ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުން ޚަބަރު ގެނެސްދޭތީ ހިތްހަމަޖެހި ވަޑައިނުގަތް މަޖިލީހުގައި އޮތް މިނިވަން މީޑިއާ ކޮންޓްރޯލް ކުރާ ބިލު އަވަހަށް ފާސް ކުރުމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ބުދަ ދުވަހު ވަނީ އާއްމު ކުރަންފަށާފައެވެ. އެއާއެކު ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުންނަށް ލިބިފައިވާ އާދަޔާ ހިލާފު މުއްސަނދިކަމާއި، އެމެންބަރުންނަށް ލިބިފައިވާ ހަދިޔާތަކުގެ ވާހަކަތައް މީޑިއާތަކުގައި ގެނެސްދީފައިވެއެވެ.
މި ޚަބަރުތަކާއި ގުޅިގެން ވަރަށް ބޮޑަށް ނުރުހުންވެވަޑައިގަންވާ ކުރެއްވި ޕޯސްޓެއްގައި މެންބަރު ނިޒާރު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާއްމުކުރި މިއީ ފުރަތަމަ ފަހަރެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ބައެއް މީޑިއާތަކުން މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ މާލީބަޔާންތަކަށް މިދިނީ ކީއްވެތޯ ސުވާލުއުފެދޭ ކަމަށް މެންބަރު ނިޒާރު ވިދާޅުވިއެވެ.
މެންބަރު ނިޒާރު މިމޭރުމުން ވާހަކަދެއްކެވި ނަމަވެސް މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުން ޚަބަރުތައް ގެނެސްދިނުމަކީ އާއްމުކޮށް ކުރަމުންދާ ކަމެކެވެ.
ރައްޔިތުންގެ މަޖިލީހަށް މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ ތެރޭގައި މެންބަރު ނިޒާރު ހިމެނިވަޑައިގަންނަވާތީ، އެޚަބަރު ވެސް ޝާއިއު ކުރުމާ ގުޅިގެން އެކަމަށް ވެސް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ.
މެންބަރު ނިޒާރު ވިދާޅުވީ މަޖިލީހުން މިފަދަ އެއްވެސް ފިޔަވަޅެއް ނުވަތަ ބަޔާނެއް ވެސް ނެރެފައި ނުވާއިރު، ބައެއް މީޑިއާތަކުން ލިސްޓް ހަދައި އާންމުކޮށް ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ޕަބްލިޝްކުރާ ކުރުން ކުށްވެރިކުރާ ކަމަށެވެ.
އެހެންކަމުން މިހާރު މަޖިލީހުގެ ކޮމިޓީގެ މަރުހަލާގައި އޮތް މީޑިއާގެ މިނިވަންކަން ކޮންޓްރޯލް ކުރާ ބިލު ބިލު އަވަސް ކުރުމަށާއި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް ބިލް އަވަހަށް ފާސްކުރުމަށް މެންބަރު ނިޒާރު ގޮވާލެއްވިއެވެ.
ނަމަވެސް ފަހުން މެންބަރު ނިޒާރު ވަނީ އެޕޯސްޓު ސޯޝަލް މީޑިއާއިން ޑިލީޓް ކޮށްލައްވާފައެވެ.
މީޑިއާގެ މިނިވަންކަން ކޮންޓްރޯލް ކުރާ ބިލު ފާސް ކުރުމަށް މަޖިލީހުގެ ޕީއެންސީ މެންބަރުންނާއި، ސަރުކާރުގެ އިސްބޭފުޅުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް އެބިލާ ދެކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިން އަޑު އުފުލަމުންދާއިރު، ބިލު ބޭރުކޮށްލުމަށް ގޮވާލާ 151 ނޫސްވެރިން ސޮއިކޮށް މަޖިލީހުގެ އިތުރުން ރައީސް އޮފީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.