މަޝްހޫރު ކެލިގްރަފަރ އަދި ކޭޓަރިން ދާއިރާގެ މަގްބޫލް ވިޔަފާރިވެރިޔާ އަލްމަރުޙޫމް މުޙައްމަދު ފާއިޒްގެ އަތުލިޔުން ރަމްޒުކޮށްދޭ ގޮތަށް "ދަނބުމާ" ފޮންޓް ތައާރަފްކުރީ އާދިއްތަ ދުވަހުއެވެ.
އެ މަނިކުފާނު އަމިއްލަ އަތްޕުޅުން ލިޔުއްވާފައިވާ ރެސިޕީ ފޮތެއް އަސްލަކަށް ބަލައިގެން އެކުލަވާލާފައިވާ މި ފޮންޓުގެ އަސްލު ގުޅެނީ މުޅި އާއިލާ އަށް ފައްސި ޚިޔާލުތަކެއް ގެނެސްދޭ ހަނދާނަކާއެވެ. އެހެންނަމަވެސް، ރެސިޕީ ފޮތަކުން ފޮންޓަކާއި ހިސާބަށް "ދަނބުމާ" ފޮޅުނު ގޮތުގެ ކުރިއަށް، މި ރެސިޕީ ފޮތަކީ ކޮބާކަން އެނގުން މުހިންމެވެ.
މި ފޮތަކީ މަރުޙޫމް މުޙައްމަދު ފާއިޒްގެ އަމިއްލަފުޅު ރެސިޕީތަކާއި ކުރީގެ މަޝްހޫރު ރެސިޕީތައް އަދި ވަކި ފަރާތަކާ ޙަވާލާނުދީ ހުރި ރެސިޕީތައް ހިމެނޭ މުއްސަނދި ރެސިޕީ ފޮތެކެވެ.
ދެން އޮތީ މި ރެސިޕީ ފޮތް ޚާއްސަވާ ގޮތެވެ. ދަނބުމާ އާއިލާ އިން ހާމަކުރާ ގޮތުން މި ފޮތަކީ ފާއިޒް ދުނިޔޭގައި ހުންނެވި އިރު އޭނާގެ ދަރިންނަށް ލޮތްބާއި އެކު ހަދިޔާކުރެއްވި ފޮތެކެވެ. އަދި ކޮންމެ ކުއްޖަކު އެ ފޮތުގެ ކޮޕީ އެއް ހެދުމަށް ފާއިޒް އެދިލެއްވުމާއި އެކު މި ފޮތަށް ދަނބުމާ އާއިލާގެ ހިތުގައި ދެވިފައި ވަނީ ޚާއްސަ ދަރަޖައެކެވެ.
ބައްޕާފުޅުގެ ފޮނި ހަނދާންތަކާއި ގުޅޭ ފޮތަކަށް މި ފޮތް ވުމާއި އެކު ފުރަތަމަ ދަނބުމާ އާއިލާގެ ވިސްނުމަކަށްވީ، ފާއިޒްގެ ރެސިޕީ ފޮތެއް ތައްޔާރުކުރުމެވެ.
"ބައްޕަގެ ރީތި އަތުލިޔުއްވުމުން ލިޔުއްވާފައިވާ އޮތް ފޮތް އަޅުގަނޑުމެން ބެލީ އެ އޮތްގޮތަށް ސްކޭން ކޮށްގެން ޗާޕުކުރެވޭ ތޯއެވެ. އެއީ ބައްޕަގެ ލިޔުން ރީތިކަމުންނެވެ. ދެފުށުގައި ލިޔުއްވާފައި ހުރުމުން، ފޮތުގެ ގަނޑުތައް ތުނިކަމުން އެކަން އެގޮތަށް ނުކުރެވުނެވެ. އަޅުގަނޑުމެން ދެން ވިސްނީ "ލޫޕްކުރާފްޓް" އާ ވާހަކަދައްކައިގެން ބައްޕަގެ އަތުލިޔުން ރަމްޒުކޮށްދޭ ފޮންޓެއް ހެދުމަށްފަހު، މިފޮތް ޝާޢިއުކުރާށެވެ. " ފަރުމާ އާއިލާ އިން ވަނީ ބުނެފައެވެ.
މި ފޮންޓް އެކުލަވާލާފައި ވަނީ ލޫޕްކްރާފްޓް އިންނެވެ. ލޫޕްކްރާފްޓުގެ "ރާއްޖެޓައިޕް"ގެ މަަސައްކަތްތައް ފެނުމުން މި ފޮންޓް ލޫޕް ކްރާފްޓް މެދުވެރިކޮށް އެކުލަވާލުމުގެ ޝައުގުވެރިކަން އުފެދުނުކަން އާއިލާ އިން ފާހަގަކުރެއެވެ.
" ލޫޕްކްރާފްޓުން އަޅުގަނޑުމެންގެ މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ޝައުޤުވެރިކަން ފައުޅުކުރިއެވެ. "ދަނބުމާ" ފޮންޓު ވުޖޫދު ކުރެވޭއިރު އަޅުގަނޑުމެންގެ ލޯބިވާ ބައްޕަ ވަނީ މި ދުނިޔެ ދޫކުރައްވާފައެވެ. އަދި މި ޚިޔާލު ބައްޕައާއި ހިއްސާކުރެވޭ ގޮތެއްވެސް ވެފައެއް ނެތެވެ. އެހެންނަމަވެސް ބައްޕަގެ މި ޝައުޤުގެ ހަނދާން އައު ކުރުމަށްޓަކައި "ލޫޕްކްރާފްޓް" އިން ކޮށްދެއްވި ފުރިހަމަ އަގުހުރި މަސައްކަތް ޝުކުރުވެރިކަމާ އެކު ޢާއިލާއިން ފާހަގަކުރަމެވެ. އަދި "ލޫޕްކްރާފްޓް"ގެ އެހީއާއެކު ބައްޕަގެ މި ހުވަފެނުގައި ކުލަޖައްސާލަދެވޭތޯ އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުންނެވެ." ދަނބުމާ އާއިލާ އިން ވަނީ ބުނެފައެވެ.
"ލޫޕްކްރާފްޓް" އިން ފަރުމާކޮށްދެއްވާފައިވާ މި ފޮންޓް ހިތް ގައިމުވެފައި ސާދާއެވެ. ދަނބުމާ ފޮންޓަކީ ހަމައެކަނި ފޮންޓެއް ނޫނެވެ. މިއީ ލޮތްބާއި އެކު ދަނބުމާ އާއިލާ އިން ލޯބިވާ ބައްޕާފުޅު ދަނބުމާ ފާއިޒަށް ތަހުސީސްކޮށްފައިވާ އަގު ނުކުރެވޭ ވަރުގެ ރަމްޒެކެވެ.