Advertisement
ކ. މާލެ
|
18 އޯގަސްޓް 2025 | ހޯމަ 10:53
(ކ) ކުރީގެ ރައީސް އަބްދުﷲ ޔާމީން، (ވ) ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާޙިމް
(ކ) ކުރީގެ ރައީސް އަބްދުﷲ ޔާމީން، (ވ) ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާޙިމް
ރާއްޖެއެމްވީ
ޤާސިމް އިބްރާހިމް
ޤާސިމް އަކީ ސީރިއަސްކޮށް މުތާލިއާކޮށްގެން އެއްވެސް މައްސަލައަކަށް ވާހަކަދައްކަވާ ބޭފުޅެއް ނޫން : ރައީސް ޔާމީން
ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ ބިލާއި ދެކޮޅަށް 100 ށް ވުރެ ގިނަ ކައުންސިލުން ދެކޮޅުހަދާފައިވޭ
ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ހިފެހެއްޓޭގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ފައިދާ ލިބޭނީ ރައްޔިތުންނަށް ކަމަށް ޤާސިމް ވިދާޅުވި
ކައުންސިލްތަކަށް ދީފައިވާ ބާރު ހަނިކުރުމަކީ ތާއީދުކުރައްވާ ކަމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމް އަކީ ސީރިއަސްކޮށް މުތާލިއާކޮށްގެން އެއްވެސް މައްސަލައަކަށް ވާހަކަދައްކަވާ ބޭފުޅެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެެވެ.

ޔާމީން އެފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ކައުންސިލްތަކުގެ ޤާނޫނަށް މި ސަރުކާރުން ގެނައި ބަދަލަށް އެ މަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ހިފެހެއްޓޭގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ފައިދާ ލިބޭނީ ރައްޔިތުންނަށް ކަމަށް ޤާސިމް ވަނީ ސިފަކުރައްވާފައެވެ. އެކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ޤާސިމް އަކީ އޭރަކު ވައިޖެހޭ ގޮތަކަށް ވާހަކަދައްކަވާ ސީރިއަސް ނޫން ބޭފުޅެއް ކަމަށް ސިފަކުރައްވާފައެވެ.

ކައުންސިލްތަކަށް ދީފައިވާ ބާރު ހަނިކުރުމަކީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެއީ ޒަމާނުއްސުރެ ކައުންސިލްތައް ބާރުވެރިކުރުވަން ކުރަމުން އައި މަސައްކަތް ފަހަތަށް ޖައްސާލުން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

" ކައުންސިލްތަކުގެ ޤާނޫނަށް ޤާސިމް ތާއީދުކޮށް އެބަ ވާހަކަ ދައްކަވާ. ޤަސިމް އަކީ އަކީ އޭރެއްގައި ވައިޖެހޭ ގޮތަކަށް ވާހަކަދައްކަވާ ބޭފުޅެއް. އެއްވެސް މައްސަލައެއްގައި ސީރިއަސްކޮށް މުތާލިއާކުރައްވާ ބޭފުޅެއް ނޫން. މިހާރު ކޯޓަށް ގޮސްގެން ކައުންސިލް އުވާލަންވީ. އެކަމަކު ކައުންސިލަކީ އިންތިޚާބުކުރާ ބައެކޭ. ކައުންސިލްތައް އުވާލެވޭ ނަމަ ރައީސުލްޖުމްހޫރިއްޔާ އާއި މެދު ވެސް އޮންނަން ވާނީ އެ ގޮތް." ރައީސް ޔާމީން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިނގުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އެއީ މުހިންމު އިސްލާހުތަކެއް ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

އެ އިސްލާހުތަކަކީ މިއަދުގެ ހާލަތާއި ގުޅިގެން ބޭނުން ޖެހިފައިވާ އިސްލާހުތަކެއް ކަަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ބަޔާންކޮށްފައި ވާއިރު ރާއްޖެ އަކީ ފެޑްރަލް ދައުލަތެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. ލާމަރުކަޒީ ޤާނޫނު އޮންނަން ވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނޭ މިންވަރަށް ކަމަށާއި ހިންގުމުގެ ބާރުތަކާއި ފްރޭމްވޯކްތަކާއި ފުށުއަރައިގެން ނުވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނައުމުގެ ބިލަކީ، 6 އޮގަސްޓު 2025 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. އެ ބިލާއި ދެކޮޅަށް 100 ށް ވުރެ ގިނަ ކައުންސިލުން ދެކޮޅުހަދާފައިވެއެވެ.

- ކޮމެންޓް