ބޭންކް އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ (ނެޝަނަލް ސެންޓަރ ފޯ އިންފޯރމޭޝަން ޓެކްނޮލޮޖީ- އެންސީއައިޓީ) އަދި މާސްޓަރކާޑް ގުޅިގެން ސްޓްރެޓީޖިކް އެސްބަސްވުމެއްގެ ދަށުން، 'މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމް' ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
މިއީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމް އިތުރަށް ހަލުވިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ރާވާފައިވާ މި ސްޓްރެޓެޖިކް ޕްރޮގްރާމްގެ މަގްސަދަކީ، ދިވެހި ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތަކަށް ފަހި ރާއްޖެ އަށް ބިނާ ކުރުމުގެ ތަސައްވުރަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް އެކުލަވާލުމަށް އެހީތެރިވެދިނުމާއި ރައްކާތެރި އަދި ފުރިހަމަ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ މިންވަރު އިތުރުކުރުން ހިމެނެއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގައި ހަރުދަނާ އިންކްލޫސިވް އަދި ކުރިމަގަށް ފަހި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްވެސްމެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނައުމަށް މާސްޓަރކާޑާއި އެންސީއައިޓީއާއެކުމިކުރާ މަސައްކަތުގައި ބައިވެރިވުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން މިހާރަށް ވުރެ ބޮޑަށް އިންކްލޫސިވް ރައްކާތެރި އަދި ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ މުޖުތަމައެއް ބިނާކުރުމަށް އެހީވެދޭނެ ކަމަށާއި، މާސްޓަރކާޑުގެ ބައިނަލްއަގުވާމީ ފެންވަރުގެ ގާބިލުކަމާއި ދިވެހި ފަންނުވެރިކަން ގުޅުމުން ރާއްޖޭގެ މުސްތަގުބަލަށް ހަރުދަނާ ބިންގަލެއް އެޅިގެންދާނެ ކަމަށެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ހެޑް ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމްގައި މާސްޓަރކާޑާއި ބީއެމްއެލްއާ ގުޅިގެން މަސައްކަތްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް، މޯލްޑިވްސް 2.0 ގެ ދަށުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ދެފުށްފެންނަ ނިޒާމެއް ގާއިމުކޮށް އަދި ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް ރާއްޖެ އަށް މިދަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެންނަމުން ކަމަށެވެ.
މާސްޓަރކާޑުގެ ފަރާތުން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ ސަންދުން ހަޕުގޮޑާ ވިދާޅުވީ ޑިޖިޓަލް އިނޮވޭޝަންގެ ސަބަބުން ހުޅުވިގެންދާ އިގްތިސާދީ ފުރުސަތުތަކާއި ފަހި ބަދަލުތަކަށް އޮތް ފުރުސަތު މާސްޓަރކާޑުން ބަލައިގަންނަ ކަމަށެވެ. އަދި މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް، ޑޭޓާ އާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންތެރި ނަތީޖާތަކެއް ހޯދުމަށާއި ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ ޑިޖިޓަލް އެކޮނޮމީއަކަށް ކުރާ ދަތުރު އަވަސްކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.