Advertisement
ކ. މާލެ
|
21 އޯގަސްޓް 2025 | ބުރާސްފަތި 18:47
މާލެ މަތިން ފެންނަ މަންޒަރެއް
މާލެ މަތިން ފެންނަ މަންޒަރެއް
ސޯޝަލް މީޑިއާ
މާލޭ ސިޓީ ކައުންސިލް
މާލޭގައި މީހުން ދިރިއުޅެން އެކަށީގެން ނުވާ މިންވަރަށް ހަލާކުވެފައިވާ 25 ތަނެއް!
މާލޭގައި ބާވެފައިވާ އިމާރާތްތަކުގެ ގޮތުގައި މިހާތަނަށް ފާހަގަވި 25 ފަރާތުގެ ވެރި ފަރާތާއި ވަނީ މުއާމަލާތުކޮށްފައި
14 އިމާރާތާއެކު އެންމެ ގިނަ ބާ އިމާރާތް ހުރި އަވަށަކީ ހެންވޭރު
ބާ އިމާރާތްތައް ތަޅާލުމަށް ކައުންސިލްގައި އެދުނު ނަމަވެސް އެކަމަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތައް ނެތް

މާލޭގައި މީހުން ދިރިއުޅެން އެކަށީގެން ނުވާ މިންވަރަށް ހަލާކުވެފައިވާ 25 ތަނެއް ހުރިކަން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައި ވަނީ މާލޭގައި، މީހުން ދިރިއުޅެން އެކަށީގެން ވާ މިންވަރަށް ވުރެ ބޮޑަށް، ބާވެ ހަލާކުވެފައިވާ ޢިމާރާތުގެ ގޮތުގައި، ފާހަގަ ކުރެވިފައިވާ ޢިމާރާތް ތަކުގެ ލިސްޓެއް، މާލެ ސިޓީ ކައުންސިލުން އެކުލަވާލުމާއި އެކުގައެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ އެ މީހެއްގެ ރަޖިސްޓްރީގެ ދަށުގައި ހުންނަ ތަންތަނަށް އެ މީހަކު ޒިންމާ ވާން ޖެހޭނެ ކަމަށެވެ. މާލޭގައި މީހުން ދިރިއުޅެން އެކަށީގެން ނުވާ މިންވަރަށް ހަލާކުވެފައިވާ ތަންތަނުގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަންތަން ދެނެގަނެ އެ ތަނުގެ ރެޖިސްޓްރީ އޮތް ފަރާތް ނުވަތަ ވެރި ފަރާތާއި އެކަން ހިއްސާކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އާއްމުންނަށް ނުރައްކާވާ ގޮތަށް ހުރި ތަންތަން ތަޅާލުމަށް އެ ފަރާތްތަކާއި އެކު މަޝްވަރާކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ދާދި ފަހުން، ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި، ސަލާހުއްދީން ބިލްޑިންގެ ބައެއް ވެއްޓި، ރައްޔިތުންގެ މުދާތަކަކަށް ގެއްލުންތަކެއް ވެފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. އެފަދަ ކަންކަމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އާއްމުންނަށް ނުރައްކާވާ ގޮތަށް ހުރި މި ފަދަ ބާ ޢިމާރާތްތައް ތަޅައި، އެ ތަންތަން ސާފު ކޮށްދިނުމަށް، ޢިމާރާތުގެ ވެރިން، ކައުންސިލުގައި އެދެމުންދާ ކަމަށާއި، ނަވެސް ކައުންސިލްގައި އެ ކަން ކުރުމުގެ ފައިސާ އާއި ވަސީލަތްތައް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

" ޤާނޫނު އޮތީކީ ހިލޭ ކުރެވޭ ގޮތަކަށް ނޫން. އެހެންވީމަ އެކަން އެ ފަރާތަކަށް ނުކުރެވޭ ހާލަތުގައި ތަން ތަޅާލުމަށް ފަހު ބިލް ކުރެވިދާނެ. އެކަމަށް ޖެހޭނީ އެ ވެރިފަރާތާއި އެކު އެއްބަސްވުމަކަށް ދާން. މުސްތަގްބަލްގައި ހަދާ އިމާރާތްތައް ތަޅާނެ ޤާނޫނެއް ނޫނީ އުސޫލެއް ވިޔަސް އޮންނަން އެބަ ޖެހޭ. ކައުންސިލްގެ ވަސީލަތްތަކާއި ފައިސާ ވެސް ދަށް. " އާޒިމް ވިދާޅުވިއެވެ.

އެހެންނަމަވެސް ބާ އިމާރާތްތަކުގެ ސަބަބުން ބައެއްގެ ފުރާނަ ގެއްލިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކަމެއް ކަމަށާއި އެއީ އާދައިގެ ކަމަކަށް ނުހެދޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، މި ކަމަށް ހައްލެއް ހޯދޭނެ ކަހަލަ ގާނޫނެއް ހަދައި ނުވަތަ، ނިޒާމެއް ކަނޑައަޅާފައި ބޭއްވުމަކީ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ މިކަމާއި ގުޅޭ ރިޕޯޓެއް ވެސް، ބުދަ ދުވަހު އޮތް މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 208 ވަނަ ޖަލްސާގައި ކައުންސިލަރުންނަށް ހިއްސާކުރައްވާފައިވާނެ ކަމަށެވެ.

އެ ރިޕޯޓުން އެނގުނު ގޮތުން، މާލެ ސިޓީ ކައުންސިލުން އެކުލަވާލި މި ލިސްޓުގައި، މާލޭގެ ހަތަރު އަވަށުން މި ހާތަނަށް ފާހަގަ ކުރެވިފައި ވަނީ ޖުމްލަ 25 އިމާރާތެކެވެ. އެ ގޮތުން ބާ ވެފައިވާ ޢިމާރާތްތައް އެންމެ ގިނައިން ހުރި ހޭންވޭރުގައި އެ ފަދަ 14 ޢިމާރާތް އެބަހުއްޓެވެ. ދެން އެންމެ ގިނަ ބާޢިމާރާތް ހުރި މާފަންނުގައި އެ ފަދަ 8 ޢިމާރާތް އެބަހުއްޓެވެ. އަދި ގަލޮޅުގައި ބާވެފައިވާ 7 އިމާރާތް ހުރިއިރު މައްޗަންގޯޅިގައި 5 އިމާރާތް އެބަހުއްޓެވެ.

- ކޮމެންޓް