ރައީސް މުއިއްޒުގެ މި ސަރުކާރު އައިފަހުން އެންމެ އަޑުގަދަކޮށް ދެކެވޭ އެއްވާހަކަ އަކީ އަމިއްލަ ކުންފުނިތަކުން ކޮންޓްރެކްޓް އުސޫލުން ކުރާ މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ސަރުކާރުން ނުދޭ ވާހަކަ އެވެ.
މި ޝަކުވާ ބޮޑުވެފައިވާއިރު، ސަރުކާރުން އަމިއްލަ ކުންފުނިތަކުން ކުރާ މަސައްކަތަށް ދޭން ޖެހޭ ފައިސާ ނުދީ ހުރިއިރު، އެކަމުގައި މާލީ ބޮޑެތި ގެއްލުންތައްވެ، ވިޔަފާރި ހުއްޓާލަންޖެހޭ ހިސާބަށް ބައެއް ކުންފުނިތައް ވަނީ ގޮސްފައެވެ.
އެކަމުގެ ޝަކުވާ ބޮޑުވި ނަމަވެސް ހިތާމައަކީ، އެކަމަށް އެދެވޭ ހައްލެއް ގެނައުމަށް ރައީސް މުއިއްޒުގެ މި ސަރުކާރުން މަސައްކަތްކުރާ މަންޒަރު ނުފެންނަކަމެވެ. އަމިއްލަ ކުންފުނިތަކުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވެސް ތަކުރާރުކޮށް ދައްކަނީ މި ވާހަކައެވެ. އެހެން ނަމަވެސް ބަޔަކު ކުރާ ޝަކުވާއެއް، ކިޔާ ފާޑަކަށް ބެލުމެއް ނެތި މި ސަރުކާރުން އެކިއެކި ޕޯޑިއަމްތަކުގައާއި، ނޫސް ކޮންފަރެންސްތަކުގައި ބުނަމުން އަންނަނީ ގައުމު ދަނީ ރަނގަޅަށް ކަމަށެވެ. ގައުމުގެ ހާލަތު ރަނގަޅު ކަމަށެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މި ސަރުކާރުން މޮޅު ވާހަތައް ދައްކައި މި ފަދަ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި އެ މައްސަލަތަކަށް ފަސް އަޅައި ފޮރުވާލަނީއެވެ.
އަމިއްލަ ކުންފުނިތަކުން ސަރުކާރާއެކު ހަދައިފައިވާ އެއްބަސްވުމާއި އެކު މަސައްކަތްކުރާ ބައެއް ވިޔަފާރިތަކުން ބުނާ ގޮތުގައި ވޭތުވެދިޔަ ތިން ހަތަރު އަހަރުތެރޭ ކޮންޓްރެކްޓަރުންނަށް ދިމާވަމުންދާ ކަންތައްތަކުގެ ސަބަބުން އެ ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް އިނދަޖެހި، ދަރަނިވެރިވެ، ގޮތް ހުސްވެފައެވެ. އަދި ގިނަ ކޮންޓްރެކްޓަރުން ވަނީ އަނބުރާ މަސައްކަތަށް ނާދެވޭ ވަރަށް ބަނގުރޫޓުވެފައެވެ.
އެގޮތަށް އެކަން ވާންޖެހުނީ ރާއްޖޭގެ އިގްތިސޯދަށް ނުވަތަ ކޭޝްފްލޯއަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކޮންޓްރެކްޓަރުން ހުށަހަޅާ ބިލުތަކަށް އެއްގޮތަކަށް ވެސް ފައިސާ ނުލިބުމުގެ ސަބަބުން ކަމަށް އެމީހުން ބުނެއެވެ.
އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ނުދީ އެބައޮތެވެ. މި އަހަރުގެ ޖަނަވަރީ ހަތްވަނަ ދުވަހު ގދ. ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ގޮތުގައި ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން, ކޮށްފައިވާ މަސައްކަތްތަކަށް ދައްކަންޖެހޭ 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭރު ދޫކުރަން ވަނީ ފަށާފައެވެ. އަދި އެ މައްސަލަ މި އަހަރުގެ ރޯދަމަހުގެ ކުރިން ހައްލުކުރައްވާނެ ކަމަށް ވެސް އޭރު އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް ރޯދަމަސް ނިމި އަނެއް ރޯދަމަހާއި ގާތްވަމުން އަންނައިރުގައި ވެސް އެ ފައިސާ ދޫކޮށް ނިންމާފައެއް ނުވެއެވެ.
ހަގީގަތަކީ ކޮންޓްރަކްޓަރުން ހުށަހަޅާ ބިލުތަކަށް ފައިސާ ނުލިބޭތީ ނުވަތަ ލިބުން ލަސްވުމުގެ ސަބަބުން މުވައްޒަފުންނަށް މުސާރައާއި ކޮއްތު ފައިސާ ނުދެވިފައިވާއިރު ކުއްޔަށް ހިފާފައިވާ ގެތަކާއި އޮފީސްތަކަށް ވެސް ވަނީ ކުލި ނުދެއްކިއެވެ. އެކަމުގެ ސަބަބުން ދިމާވާ ދަތިތަކަކަކީ ހައްލެއް ހޯދަން އުނގަދޫ ދަތިތަކެއް ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކޮންޓްރެކްޓަރުން ބުނާ ގޮތުގައި އެ ފަރާތްތަކުގެ ބޭނުމަށް ކުއްޔަށް ހިފާފައިވާ ތަންތަނަށް ކުލި ނުދެއްކިގެން އެތަންތަނުން ނުކުންނަން ޖެހުމާއި، ބޭންކުން ނަގާފައިވާ ލޯނުތަކަށް ފައިސާ ނުދެއްކޭތީ އެތައް ބޮޑެތި ޖުރިމާނާތަކެއް ވެސް ވަނީ ވެފައެވެ.
އެހެންކަމުން މިފަދަ ކަންކަމާއި ތާށިވުމުގެ ސަބަބުން ދެން ކުރަން ހުންނަ ކަންކަން ވެސް ކުރުމަށް ނުކުޅެދިފައިވާ ކަމަށް ބައެއް ފިޔަފާރިވެރިން ބުނެފައި ވެއެވެ.
އަނެއް ކަމަމަކީ ކޮންޓްރެކްޓަރުން ހުށަހަޅާ ބިލުތަކަށް ފައިސާ ލިބުނަސް ނުވަތަ ނުލިބުނަސް މީރާއަށް ދައްކަންޖެހޭ ޖީއެސްޓީ ފަދަ ހުރިހާ ޓެކްސްއެއް، އެ ދައްކަން އޮންނަ މުއްދަތުގައި ދައްކަންޖެހުމެވެ. މީރާއަށް ދައްކަންޖެހޭ ޓެކްސް ނުދެއްކިވާތީ ޖޫރިމާނާ އަރަމުން ގޮސް އެކައުންޓުތައް ފްރީޒްކޮށް ނަން ހާމަކުރަމުންދާއިރު، އާ ބިޑްތަކެއް އިއުލާނުކުރި ކަމުގައިވިޔަސް، ޓެކްސް ކްލިއަރެންސް ރިޕޯޓު ނުލިބިގެން އައު ބިޑުތަކަށް ކުރިމަތި ލެވޭނެ ގޮތެއްވެސް ނެތްކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކޮންޓްރެކްޓަށް މަސައްކަތްކުރާ ކުންފުނިތަކަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްތެރިންގެ ގޮތުގައި ގެންގުޅޭ ބައެކެވެ. ނަމަވެސް ދައްކަންޖެހޭ ވިސާ ފީއާއި، ކޯޓާ ފީ ނުދެއްކިވާތީ ބޭރު މީހުންނާ ބެހޭ ހުރިހާ ޚިދުމަތެއް ކަހަލަ ގޮތަކަށް ވަނީ ހުއްޓިފައެވެ. އެހެންކަމުން ބޭރުން މީހަކު ގެނެވެން ނެތް އިރު ތިބި ބަޔަކު ފޮނުވޭނެ ގޮތެއް ނެތްކަމުގެ ޝަކުވާ ވެސް ބޮޑެވެ.
ފައިސާ ނެތުމުގެ ސަބަބުން ޕާފޯމަންސް ގެރެންޓީއާއި އެޑްވާންސް ޕޭމަންޓް ގެރެންޓީ ހެއްދި ތަންތަނަށް ދައްކަންޖެހޭ ފައިސާ ނުދެއްކިވާތީ އެފަރާތުން އެ ގެރެންޓީތައް އައު ނުކޮށްދޭއިރު އާ ގެރެންޓީތައް ހެއްދޭނެގޮތެއްވެސް ނެތެވެ. މިކަން ބޮޑުވެ، އަމިއްލަ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ ސަރުކާރުން މިހާރު ސަރުކާރު މަޝްރޫތައް ދެމުން އަންނަނީ ފެނަކަ، އެމްޓީސީސީ އަދި އާރުޑީސީ ފަދަ ސަރުކާރު ކުންފުނިތަކަ ށެވެ.
ކޮންޓްރެކްޓަރުން ބަނގުރޫޓުވެ ހާލުގައި ޖެހުމަކީ ދިވެހި އެތައް އައިލާއަކަށް އެކަމުގެ ހިތްދަތިކަމާއި ވޭން އުފުލަންޖެހިފައިވާ ކަމެކެވެ. މުޅި އުމުރުގައި ކުރަމުންދިޔަ މަސައްކަތް ހުއްޓި، ހޯދި ހުރިހާ ތަކެއްޗެއް ގެއްލުމުގެ ފުރުސަތު އޮތް ކަމެކެވެ. އެހެން ނަމަވެސް މި ކަމުގައި ސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް ނެތެވެ.