މީޑިއާ ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ހޯމަ ދުވަހުގެ ރޭ މާލޭގައި މުޒާހަރާއެއް ކުރިއަށް ގެންގޮސްފިއެވެ.
މި މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ހަތަރު އަނގޮޅީގައެވެ.
މުޒާހަރާގައި އެމްޑީޕީގެ އިސް ފަރާތްތަކާއި، ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންނާއި، އަދި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެފައިވެއެވެ. މުޒާހަރާގައި ބައިވެރިން ގޮވަމުން ދިޔައީ މީޑިއާ ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ބިލު މަޖިލީހުން ފާސް ނުކުރުމަށެވެ.
މުޒާހަރާގައި ވާހަކަދެއްކި ފަރާތްތަކުން ފާހަގަކުރި ގޮތުގައި މި ބިލު ފާސްވެއްޖެނަމަ، މީޑިއާތަކުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެންދާނެއެވެ. އަދި ސޯޝަލް މީޑިއާގައި އާންމު ރައްޔިތުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް ގެއްލިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން މުޒާހަރާގައި ދެއްކި ވާހަކަތަކުގައި، މި ބިލަކީ ޑިމޮކްރަސީއަށް ނުރައްކާވާނެ ބިލެއް ކަމަށް ފާހަގަކޮށް، ބިލު ފާސްކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލާފައިވެއެވެ. އަދި މި ބިލާ ދެކޮޅަށް އަންނަ އަންގާރަ ދުވަހުގެ ހެނދުނު 8:30 ގައި ރައްޔިތުންގެ މަޖިލީހުގެ ކައިރިއަށް އެއްވުމަށް އާންމު ރައްޔިތުންނަށް ގޮވާލާފައިވެއެވެ.
މުޒާހަރާގައި ބައިވެރިންގެ އަދަދު ގިނަވަމުން ދިޔުމާއެކު، ސަރަހައްދުގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެންނަން ޖެހުނެވެ. ނަމަވެސް މުޒާހަރާ ކުރިއަށް ގޮސްފައިވަނީ ސުލްހަވެރިކަމާއެކު އެވެ.