ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި އަހަރުގެ ސްޓާޓަޕް ގްރާންޓުން 3 ވިޔަފާރިއަކަށް ހިލޭ އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެން އަހަރުތަކުގައި ސްޓާޓަޕް ގްރާންޓް މެދުވެރިކޮށް އެހީ ދެމުން އައިސްފައިވަނީ 2 ވިޔަފާރިއަކަށް ކަަމށް އެ ބެންކުން ބުނެއެވެ.
މީގެ އިތުރުން ސްޓާޓަޕް ގްރާންޓް ހާސިލުކުރާ ކޮންމެ ފަރާތަކަށް 500،000 ރުފިޔާގެ ހިލޭ އެހީގެ އިތުރުން، ވިޔަފާރި ހިންގައި ކުރިއެރުވުމަށް ބޭނުންވާ ލަފާ ބޭންކުން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ " ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެއް. މި ގްރާންޓުން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދައި، ވިޔަފާރީގެ އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެ." ކަމަށެވެ.
ސްޓާޓަޕް ގްރާންޓަށް އެދި 7 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅަން ޖެހޭނެއެވެ. ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކުރީ 2022 ވަނަ އަހަރުގައެވެ.
މި ގްރާންޓަށް އެދި ހުށަހެޅުމާއި ޝަރުތުތަކާ ބޭހޭ އިތުރު މައުލޫމާތު https://www.bankofmaldives.com.mv/startup-grant އިން ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެފައިވެއެވެ.