ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 23:27
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް ޢަބްދުލްޣަފޫރު
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް ޢަބްދުލްޣަފޫރު
ރާއްޖެ އެމްވީ
އަޟްޙާ ޢީދު
އަދީބުގެ އީދު މެސެޖް: ދުޅަހެޔޮކަމާއި، އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީ އާއި މިނިވަން ޖުޑީޝަރީއަކަށް އެދެން
އަދީބްގެ ބޭސްފަރުވާއަށް ވަނީ ހުރަސްއެޅިފަ
އަދީބްގެ ޝަރީޢަތް ދިޔަގޮތުގެ އިންސާފުވެރިކަމާއިމެދު ސިޔާސީ ފަރާތްތަކުން ސުވާލު އުފައްދާ
އަދީބް ގެންގުޅުއްވި 'ހަލާލު ނޫން' ފައިސާ ލިބުނު މެންބަރުން ބޮޑު މަޤާމުތަކުގައި

ހުކުރު ދުވަހު ފާހަގަކުރާ 1438 ވަނަ އަހަރުގެ އަލްޙާ ޢީދުގެ މުނާސަބަތުގައި ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް ޢަބްދުލްޣަފޫރު ދިވެހި ރައްޔިތުންނަށް ޚާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.

އަލްޙާ ޢީދާއި ގުޅުވައިގެން އަދީބް ފޮނުއްވެވި މެސެޖުގައި ވިދާޅުވީ، މި ދުވަހު އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދިވެހި ރައްޔަތުންނަށް ދުޅަހެޔޮ ސިއްހަތެއް ދެއްވުމަށް ކަމަށެވެ. އަދި ހަމަ އެއާއިއެކު ދިވެހި ހުރިހާ ރައްޔިތުންނަށް އަސާސީ އިންސާނީ ޙައްޤުތައް ލިބިގެން ދިއުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަދީބް ވަނީ ރާއްޖޭގައި ޑިމޮކްރަސީ އަލުން ޤާއިމްވެ، ޝަރީއަތްތައް އިންސާފުވެރިވެ، ޝަރުޢީ ނިޒާމު މިނިވަންވެގެން ދިއުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

އަލްޙާ ޢީދާއި ގުޅުވައިގެން އަދީބް ފޮނުއްވެވި މެސެޖުގައި ދިވެހި ރައްޔިތުންނަށް ދުޅަހެޔޮކަމަށް އެދިވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ބޭސްފަރުވާއަށް ވަނީ ހުރަސްއެޅިފައެވެ. އެގޮތުން ލޮލުގެ އެކި މައްސަލަތަކާއި، ކެންސަރަށް ހުށަހެޅިދާން މަގުފަހިވާފަދަ އެތެރެހަށީގެ ސިސްޓާއި، ކިޑްނީގައި ހިލަ އުފެދުމުގެ ސަބަބުން އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ. ނަމަވެސް، ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ސަރުކާރުން ވަނީ އެމަނިކުފާނަށް ހުރަސްއަޅާފައެވެ.

މީގެ ސަބަބުން ފަރުވާ ލަސްވެ، އެމަނިކުފާނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ވެސް އިތުރަށް ގޯސްވަމުންދާއިރު، ދިވެހި ކޮންމެ ރައްޔިތަކަށް ޤާނޫނުއަސާސީން ލިބިދޭ ބޭސްފަރުވާގެ ޙައްޤުން އަދީބް މަހުރޫމް ކުރުމުގެ ސަބަބެއްގެ ގޮތުގައި ސަރުކާރުން ދައްކަނީ ސަރުކާރަށް އަދީބް ދެއްވަން ޖެހޭ ކަމަށް ސަރުކާރުން ބުނާ ފައިސާތަކެއް ދެއްވައިފައި ނުވުމެވެ.  އަދީބްގެ ފުރާނަފުޅަށް ސަރުކާރުން އަގު ކިޔާފައިވާއިރު، ދައުލަތަށް އަދީބް ފައިސާއެއް ދެއްކެވުމަށް އެއްވެސް ކޯޓަކުން އަދީބްގެ މައްޗަށް ޙުކުމެއް ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، އަދީބުގެ މެސެޖުގައި ޖުޑީޝަރީ މިނިވަންކޮށް، ރައްޔިތުންނަށް އިންސާފުވެރި ޝަރީޢަތްތައް ލިބުމަށް އެދިވަޑައިގެންފައިވާއިރު، އަދީބްގެ މައްޗަށް ހިންގުނު ޝަރީޢަތް ދިޔަގޮތާއިމެދު އަދީބުގެ ޤާނޫނީ ވަކީލުންނާއި، ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ އެހެން ފަރާތްތަކުން ވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

އެކި މައްސަލަތަކުގައި އަދީބްގެ މައްޗަށް 33 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، އަދީބް ޖަލުގައި އޮންނެވިއިރު، އަދީބުގެ އަތުގައި ހުރިކަމަށް ސަރުކާރުން ތުޙުމަތުކުރާ "ހަލާލު ނޫން" ފައިސާ ބޭނުން ކުރެއްވި ކަމަށް އެއްބަސްވެވަޑައިގަތް ބޭފުޅުންނާއި، ތުޙުމަތު ކުރެވޭ ގިނަ ބޭފުޅުން އަދިވެސް ތިއްބެވީ އިއްޒަތްތެރިންގެ ގޮތުގައި ސަރުކާރުގެ މަތީ މަޤާމުތަކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް