މާލޭގެ އިމާރާތެއްގެ ބައެއް ވެއްޓި ޕާރކްކޮށްފައި ހުރި އުޅަނދުތަކަކަށް ގެއްލުން ވެއްޖެއެވެ.
ހޮނިހިރު ދުވަހު ވެއްޓިފައި ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ކުރިން ހިންގި އިމާރާތުން ބައެކެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބުނީ ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުން ބައެއް ވެއްޓިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެތަނާއި ޖެހިގެން ހުރި އިމާރާތަށާއި ޕާކްކޮށްފައި ހުރި ދެ ސައިކަލުގެ އިތުރުން ދެ ކާރަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެ ހާދިސާ އާއި ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާއި ހިއްސާކޮށްފައިވާނެ ކަމަށާއި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަަަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އިމާރާތުން ބައެއް ވެއްޓުނު ތަނަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތަނެކެވެ. މީގެ ކުރިން އެތަނުގައި ގައުމީ ޔުނިވާސިޓީގެ ކްލާސްތައް ވެސް ހިންގިއެވެ. އެހެންނަމަވެސް އެތަނުގެ ހާލަތު ގޯސްވުމާ ގުޅިގެން ކްލާސްތައް ހިންގުން ފަހުން ހުއްޓާލިއެވެ.