ކ. މާލެ
|
19 އޯގަސްޓް 2025 | އަންގާރަ 16:10
ސަރުކާރުން ބޭނުންވެގެން މީޑިއާ ކޮންޓްރޯލް ކުރަން ހުށަހެޅި ބިލާއެކު އެތައް ބައެއްދަނީ ކަންބޮޑުވުން ފާޅުކުރަމުން
ސަރުކާރުން ބޭނުންވެގެން މީޑިއާ ކޮންޓްރޯލް ކުރަން ހުށަހެޅި ބިލާއެކު އެތައް ބައެއްދަނީ ކަންބޮޑުވުން ފާޅުކުރަމުން
ރާއްޖެއެމްވީ
މީޑިއާ ކޮމިޝަން
ސަރުކާރުން ހާވާ ހަޑިއާއި ހަވާލުވާ "މިނިވަން" މެންބަރު ހަންނާން
މީޑިއާ ކޮންޓްރޯލް ކުރާ ބިލު މަޖިލީހަށް ހުށަހެޅީ ސިއްރުންނެވެ. ބިލު ކިޔާލަން މަޖިލީހުގެ މެންބަރުންނަށް 24 ގަޑި އިރުވެސް ނުލިބެއެވެ. 70 ސޮފުހާގެ މި ބިލު ހުށަހެޅި މެންބަރަށް އޭގައި އޮތީ ކޯއްޗެއް ކަމެއް ނުވެސް އެނގޭ ކަމަކަށް ނުވެއެވެ.

މި ސަރުކާރަށް ރައްޔިތުން އޮތީ ދެބާރު ހިބަކޮށްފީފައެވެ. އެއީ ގާނޫނު ހެދުމުގެ ބާރާއި ސަރުކާރެވެ. ނަމަވެސް މި ސަރުކާރަށް މިހާ ބާރު އޮވެވެސް ގަޓެއް ނެތެވެ. ކުރާ ކަންކަން ގިނަފަހަރު ހަވާލު ނުވެ އެހެން ބައެއްގެ ބޮލަށް އަބަދުވެސް ޖެހުމަކީ މި ސަރުކާރުގެ އާދައެކެވެ. މޮޅުކަމެއް ވެއްޖެއްޔާ އެއީ މި ސަރުކާރެވެ. ދެރަ ކަޑަ ކަމެއް ވެއްޖެއްޔާ އެއީ ކުރީ ސަރުކާރު ނުވަތަ އެހެން މީހެކެވެ. މިއީ މި ސަރުކާރުގެ ހާލެވެ.

މިއަދު ފެނިގެން މިދަނީވެސް އެފަދަ މަންޒަރުތަކެވެ. ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާއި ނޭއްގާނީ ކަންމުގެ ވާހަކަ ދައްކާތީ އެކަން ހުއްޓުވުމަށް ސަރުކާރުން މާ ނޫން ގޮތަކަށް އަނެއްކާވެސް ބިލެއް ހުށަހެޅީއެވެ. މީޑިއާތައް ކޮންޓްރޯލް ކުރުމަށެވެ. މިއީ ސަރުކާރަށް ކުރިމަތިލާން ކެރޭވަރަށް ވުރެ ޕްރެޝަރު ބޮޑުކަމެއް ކަމަށްވުމާއެކު މިހާރު އޮތް ގަޓު ސަރުކާރަށް އެކަން ކުރަން ނުކެރުނެވެ. ބިލް ޑްރާފްޓްކޮށް ކޮންމެ މާއްދާއެއް ވަކިން ލިޔެ އެއަށް ގެންނާނެ ހުރިހާ އިސްލާހެއް ރައީސް އޮފީހުން ފޮނުވައިގެން އެ ޕްރިންޓްކޮށް އެ އެއްކޮށް ހުރިހާކަމެއް ކުރީ ބަންޑާރަ ނައިބުގެ އޮފީހުގެ ތެރޭގައެވެ.

އެވެސް ސިއްރުންނެވެ. ބިލު މަޖިލީހަށް ހުށަހެޅީ ސިއްރުންނެވެ. ބިލު ކިޔާލަން މަޖިލީހުގެ މެންބަރުންނަށް 24 ގަޑި އިރުވެސް ނުލިބެއެވެ. މަޖިލީހަށް ބިލް ހުށަހަޅާ އިބްތިދާއީ ބަހުސްވެސް ވަގުތުން ވަގުތަށް ފެށީއެވެ. 70 ސޮފުހާގެ މި ބިލު ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު ބިލުގައި އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ސަރުކާރުން އެއިރު ސްޕޮންސަރ ކޮށްގެން ހުށަހެޅި މީޑިއާ ކޮންޓްރޯލް ކުރާ ބިލުގައި ހިމެނޭ ކަންކަމެވެ. ނަމަވެސް މިފަހަރު އޮތީ ސަރުކާރުން ކުރާ ވައްކަމާއި ކޮރަޕްޝަންގެ ވާހަކައާއި މިނިސްޓަރުންގެ ދަރިންނާއި ނެޕޯ ބޭބީސް ތައް ކުރާ ކަންކަމުގެ ވާހަކަވެސް ނުދެއްކޭ ގޮތަށެވެ.

ނޫސްތަކާއި ޓީވީ ތަކާއި، ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް 13 ނޮވެމްބަރު 2024 ގައި ހުށަހެޅި ބިލަށްވެސް އެއިރު ޕީއެންސީގެ މެންބަރުން ތާއިދުކުރިއެވެ. ނަމަވެސް ޕީއެންސީގެ މެންބަރަކަށް މި ބިލު ހުށަހަޅާކަށް ނުކެރުނެވެ.

ސަރުކާރުން މިއިން ކަމެއް ކުރަން ބޭނުން ނުވާކަމަށް ދައްކާ މިނިވަން މެންބަރެއްލައްވާ ބިލު ހުށަހެޅީވެސް ސަރުކާރުން އެކަމުން ރެކެންވެގެންނެވެ. އެންމެ ފަހުން މެންބަރު ހަންނާނަށް އެތައް ފާޑުކިޔުމާއި މަލާމާތަކާއި ބަދުބަސްތައް ރައްދުވިފަހުން މި ބިލު ސަރުކާރުން އަނބުރާ ގެންދިޔައެވެ. މިއީ އެންމެ ފުރަތަމަ މީޑިއާ ކޮންޓްރޯލް ކުރަން މި ސަރުކާރުން ކުރި މަސައްކަތެވެ. އެއާއެކު ރައީސް މުއިއްޒު މެޑަލް ޖައްސަވަން ފެއްޓެވިއެވެ. ވިދާޅުވަމުން ގެންދެވީ ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ޤަބޫލުކުރާ ހަމަޔެއްނޫން ކަމަށެވެ. އަދި މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ޙައްޤު އޮންނާނެ ކަމަށެވެ.

ސަރުކާރުން މީޑިއާގެ މިނިވަންކަމަށް އަރައި ނުގަންނާނެ ކަމަށް ބުނެ ރައީސް މުއިއްޒު މި ދެއްކި ވާހަކަފުޅުގެ ފަހަތުގައި މުޅިން އެހެންކަމެއް އޮތެވެ. އެއީ އެއިރު އެމަނިކުފާނަށް 'ކައްޒާބު' ނުކިޔޭގޮތަށް ބިލުގައި ނެތުމާއި ހުދުމުހުތާރު ވެރިކަމެއް ކުރަން މީޑިއާ ކޮންޓްރޯލް ކުރެވޭ ވަރަށް ބިލުގައި ހަރުކަށި ކަންކަން ހިމަނާފައި ނުވާތީއެވެ. އެއިރުން ފެށިގެން މިވީ 9 މަސް ދުވަހުގެ މަސައްކަތަށްފަހު އަނެއްކާވެސް މެންބަރު ހަންނާނާއި ހަވާލުކުރީ މި ސަރުކާރުން ހާވާ ހަޑިއާ ހަވާލުވުމަށެވެ. މެންބަރު ހަންނާނަށް ބިލު ހުށަހަޅާ މަގުސަދުގައި ލިޔެފައި އޮތް ވާހަކަ ފިޔަވައި އެހެން އެއްވެސް ވާހަކައެއް ބިލުގައި އޮތް މާއްދާއެއް އޭގައި ހިމެނޭ ޖޫރިމަނާއެއް އަދަބެސް ވެސް އެނގިވަޑައި ނުގަންނަވައެވެ.

މެންބަރު ހަންނާނުގެ ވާހަކައިން ދޭހަވަމުން ދިޔައީ ބޮޑު ހަދިޔާއެއް ލިބިގެން އެކަމުގައި ބަދަލުގައި ކަމެއްކޮށްދެއްވާން އުޅުއްވާ ކަމެވެ. ލިބުނު ހަދިޔާގެ ބަދަލުގައި ސަރުކާރުގެ އައްޑަނައަކަށްވެ މީހުންގެ މަލާމާތާއި ފުރައްސާރައާއި ބަދުބަސް އަމާޒުވިޔަސް ހެޔޮކަމަށް ހަންނާނު ބިލާ ހަވާލުވީއެވެ. ނަމަވެސް ހަގީގަތަކީ ހަންނާނު އަށް ހުދު ބިލުގައި އޮތީ ދިވެހިންކަމެއް އިނގިރޭސީން ލިޔެފައިކަމެއްވެސް ނޭނގެއެވެ. ކޮންމެއަކަށް ލިބުނު ހަދިޔާގެ ވާހަކަ ބައްވާށެވެ.

މިނިވަން މެންބަރެއްގެ ގޮތުގައި ހުރެ ހަންނާން ބިލު ހުށަހެޅި ނަމަވެސް މަޖިލީހުގެ ޖަލްސާގައި ޕީއެންސީގައި ހިމެނޭ ރައީސް މުއިއްޒުއަށް ވަފާތެރި މެންބަރުން ދައްކަމުން ދިޔަ ވާހަކަތަކާއި އަމަލުން މިއީ ސީދާ ސަރުކާރުން ބޭނުންވެގެން ކުރާ ކަމެއްކަން އެނގި ސާފުވެގެންދެއެވެ. ރައީސް އަށް ވަފާތެރި ހާދިމުންގެ ގޮތުގައި ތިބި މަޖިލިސް މެންބަރުން ދިޔައީ މީޑިއާއަށް ކުރުދޮށިން ދެމުންނެވެ. މީޑިއާތަކުގައި ބޭނުންހާ ވަހަކައެއް ނުދެއްކޭނެ ކަމާއި މީޑިއާ އަކީ މާ މަތީ ބައެއް ނޫން ކަމަށް ބުނެ ބިރުދެއްކުމުގެ އުސޫލަކުން އިންޒާރުދެމުންނެވެ.

ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަނީ މިއީ ދައުލަތުގެ 4 ވަނަ ބާރު ކަމުގައިވާތިއެވެ. ނޫން ކަމަށް ވިދާޅުވި ނަމަވެސް ސަރުކާރުން މަޖިލިސް ކޮންޓްރޯލް ކުރެއެވެ. ޖުޑިޝަރީ ފުނޑާލާ މުޅި ޖުޑިޝަރީ ވަނީ ހިސޯރުކޮށްފައެވެ. ނަމަވެސް ލާރިއަޅައިގެން ވެސް ނޫސްވެރިން ގުޑުވާ ނުލެވުމުން ސަރުކާރުން ދެން މިފެށީ މީޑިއާތައް އުވާލާ ނޫސްވެރިން ޖަލަށްލާ ބިރުދެއްކޭނެ ގޮތެއް ހޯދުމެވެ.

ރައީސް އަށް މެމްބަރުން އައްޔަނު ކުރެވޭ އަދި ކޮމިޝަންގެ ރައީސް ހަަމަ ޖެއްސޭ ގޮތައް އުފައްދާ އެކަމަކު މިނިވަން ޝަޚްސެއް ކަމަށް ބުނެފައިވާ ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ކޮމިޝަނަށް ހެކިންގެ ގޮތުގައި މީހުން ހާޒިރު ކުރުމުގެ ބާރާއި، ބަލަމުންދާ މައްސަލަ އަކާ ގުޅުން ހުރި ފަރާތްތައް ކޮމިޝަނަށް ހާޒިރު ކުރުމާއި، ބަޔާން ނެގުމާއި، ގުޅުން ހުރި ލިޔުންތައް ހޯދުމާއި، ބެލުމާއި، ބޭނުން ވެއްޖެނަމަ އެ ލިޔުންތައް ކޮމިޝަނަށް ގެނައުމާއި، ލިޔުމުން މައުލޫމާތު ދިނުމަށް އެންގުމާއި، ހެކި ހޯދުން ހިމެނެއެވެ.

އެތައް ވާހަކަތަކެއް ބިލުގައި ލިޔެފައިވާ އިރު އެޔެއް މިޔެއް ދޭހަ ނުވާ ގޮތައް ލިޔެފައިވާ އެތައް ވާހަކަތަކެއް ހުރިކަން ފާހަގަ ވެއެވެ. ހުރިހާ ކަމެއް ވެސް ހުރީ ސަރުކާރަށް ފަހިވާ ގޮތަށެވެ. ހިތް ނުފުރިގެން އުޅޭ ސަރުކާރެއް ކަހަލައެވެ.

މީޑީއާ ތަކަށް ނުފޫޒު ފޯރުވާ ސަރުކާރުގެ މުށުތެރެއަށް ދައުލަތުގެ ހަތަރުވަނަ ބާރު ލުމަށް ފޫގަޅާލި އިރު މިޒަމާނުގައި މީޑިއާ އަކީ އަދި މިހެން ހަދާ ގާނޫނަކުން ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން ކަމެއް މި ނާގާބިލު ސަރުކާރަކަށް ނުވިސްނެއެވެ. ސްމާޓް ފޯނެއް އޮތް ކޮންމެ މީހަކީ މިއަދު ރިޕޯޓަރެކެވެ. ބްރޯޑްކާސްޓަރެކެވެ. އެއް ދޮރު ބަންދު ކުރާ އިރަށް އަނެއް އެއްހާސް ދޮރު މިއަދު އޮތީ ހުޅުވޭ ގޮތަށެވެ.

- ކޮމެންޓް