Advertisement
ކ. މާލެ
|
15 އޯގަސްޓް 2025 | ހުކުރު 08:52
ވެރިރަށް މާލޭގައި ފަލަސްތީނަށް ތާއިދު ކޮށް ބޭއްވި އެއްވުމެއް - 14 އޮކްޓޯބަރ 2023
ވެރިރަށް މާލޭގައި ފަލަސްތީނަށް ތާއިދު ކޮށް ބޭއްވި އެއްވުމެއް - 14 އޮކްޓޯބަރ 2023
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
ޣައްޒާ ހިސޯރު ނައްތާލުމަށް ގޮވާލާ ގައުމީ ބޮޑު އެއްވުން މިއަދު ހަވީރު
މާލޭގައި ޣައްޒާއަށް ތާއީދުކޮށް އެއްވުން ހުކުރު ދުވަހު ހަވީރު 4:30 އަށް މާފަންނު ޓާފު ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައި
50 އަށްވުރެ ގިނަ ކައުންސިލާއި ގިނަ އަދަދެއްގެ ޖަމިއްޔާތަކުން މި އެއްވުމުގައި ބައިވެރިވާނެކަމަށް އަންގާފައި
މިއީ ޣައްޒާގެ ހިސޯރު ނައްތާލުމަށް ހިންގާ ގްލޯބަލް ސުމުދު ފްލޯޓިލާގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެއް

ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން، ޣައްޒާ ހިޞޯރު ނައްތާލުމަށް ގޮވާލާ ޤައުމީ ބޮޑު އެއްވުން ހުކުރު ދުވަހު ހަވީރު ރާއްޖޭ ގައި އޮންނާނެ އެވެ.

މާލޭގައި އެއްވުން ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު 4:30 ހާއިރު މާފަންނު ޓާފު ދަނޑުގައެވެ.

މާލޭ ގައި މި ހަރަކާތް ކުރިއަށް ގެންދާއިރު، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ވެސް މިއެއްވުން ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާ ފަރާތްތަކުން ވަނީ އެދިފައެވެ.

މި ހަރަކާތުގައި 50 ށް ވުރެ ގިނަ ކައުންސިލުން ބައިވެރިވާނެކަން އަންގާފައިވާ ކަމަށް އިންތިޒާމު ކޮމިޓީން ބުނެއެވެ.

އެއްވުން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ގެ އިތުރުން ގިނަ އަދަދެއްގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އާންމު ފަރާތްތައް އިންތިޒާމު ކުރުމުގައި ވަނީ ބައިވެރިވެފައެވެ.

ޣައްޒާ ގެ ހިސޯރު ނައްތާލައި އެހީގެ ތަކެތި ޣައްޒާ އަށް ވެއްދުމަށް އިސްރާއީލުން ކުރިމަތި ކޮށްފައިވާ ހުރަސްތައް ނައްތާލުމަށް މުޅި ދުނިޔެއިން ގެންދަނީ ގޮވަމުންނެވެ.

ޣައްޒާ ގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައި ވަނީ ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން ޣައްޒާ ސިޓީގެ ޒައިތޫން ސަރަޙައްދުގެ އެކި ތަންތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 17 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

ޣައްޒާ ގެ ޞިއްހަތާ ބެހޭ ވުޒާރާ އިން ބުނެފައި ވަނީ ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިން ބަންދުކޮށްފައިވާ މި ސަރަޙައްދުގައި އިސްރާއީލު ބާރުތަކުން މަދުވެގެން 54 ފަލަސްޠީނު މީހުން ޝަހީދު ކޮށްލާފައިވާ ކަމަށާއި 831 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ޝަހީދު ކޮށްލި މީހުންގެ ތެރޭގައި އެހީ ހޯދަން އުޅުނު 22 މީހުން ހިމެނެއެވެ.

މެއި މަހުން ފެށިގެން އެމެރިކާ އަދި އިސްރާއީލުގެ އެހީތެރިކަމާއެކު ޣައްޒާ ގައި ޤާއިމުކޮށްފައިވާ އެހީ ބެހުމުގެ މަރުކަޒުތަކުގެ ކައިރީގައި ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،881 އަށް އަރާފައެވެ.

އިސްރާއީލުގެ އަނިޔާވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ބުދަ ދުވަހު އިސްރާއީލު ސިފައިންގެ އިސްވެރިޔާ ބުނެފައި ވަނީ ޣައްޒާ ސިޓީ އަދި އެ ސަރަޙައްދު ގައި ހިންގާ ރެފިއުޖީ ކޭމްޕްތައް ކޮންޓްރޯލް ކުރުމަށް އައު ޕްލޭނެއް ފާސްކޮށްފައިވާ ކަމަށެވެ.

މި ކޭމްޕްތަކަކީ 22 މަސް ދުވަހަށް ވުރެ ގިނަ ދުވަހު އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކުން ހަލާކުވެފައިވާ ފަލަސްޠީނުގެ މި ސަރަޙައްދުގެ އެންމެ އާބާދީ ބޮޑު ސަރަޙައްދުތަކުގެ ތެރެއިން ބައެކެވެ.

އަނެއްކޮޅުން، 100 އަށްވުރެ ގިނަ ޖަމްޢިއްޔާތަކުން ރިޕޯޓުކޮށްފައި ވަނީ ޣައްޒާ ސަރަޙައްދަށް ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އެހީ ވެއްދުމަށް "އެތައް" އެންޖީއޯތަކަކުން ހުށަހެޅި ހުށަހެޅުންތައް އިސްރާއީލު ސަރުކާރުން ބަލައި ނުގަންނާނެ ކަމަށް ބުނެފި ކަމަށެވެ.

ޑޮކްޓަރސް ވިތައުޓް ބޯޑަރސް (އެމްއެސްއެފް) އަދި ސޭވް ދަ ޗިލްޑްރަން ފަދަ އެންޖީއޯތަކުން ސޮއިކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، މި ޖަމްޢިއްޔާތަކުގެ ތެރެއިން ގިނަ ޖަމްޢިއްޔާތަކަކީ އެތައް ގިނަ އަހަރެއް ވަންދެން ޣައްޒާ ގައި މަސައްކަތް ކޮށްފައިވާ ޖަމްޢިއްޔާތަކެއް ކަމުގައި ވީނަމަވެސް، މި ޖަމްޢިއްޔާތަކަކީ "އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދެވިފައިވާ" ފަރާތްތަކެއް ނޫން ކަމަށް ބުނެ އިސްރާއީލުން މި ހުށަހެޅުންތައް ބަލައި ނުގަތް ކަމަށެވެ.

މީގެ ސަބަބުން، އެތައް މިލިއަން ޑޮލަރުގެ އަގުހުރި ކާނާ، ބޭސް، ފެން އަދި ހިޔާވަހިކަމަށް ބޭނުންވާ ތަކެތި މިހާރު ވަނީ ޖޯޑަން އަދި މިޞްރުގެ ގުދަންތަކުގައި ބަހައްޓާފައެވެ.

ހުކުރު ދުވަހުގެ ހަރަކާތަކީ ޔަހޫދީ ދައުލަތުން ޣައްޒާ ހިސޯރުކޮށްގެން އުޅުމާ ދެކޮޅަށް އަޑު އުފުލައި ޣައްޒާ "ހިޞޯރުން" ނައްތާލުމަށް ހިންގާ ގްލޯބަލް ސުމުދު ފްލޯޓިލާގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެެކެވެ.

ރާއްޖޭގެ އިތުރުން ހުކުރު ދުވަހު ބަންގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން، ފިލިޕީންސް ގައި ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް އިންތިޒާމު ކޮމިޓީން ބުނެފައިވެއެވެ.

މިއީ ޣައްޒާ ގައި އިސްރާއީލުން ހިންގާ އަނިޔާވެރި ކަމާ ދެކޮޅަށް ރާއްޖޭ ގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއްވުމަށް ވާނެ ކަމަށް އިންތިޒާމު ކުރާ ފަރާތްތަކުން އުއްމީދު ކުރެއެވެ.

- ކޮމެންޓް