ފ.ފީއަލީ ކައުންސިލް އިން އިސްނަގައިގެން އެ ރަށުގައި ތަރައްޤީ ކުރި، އައުޓް ޑޯ ވޮލީ ކޯޓުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފި އެވެ.
ފީއަލީ ކައުންސިލްގެ އާމްދަނީ އިން ޚަރަދު ކޮށްގެން އެ ރަށުގައި ތަރައްޤީ ކުރި އައުޓް ޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ، ބުރާސްފަތި ދުވަހުގެ ހަވީރު އެވެ. އެ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައި ދެއްވީ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް) އަދި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައެއް މެމްބަރުންނާއި ރަށުގެ އިސް ފަރާތްތަކުން ވެސް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަޙުމަދު ވިދާޅުވީ، އެ ވޮލީ ކޯޓަކީ ފީއަލީ ކައުންސިލް އިން އިސް ނަގައިގެން އެ ރަށުގެ ޒުވާނުންނަށް ޤާއިމު ކޮށްދިން ކުޅިވަރު ވަސީލަތެއް ކަމަށެވެ. އަދި އެ މަސައްކަތް ކޮށްފައި ވަނީ ކައުންސިލްގެ އާމްދަނީ އިން ކަމަށް މޫސަ ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، އެ މަސައްކަތް ކުރުމަކީ ފީއަލީގެ ތަރައްޤީ އަށް އެ ރަށުގެ ކައުންސިލް އިން މަސައްކަތް ތަކެއް ކުރާކަން ހާާމަވާނެ ކަމެއް ކަމުގައި ވެސް މޫސަ ވިދާޅުވި އެވެ.
ކައުންސިލްގެ އާމްދަނީ އިން އެ މަސައްކަތް ކޮށްފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ ކައުންސިލް އަށް އެ މަސައްކަތް އެހާ ފުރިހަމަ އަށް ކުރިއަށް ގެންދެވުނީ ކުރީ ސަރުކާރުން ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލް ތަކަށް ދީފައި އޮތް ބާރުވެރި ކަމުގެ ސަބަބުން ކަމަށެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލަށް ލިބުނު މާލީ ބާރުވެރި ކަމާއި، ބިމުގެ ބާރުވެރި ކަމުގެ ފައިދާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފީއަލީ ކައުންސިލް އިން އައުޓް ޑޯ ވޮލީ ކޯޓުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޓެކް ކިޔާ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. އެ މަސައްކަތް ކުރުމަށް ކައުންސިލްގެ އާމްދަނީ އިން ވަނީ ގާތް ގަނޑަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފަ އެވެ.
ފީއަލީ ކައުންސިލް އިން އެ ރަށުގައި އައުޓް ޑޯ ވޮލީ ކޯޓެއް ޤާއިމު ކޮށްފައިވާއިރު، ކުރީ ސަރުކާރުން ވަނީ ފީއަލީގައި އިންޑޯ ވޮލީ ކޯޓެއް ޤާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. ފީއައްޔަކީ ވޮލީ ބޯޅައިގެ ހުނަރުވެރި ކުޅުންތެރިން ތަކެއް ތިބޭ، ވޮލީ ބޯޅައިގައި ފާހަގަ ކޮށްލެވޭ ރަށެކެވެ.