Advertisement
ކ. މާލެ
|
8 އޯގަސްޓް 2025 | ހުކުރު 23:05
މުހައްމަދު އައްބާސް، ވެލިދޫ ދާއިރާގެ މެމްބަރު
މުހައްމަދު އައްބާސް، ވެލިދޫ ދާއިރާގެ މެމްބަރު
ރާއްޖެއެމްވީ ގްރެފިކްސް
މެމްބަރު މުހައްމަދު އައްބާސް
އައްބާސްގެ އެންމެ ޕޯސްޓަކުން މުޅި ޕީއެންސީ އަށް ލޮޅުން އަރައިފި
ޕީއެންސީ މެމްބަރުން މަޖުބޫރީ ހާލަތުގައި ސްޓޭޓަސް ލިޔެފައި، އެ ލިޔުނު ފަރާތުން އައްބާސް އަށް ގުޅާފައި، ވާހަކަތައް ކިޔާދީ ހިތްވަރު ދޭ ކަމަށް އައްބާސް ވިދާޅުވި
މިއަދު މެމްބަރުން އެހެން އެ ތިއްބަވަނީ އަދި ވަގުތު ނުޖެހޭތީ ކަމަށާއި ވަގުތު ޖެހުނީމަ ތަޅު ހުޅުވާފައި ފިލައިގެންދާނީ ދަތް އަޅާފައި ކަމަށް އައްބާސް ވިދާޅުވި
ޕީއެންސީގެ މެންބަރުން މަޖުބޫރީ ހާލަތުގައި ބިރުން ތިބެ އައްބާސް ގެ ވާހަކަތައް ދޮގު ކުރަމުން ދާކަމަށް އައްބާސް ވިދާޅުވޭ

ވެރިކަން ހިންގާ ޕާޓީ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބާރަ ނުވަތަ ތޭރަ މެމްބަރުން ވަރަށް އަވަހަށް މުއިއްޒުގެ ސަރުކާރާ ފެޔަށް ޖެހި ރައްޔިތުންގެ ފަޅި އަށް އަރާނެ ކަމަށް ބުނެ އެކްސް ގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ކުރެއްވި ޕޯސްޓާ އެކު ޕީއެންސީ އިން މުޅި ޕާޓީ ކަހަލަ ގޮތަކަށް އެކަން ދޮގު ކުރުމުގައި ސޯޝަލް މީޑިއާ ގައި ތެޅިފޮޅެން ފަށައިފިއެވެ.

އައްބާސް ކުރެއްވި ޕޯސްޓަށް ބައިލައްކަ އަށް ވުރެ ގިނަ ވިއުޒް ލިބިފައި ވާއިރު އެތައް ބަޔަކު ވަނީ އެ ޕޯސްޓް ލައިކް ކޮށް ރީޕޯސްޓް ވެސް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މީހުން ނިސްބަތްވާ ޕާޓީ އާ މެދު ހިތްހަމަ ނުޖެހި ޕާޓީ ދޫކޮށް ގަނޑު ކޮށް ވަކި ވުމަކީ ރާއްޖޭ ގައި އައު ކަމެއް ނޫނެވެ.

އެޕާޓީ އެއްގެ ހިޔަނިން ޕީއެންސީ އުފެދުނު، ޕީޕީއެމްގެ ވެރިކަމުގައި ވެސް އަކަން އޮތީ އެގޮތައް ހިނގާފައެވެ. އޭރު ސުޕަރ މެޖޯރިޓީ މަޖިލީހުގައި ޕީޕީއެމް އަށް އޮތެއް ކަމަކު ޕާޓީގެ ތެރޭގައި ކަންކަން ހިނގަމުންދާ ގޮތާ މެދު މެމްބަރުންގެ މެދުގައި ނުތަނަވަސް ކަން ހިނގާ އެންމެ ފަހުން ފެނުނީ އެއް ފަހަރާ ގިނަ އަދަދެއްގެ މެމްބަރުން ޕާޓީ ދޫކޮށް ނުކުތް ތަނެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީ ތެރޭގައި ވެސް އެފަދަ ކަންކަން ހިނގަމުންދާ ކަމުގެ އަޑުތައް އިވޭތާ އެތައް ދުވަހެއް ވެއްޖެއެވެ.

ބައެއް މެމްބަރުންނަށް މާ ބޮޑެތި މަންފާތައް ސަރުކާރުގެ ތެރެއިން ލިބޭ ވާހަކަ ވެސް މެމްބަރުންގެ ތެރޭގައި ދެކެވޭ އަޑުތައް ވަނީ ފެތުރިފައެވެ. ޕީއެންސީ މެމްބަރުންގެ ތެރޭގައި ވެސް ދަރަޖަ ތައް ހުންނަ ކަމާއި، މާ ބާރުގަދަ ބައެއް މެމްބަރުން ތިބޭތީ ދެން ތިބޭ މެމްބަރުން އެކަމާ ނުރުހިފައި ތިބޭ ވާހަކަތައް ވެސް އިވެއެވެ.

އެ ހުރިހާ އަޑުތަކާ އެކުވެސް، މެމްބަރުން އެ ތިބި ގޮތެއްގައި ތިބީ، ބައެެއް މެމްބަރުން ބުނާ ގޮތުން "އިތުރު ގޮތެއް ނެތިގެން،" ނެވެ.

ރައީސް މުއިއްޒު ގެ ދުރު ވިސްނުމުގެ ދަށުން މެމްބަރުން ލައްވާ މެމްބަރުން ތިބީ "ބަނދެފަ" އެވެ.

ވިހި ވަނަ މަޖިލީހުގެ ޕީއެންސީގެ ސުޕަރ މެޖޯރިޓީ ބޭނުން ކޮށްގެން މުއިއްޒު ހެއްދެވި އެންމެ މޮޅު އުކުޅަކީ މެމްބަރުން ޕާޓީ ބަދަލު ނުކުރެވޭ ގޮތް ހެދުމެވެ.

އެ މެމްބަރަކު އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީ އަކަށް ދައުރުގެ ތެރޭގައި ބަދަލު ވެއްޖެ ނަމަ، އެމީހެއްގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު ހެދި އިރު، އަމިއްލަ އަތުގައި އޮތް ހުރިހާ ބާރެއް މުތުލަގަށް އެހެން ފަރާތަކަށް ހިބައިން ދީ އޮތީ ނިމިފައެވެ.

އައްބާސް ހުކުރު ވިލޭރޭ ވިދާޅުވީ، ގޮނޑި ގެއްލުނަސް ހެޔޮ ކަމަށް ނިންމަވައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ގައުމާއި ރައްޔިތުންގެ ހައްގުގައި ޕީއެންސީ އިން ވަކިވާނެކަން ޔަގީން ކަމަށެވެ.

ސަން ޝިޔާމުގެ ޕާޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ނިސްބަތްވާ މެމްބަރު ވިދާޅުވީ ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕު ގެ ބައްދަލުވުމުގައި ގިނަ މެންބަރުންތަކެއް ސަރުކާރާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ކަމުގެ މައުލޫމާތު އޭނާ އަށް ލިބިވަޑައިގެންނެވި ކަމަށެވެ.

"ގިނަ މެންބަރުން ސަރުކާރުގެ ދެއުޅި އެއްނުވާ އޮއްޓަރެއް ނެތް ސިޔާސަތުތަކަށް ފާޑު ކިއަމުން،" އެ ބައްދަލުވުމުގައި ގެންދެވި ކަމަށް އައްބާސް ވިދާޅުވިއެވެ.

އެމްޑީއޭ ގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް ގެ މިވާހަކަތަކަކީ އާންމުންނާ ހަމަ އަށް އައުން ކިތަންމެހާވެސް ނުރައްކާތެރި ވާހަކަތަކެއް ކަން ޕީއެންސީގެ ވެރިންނަށް ވިސްނޭކަށް މާ ގިނަ ވަގުތުތަކެއް ނުނެގިއެވެ.

އެއާއެކު ފެނުނީ ޕީއެންސީގެ މަޖިލިސް މެމްބަރުން ފަތިފައްޗަށް އައްބާސް ވިދާޅުވި "ހޫނުވެގެން ދިޔަ" ބައްދަލުވުމާ ގުޅޭ ވާހަކަތައް ދޮގު ކޮށް، އައްބާސް އަކީ ބުއްދި ގޯސް، ހަމަ ނުޖެހޭ، އަޚްލާގެއް ނެތް މީހެއް ކަމަށް ހަދަން އަވަސްވި މަންޒަރެވެ. އެކަމަކު މެމްބަރުން މިކަން ކުރެއްވި އިރު ވެސް ކުރައްވާފައި ހުރީ އިރުޝާދެއް ފޮލޯ ކުރާ ބީދައިންނެވެ. ވަކި ތައްގަނޑަކަށް އެކަން ކުރުމުން އަނެއްކާ ވެސް އިތުރު ސުވާލެއް އުފެދޭ ގޮތަށެވެ. ހިތު ރުހުމުން ކުރުމަށް ވުރެ މީހަކު އެންގީތީ އެކަން ކުރާ ބީދައިންނެވެ.

ރައީސް މުއިއްޒު އަށް ވެރިކަން ހޯއްދަވައި ދެއްވީ އެބޭފުޅެއްގެ ވިސްނުމުގެ ކުޅަދާނަ ކަމުން ކަމަށް ކުރިން ވިދާޅުވި، ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އައްބާސް ގެ ވާހަކަތައް ދޮގު ކުރަމުން ވިދާޅުވީ، ޕާލިމެންޓަރީ ގްރޫޕް ގެ އެ ބައްދަލުވުމުގައި އޭނާ ވެސް އިންނެވި ކަމަށާއި، "މިއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަ ތަކެއް،" ކަމަށެވެ.

އައްބާސް ގެ ޕޯސްޓު ގައި ޕީއެންސީ ގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލަމުން ބައެއް މެންބަރުން ސަރުކާރުން ގެންގުޅޭ ނުރަނގަޅު ސިޔާސަތުތަކަށް ބަސް ނުބުނެ އަބަދު މަންމަންވެފައި ނުތިބެވޭނެ ކަމަށާއި ގައުމާއި ރައްޔިތުންގެ ހައްގުގައި ހައްގު ބަސް ބުނަން ނުކުންނާނެ ކަމަށް،" ވިދާޅުވި ކަމަށް ލިޔުއްވާފައި ވެއެވެ.

އަދި އެވަރަކުން ވެސް ނުނިމެއެވެ. އައްބާސް ވިދާޅުވީ، މަޝްވަރާ ނުކުރައްވާ ކުއްލި ކުއްލި އަށް ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ހުށަހަޅާ ބިލުތަކަށް ވޯޓު ނުދެއްވާނެ ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވި ކަމަށެވެ.

"ދާއިރާތަކުގެ ތަރައްގީ އެއްވެސް މިންވަރަކަށް ނުހިނގާ ކަމާއި މޮޅެތި ބަސްތައް ވިދާޅުވުމާއި، ޕްރޮޖެކްޓުތައް އިއުލާން ކުރެއްވުމާއި، ބިންގާ އެޅުން ނޫން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ރުޅިގަދަވެ މާޔޫސްވެފައި ތިބި ކަމަށް މެންބަރުން ޕީޖީ ގްރޫޕް ބައްދަލުވުމުގައި ވިދާޅުވި،" ކަމަށް އައްބާސް ލިޔުއްވާފައި ވެއެވެ.

ހުކުރު ދުވަހު ކުރެއްވި އިތުރު ޕޯސްޓެއް ގައި އައްބާސް ވަނީ ޕީއެންސީ ގެ މެމްބަރުން އައްބާސްގެ ވާހަކަ ތަކަށް ދެމުންދާ ރައްދަށް ވަރުގަދަ ރައްދެއް އަނެއްކާ ވެސް ދެއްވާފައެވެ.

އައްބަސް ވިދާޅުވީ، "ބަރަނި ފަށެއްގެ މަތީގައި ލާގުޅާ އޮށެއް ބޭއްވީމާ ވާގޮތް ވެފައި ތިބިތަން،" އެބަ ފެންނަ ކަމަށާއި، "..ބޮޑު ސޯބު މަރަށް ތެޅޭތަން ފެނުނީމައި އަހުރެން ވަރަށް ހިނިއާދޭ.." ކަމަށެވެ.

އައްބާސް ލިޔުއްވާފައި ވަނީ "ހިނގާ ދިޔަ ކަމެއް ނުހިގާ ކަމަށް ބުނެ މަޖުބޫރީ ހާލަތުގައި ބިރުން ތިބެ ސޯޝަލް މީޑިއާގައި އެކި ބޭފުޅުން ވަކި ވަކިން ސްޓޭޓަސް ލިޔުނަސް އެއީ ހިނގާދިޔަ ކަމެއް.." ކަމުގައެވެ.

މިއަދު ރައްޔިތުންނަށް އެނގި ހާމަވަނީ ރައްޔިތުންގެ މަޖިލީސް އަށް ރައްޔިތުން އިންތިހާބު ކުރެއްވި މެންބަރުން ބަނދެގެން ގެންގުޅުއްވާ ނިކަމެތި ހާލު ކަމަށާއި، ސްޓޭޓަސް ނުލިޔާ ކޮންމެ މީހަކީ ބައްދަލުވުން ލީކް ކޮށްލި މީހެއްގެ ލަގަބު ދޭނެ ކަމަށް ޕީޖީ ގްރޫޕްގައި ލިޔުނީމަ ކޮންމެ މެންބަރަކުވެސް ވަކިވަކިން ސްޓޭޓަސް ލިޔާނެ ކަމަށް އައްބާސް ގެ ޕޯސްޓު ގައި ވެއެވެ.

އައްބާސް އިތުރަށް ވިދާޅުވީ، މަޖުބޫރީ ހާލަތުގައި ސްޓޭޓަސް ލިޔެފައި، އެ ލިޔުނު ފަރާތުން އައްބާސް އަށް ގުޅާފައި، ވާހަކަތައް ކިޔާދީ ހިތްވަރު ދިނުމަކީ އައްބާސް އަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

"...މިއަދު އެހެން އެތިއްބަވަނީ އަދި ވަގުތު ނުޖެހޭތީ..ވަގުތު ޖެހުނީމަ ތަޅު ހުޅުވާފައި ފިލައިގެން ދާނީ ދަތް އަޅާފައިކަން ދަންނަން ވާނެ..ސުވާލަކީ ފާރުގަޑު ފަސޭހަވާނެތޯ؟" އައްބާސް ގެ ޕޯސްޓް ނިންމާލައްވަމުން ވިދާޅުވިއެވެ.

- ކޮމެންޓް