ކ. މާލެ
|
9 އޯގަސްޓް 2025 | ހޮނިހިރު 19:08
ޣައްޒާގެ ޣައްޒާ ސިޓީ އަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން ރެޒިޑެންޝަލް ޓަވަރެއް ގޮވި މަންޒަރު - އޮކްޓޯބަރ 12، 2025
ޣައްޒާގެ ޣައްޒާ ސިޓީ އަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން ރެޒިޑެންޝަލް ޓަވަރެއް ގޮވި މަންޒަރު - އޮކްޓޯބަރ 12، 2025
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
ޣައްޒާ ސިޓީ ހިފުމަށް އިސްރާއީލުން ނިންމި ނިންމުން އަރަބި އަދި މުސްލިމް ގައުމުތަކުން ކުށްވެރި ކޮށްފި
ޣައްޒާ ސިޓީ މުޅިން ހިފުމަށް އިސްރާއީލުން ނިންމި ނިންމުމަކީ ނުރައްކާތެރި އަދި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއްކަމަށް 20 އަށްވުރެ ގިނަ ޤައުމުން ކުށްވެރި ކުރި ނަމަވެސް، އިސްރާއީލުން ވަނީ މި ފާޑުކިޔުންތަކަށް ހަރުކަށިކޮށް ދެކޮޅުހަދައި، އެމީހުންގެ އަޒުމް ބަލިކަށި ނުވާނެ ކަމަށް ބުނެފަ.

ޣައްޒާ ސިޓީ މުޅިން ހިފުމަށް އިސްރާއީލުން ފާސް ކުރި ޕްލޭނަކީ މައްސަލަ އިތުރަށް ގޯސް ވާނެ "ނުރައްކާތެރި" ނިންމުމެއް ކަމުގައި ގިނަ އަރަބި އަދި މުސްލިމް ޤައުމުތަކުން ހޮނިހިރު ދުވަހު ބުނެ، އެކަން ކުށްވެރިކޮށްފިއެވެ.

މިސުރު، ސައޫދީ އަރަބިއްޔާ އަދި ތުރުކީ ހިމެނޭ ގޮތުން 20 ށް ވުރެ ގިނަ ގައުމުން ބުނެފައިވަނީ މި ޕްލޭނަކީ "ބައިނަލްއަޤްވާމީ ޤާނޫނުގެ ސާފު ޚިލާފުވުމެއް ކަމަށާއި އަދި ޣައިރު ޤާނޫނީ ހިސޯރު ކުރުން ދެމެހެއްޓުމަށާއި ބައިނަލްއަޤްވާމީ ގާނޫނުތަކާ ޚިލާފަށް ކުރާ މަސައްކަތެއް" ކަމަށެވެ.

ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމުގެ ޕްލޭނަށް ސެކިއުރިޓީ ކެބިނެޓުން ހުއްދަ ދިނުމާ ގުޅިގެން ދުނިޔޭގެ ލީޑަރުންގެ ފާޑުކިޔުންތަކަށް އިސްރާއީލުން ވަނީ ހަރުކަށި ކަމާ އެކު ދެކޮޅު ހަދާފައެވެ.

ޑިފެންސް މިނިސްޓަރ އިސްރާއީލް ކަޓްޒް ބުނެފައިވަނީ އިސްރާއީލު ކުށްވެރިކޮށް ދަތިތައް ކުރިމަތިކުރުމަށް މަސައްކަތްކުރާ ޤައުމުތަކަށް "އަހަރެމެންގެ އަޒުމް ބަލިކަށި ނުކުރެވޭނެ" ކަމަށެވެ.

ޣައްޒާ ގައި ހަނގުރާމަ ފުޅާކުރުމަށް އިސްރާއީލުން ނިންމި ނިންމުމާ ގުޅިގެން އ.ދ އާއި އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާ ހިމެނޭ ގޮތުން އެތައް ޤައުމަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އޭގެ އިތުރުން އިސްރާއީލުގެ މި ނިންމުމާ ގުޅިގެން ޖަރުމަނުވިލާތުން އިސްރާއީލަށް އަސްކަރީ އާލާތްތައް ފޮނުވުން ވަނީ ހުއްޓާލާފައެވެ.

ހުކުރު ދުވަހު އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ނިއުޒީލަންޑް އަދި އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި މި ޕްލޭން ދެކޮޅުހަދާ، ޣައްޒާ ގައި މިހާރު ވެސް އޮތް "ބޮޑު ހަލާކުގެ" ހާލަތް އިތުރަށް "ގޯސްވެގެންދާނެ" ކަމަށް ބުނެފައިވެއެވެ.

- ކޮމެންޓް