ސަނީ ސައިޑް އޮފް ލައިފް ގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވާ ކެޓްރީނާ ކައިފް އެ މަސައްކަތައް ހަމަ ޖެއްސި އަގާއި އެނާ ކޮށްދޭން ޖެހޭ މަސައްކަތަކީ ވެސް ސިއްރެއް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.
ރާއްޖެ ޓީވީ އިން މި މައުލޫމާތު ހޯދުމަށް އެމްއެމްޕީއާރުސީ އަށް އާރުޓީއައި ހުށަހެޅުމުން ލިޔުމުން ދިން ޖަވާބުގައި ވަނީ އެ މައުލޫމާތު "ހާމަ ކުރެވެން ނެތް" ކަމަށެވެ.
ރާއްޖެ ޓީވީން ކުރި ސުވާލު ގައި ސާފު ކުރުމަށް އެދިފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ހަމަ ޖައްސާފައިވާ އިންޑިއާގެ ފިލްމީ ތަރި ކެޓްރީނާ ކައިފް ހަމަޖެއްސީ ކިހާވަރެއްގެ އަގަކަށްތޯ އާއި މި އެއްބަސްވުމުގެ ދަށުން ކެޓްރީނާ ކުރަން ޖެހޭ މަސައްކަތަކީ ކޮބާތޯ އެވެ.
ސުވާލުގެ ޖަވާބުގައި އެމްއެމްޕީއާރުސީ އިން ބުނީ ކެޓްރީނާ އާ އެކު ވެފައިވާ އެއްބަސްވުމުގެ 8.2 ވަނަ މާއްދާގެ ދަށުން ބަޔާން ކޮށްފައިވާ ސިއްރު ހިފެހެއްޓުމުގެ ޝަރުތުތަކުގެ ދަށުން، އެ ފަރާތުގެ ހުއްދަ ނެތި އެއްބަސްވުމުގައި ހިމެނޭ މައުލޫމާތު ހާމަ ކުރުމަކީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމުގައެވެ. އަދި އެ އެއްބަސްވުމާ ޚިލާފް ވުމަކީ އެ ކޯޕަރޭޝަންގެ މައްޗަށް ސިއްރު ނުހިފެހެއްޓުމުގެ ދައުވާ އެއް އުފުލިދާނެ ހާލަތެއް ކަމަށެވެ.
އޭގެ އިތުރުން އެމްއެމްޕީއާރުސީ އިން ބުނެފައި ވަނީ އެ މައުލޫމާތު ހާމަ ކުރުމަށް ކެޓްރީނާގެ ހުއްދަ އަކަށް އެދުމުން އެއްބަސްވުމުގެ އެއްވެސް މައުލޫމާތެއް ހާމަ ކުރުމަކީ އެ ފަރާތުގެ ވިޔަފާރީގެ މަސްލަހަތައް ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ.
"ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އެ ފަރާތް ހަމަޖައްސާފައިވާ އަގު، އެ ފަރާތުން ކުރަން ޖެހޭ މަސައްކަތް، އަދި އެއްބަސްވުމުގެ މުއްދަތު ހާމަ ކުރެވެން ނެތްކަން ފާހަގަ ކުރަމެވެ." އެމްއެމްޕީއާރުސީން 19 އޮޮގަސްޓް 2025 ގައި ރާއްޖެޓީވީ އަށް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ސޮއި ކުރައްވާ ފޮނުވި ލިޔުމުގައި ބުނެފައިވެއެވެ.
މި ޖަވާބު މިހެން ދީފައިވާއިރު، 30 ޖޫން 2025 ގައި އެމްއެމްޕީއާރުސީ އިން ރާއްޖެޓީވީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ "އެދިލައްވާފައިވާ މައުލޫމާތު އެކުލަވާލުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރިއަށް ގެންދާ،" ކަމަށެވެ. އަދި މުއްދަތުގެ ތެރޭގައި ޖަވާބު އެކުލަވާނުލެވިދާނެ އަތީ އިތުރު 14 ދުވަހުގެ މުއްދަތު ދިނުމަށް ވެސް އެދިފައިވެއެވެ.
މައުލޫމާތު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅީ 12 ޖޫން 2025 ގައެވެ.
ކެޓްރީނާ ކައިފް ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ހަމަ ޖެއްސިކަން އިއުލާނު ކުރި 10 ޖޫން 2025 ގައެވެ. އޭގެ ފަހުން މިހާތަނަށް ބްރޭންޑް ޕްރޮމޯޓު ކުރުމަށް އޭނާ ކުރި އެއްވެސް ކަމެއް އޭނާގެ ފަރާތުން ވެސް އަދި އެމްއެމްޕީއާރުސީގެ ފަރާތުން ވެސް ހާމަ ކޮށްފައެއް ނުވެއެވެ.
އެމްއެމްޕީއާރުސީ އިން މިކަން ސިއްރު ކުރި އިރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުގެ ސަރުކާރެއްގައި ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމުގައެވެ.