ކ. މާލެ
|
16 އޯގަސްޓް 2025 | ހޮނިހިރު 13:07
އެމެރިކާގެ ނިއުޔޯކްގެ މަގެއްގެ މަތީގައި މީދާ އުޅޭ މަންޒަރު
އެމެރިކާގެ ނިއުޔޯކްގެ މަގެއްގެ މަތީގައި މީދާ އުޅޭ މަންޒަރު
ގެޓީއިމޭޖަސް
ކުނި މެނޭޖްކުރުން
ނިއުޔޯކް ސިޓީ ގައި މީދަލާ ދެކޮޅަށް ހަނގުރާމަ ފަށައިފި
ނިއު ޔޯކް ސިޓީގެ މަގުތަކުގައި މީދާ ގިނަވެ، ކުޑަކުދިންނަށް ނުރައްކާވާ ހިސާބަށް ދިޔުމާއެކު، މި ބޮޑު މައްސަލައާ ކުރިމަތިލުމަށް އެޑްވާންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚާއްޞަ ހަނގުރާމައެއް ފަށައިފިއެވެ. މީދަލުގެ އާބާދީ ކޮންޓްރޯލް ކުރުމަށް، މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އެސޮރުމެންނަށް ކާނާ ލިބޭނެ މަގުތައް ބަންދުކުރުމަށެވެ.

ނިއު ޔޯކް ސިޓީގެ މަގުތަކާއި މެޓްރޯ ސްޓޭޝަން ތަކުގައި މީދާ ގިނަވުމުގެ ސަބަބުން ކުޑަކުދިން މަގުމައްޗަށް އެކަނި ދޫކޮށްލަން ނުކެރޭ ހިސާބަށް ދިޔުމާއެކު، އެ ސިޓީން މިހާރު ވަނީ މީދަލާ ދެކޮޅަށް ހަނގުރާމައެއް ފަށާފައެވެ.

ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މި މައްސަލައާ ކުރިމަތިލުމަށްޓަކައި، އޮފިޝަލުން މިހާރު ވަނީ މީދާ އާލާވާ ތަންތަނަށް ވިހަ ގޭސް ދޫކޮށްގެން މަރާލުމުގެ ބަދަލުގައި، އެޑްވާންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން މެޕްކުރުމާއެކު މީދަލުގެ އާބާދީ އާލާ ނުވާ ގޮތް ހެދުމަށް މަސައްކަތް ފަށާފައެވެ.

މިކަމަށް ޚާއްޞަ ފިޔަވަޅުތަކާއެކު، އޮފިޝަލުން ވަނީ މީދަލުގެ އާބާދީ އިތުރުވުމަށް މަގުފަހިވާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ވެފައިވާ އެ ސޮރުމެންނަށް ފަސޭހައިން ކާތަކެތި ނުލިބޭނެ ގޮތް ހެދުމުގެ ގޮތުން ކުނި އުކާލުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަމާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

ނިއު ޔޯކް ސިޓީގެ ހެލްތް ޑިޕާޓްމަންޓުގެ ޕެސްޓް ކޮންޓްރޯލް ސަރވިސަސްގެ ނެއިބަރހުޑް އިންޓަރވެންޝަންސްގެ ޑިރެކްޓަރ ކެރޮލައިން ބްރެގްޑަން އޭ.އެފް.ޕީއަށް ބުނެފައިވަނީ ކާނާ ނުލިބުމުން މީދަލާއި އެހެނިހެން ސޫފާސޫފި އާލާ ވުމަށް ހުރަސް އެޅޭނެ ކަމަށެވެ.

އެ ސިޓީން މިހާރު ވަނީ މީދާ މަދުކުރުމަށް ބޭނުން ކުރެވިދާނެ އެކި ބާވަތުގެ ވަސީލަތްތައް ޓެސްޓްކުރަން ފަށާފައެވެ. މީގެ މަޤްޞަދަކީ މީދަލާ ދެކޮޅަށް ބޭނުންކުރާނެ އައު އުފެއްދުންތަކާއި ގޮތްތައް ހޯދުމެވެ.

8.5 މިލިއަން މީހުން ދިރިއުޅޭ ނިއު ޔޯކް ފަދަ އާބާދީ ބޮޑު ސިޓީތަކުގައި މީދަލަށް ކާނާ ލިބޭނެ ގޮތްތައް ވަރަށް ގިނައެވެ. އެއީ މަގުމަތީގައި ވިޔަސް، ފުރިފައިވާ ކުނިވަށިތަކުން ވިޔަސް، ނުވަތަ ޕާކުތަކުން ވިޔަސް މެއެވެ.

ހަމަ ކޮންމެ އެއްޗެއް ކައިގެން ދިރިއުޅެވޭ މީދަލަށް، ކުނީގެ ގޮތުގައި އުކާލެވޭ ތަކެތިން ވެސް ދިރިއުޅެވޭ ކަމަށް އޮފިޝަލުން އިންޒާރުދެއެވެ. މިސާލަކަށް ރީސައިކަލްކުރާ ވަށިތަކަށް ލުއިބުއިން ހުސްކުރުމަށް ފަހު އެއްލާލާ ދަޅުތަކުން ވެސް ބާކީ ހުންނަ އެތިކޮޅު މީދާ ބޭނުން ކުރެއެވެ.

މީދަލަކަށް ދުވާލަކު ބޭނުންވަނީ އެންމެ އައުންސެއް (28 ގްރާމް) ކާނާއެވެ.

އަހަރަކަށްވުރެ ވުރެ އުމުރު ކުރު އެއްޗަކަށް މީދާ ވީ ކަމުގައި ވިޔަސް، މީދަލަކަށް ފަސް ނުވަތަ ހަތް ފަހަރު ވިހެވެއެވެ. އަދި އެއްފަހަރާ 12 އަށްވުރެ ގިނަ ދަރިން ވިހައެވެ.

މީދަލުގެ އުނދަގޫ ކުޑަކުރުމަށް އެންމެ ރަނގަޅު ގޮތަކީ "އެ ސޫފާސޫފީގެ ކާނާ ލިބޭނެ ގޮތްތައް ނައްތާލުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އޭގެ މާނައަކީ ރަނގަޅަށް ކުނި މެނޭޖް ކޮށްގެން ނޫނީ މީދަލުގެ އާބާދީ ކޮންޓްރޯލް ކުރުން ފަސޭހައެއް ނުވާނެ ކަމެވެ.

- ކޮމެންޓް