައްޔަރު ކޮށްފައިވީ ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ވެސް އާދިއްތަ ދުވަހު އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި މިއެކްސިޑެންޓްގައި ނިޔާވެފައިވަނީ ހ. ފޮއްދޫގެ، އިބްރާހިމް ރަޝީދު އާދަމް ( 64 އ) އެވެ. އޭނާ މަރުވީ ބޮލަށް ލިބުނު ޒަހަމްތަކަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ހުކުރު ދުވަހުގެ ހަވީރު އެވެ.
އެކްސިޑެންޓު ހިނގާފައި ވަނީ އޭނާ ދުއްވި ސައިކަލު ޕާކު ކުރުމަށް އުޅެނިކޮށް ބާރު ސްޕީޑެއްގައި ދުއްވާފައި އައި އެހެން ސައިކަލަކުން ޖެހިގެންނެވެ. ނިޔާވިއިރު އުމުރުން 64 އަހަރުގެ އެ މީހާގެ ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވެއެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގު، ހަބީބު ބޭންކް ކުރިމަތީގަ އެވެ. ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި އިން މީހާ ވަނީ ސައިކަލް ދޫކޮށްލުމަށް ފަހު ފިލައިފަ އެވެ.
ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެފައިވާ ރަޝީދުގެ ބޮލުގެ އޮޕަރޭޝަނެއް ވަގުތުން ކޮށްފައިވެއެވެ. ނަމަވެސް ސިކުނޑިއަށް ގިނަ އަދަދެއްގެ ލޭ އެޅިފައިވުމުގެ ސަބަބުންނާއި ބޮލުގެ ނާށިގަނޑުވެސް ވަރަށް ބޮޑަށް ހަލާކުވެފައިވެފައިވުމުގެ ސަބަބުން އޮޕަރޭޝަންކޮށްގެން ވެސް ރަޝީދުގެ ފުރާނަ ސަލާމަތް ކުރެވޭގޮތެއްނުވިއެވެ. ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ކަނާތު ފައިގެ ތަނބި ކައްޓަށް ވެސް ބޮޑު އަނިޔާތަކެއް ވެފައިވާކަމަށް އާއިލާއިން ބުންޏެވެ.
ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މީހަކު ކުރާ އިހުމާލުގެ އަމަލަކުން، އެހެން މީހަކު މަރުވެއްޖެނަމަ، އެ އަމަލު ކުރި މީހާ އެކުރަނީ ކުށެއް ކަމަށެވެ.
އެ ކުށަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. އަދި އެ ކުށަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށްލުމެވެ.
ޖަލު ހުކުމް ތަންފީޒުކުރަން ޖެހުނަސް މަރުވި މީހާގެ ވާރިސުން ބޭނުންވެއްޖެނަމަ މަރުގެ ދިޔަ ދޭންޖެހޭނެއެވެ. ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ހަމަޖައްސާފައި ވަނީ 100000 ރުފިޔާއެވެ.