އަޞްޙާބުބޭކަލުންނަށް ބަދުބަސް ބުނުމަކީ އެ މީހެއްގެ ޢަޤީދާ ފާސިދުކަމުގެ ދަލީލަކަށް ފުދޭ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މި ހަފްތާގެ ހުކުރު ހުތުބާ ޚާއްސަކޮށްފައި ވަނީ ޞަޙާބީންނާއި އަހުލުބައިތުންނަށް ލޯބިކުރުމާއި އެ ބޭކަލުންގެ މަޤާމަށެވެ.
އަޞްޙާބުބޭކަލުންނަކީ އެންމެ މާތް، އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އަސްހާބު ބޭކަލުންނަށް ބަދު ބަސް ބުނާ މީހުން ބޭނުންވަނީ އެ ބޭކަލުންގެ މައްޗަށް އަހަރެމެންގެ ހިތް ނުބައިކުރުވައި، އަހަރެމެން ދީނާ ދުރުކުރުވަން ކަމަށް ވަނީ ބުނެފައެވެ.
"އެހެނީ ހަމަކަށަވަރުން އަހަރެމެންގެ ގާތުގައި ކީރިތި ރަސޫލާ މުޙައްމަދު zއަކީ ޙައްޤު ރަސޫލާއެވެ. އަދި ޤުރްއާނަކީ ޙައްޤު ފޮތެވެ. ހަމަކަށަވަރުން ޤުރްއާނާއި ސުންނަތް އަހަރެމެންނަށް ފޯރުކޮށްދެއްވީ ރަސޫލު ﷲ zގެ އަޞްޙާބުބޭކަލުންނެވެ. އެ މީހުން އެދެނީ އަހަރެމެންގެ ދީން ގެނެސްދެއްވި ބޭކަލުންގެ ޤަދަރު ކުޑަކޮށް އިތުބާރު ނަގައިލައި، ޤުރްއާނާއި ސުންނަތް ނެތިކޮށްލުމަށެވެ. އެހެންކަމުން ޤަދަރު ނެތް ބަޔަކީ، އެ ބޭކަލުންނަށް ބަދުބަސް ބުނާ މީހުންނެވެ. އަދި އެ ބައިމީހުންނަކީ ޒިންދީޤުންނެވެ." ހުތުބާގައިވެއެވެ.
އިތުރަށް ހުތުބާގައި ބުނެފައި ވަނީ އަހަރެމެން ނަބިއްޔާ އަށް ފަހު އެންމެ މަތިވެރިކުރާ ބަޔަކީ އެކަލޭގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ޞަޙާބީން ކަމަށެވެ. މި ވޭތުވެ ދިޔަ ޒަމާންތަކުގައި އަހަރެމެންގެ ޢިލްމުވެރީން، މަތިވެރިވެގެންވާ އާލުބައިތުންނާއި، މާތް ޞަޙާބީންނާއި ތާބިޢީންނަށް ބަދުބަސްބުނެ، އިސްލާމީ ތާރީޚުގައި ހިނގައިފައި ހުރި ފިތުނަތަކުގެ ވާހަކަތައް ދައްކައި ފަތުރައި، އެބޭކަލުންނަށް ކުޑައިމީސްކޮށް ހަދާފަ ނުވާ ކަމަށް ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ.
އަހަރެމެން ވާންޖެހޭނީ އެ ބޭކަލުން މާތްކޮށް، އެ ބޭކަލުން ދެކެ ލޯބިވާ، އެ ބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި، އެ ބޭކަލުންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބަޔަކުކަމުގަ ކަމަށް ހުތުބާގައި ވެއެވެ. ނަބިއްޔާގެ ޞަޙާބީންނާއި، އެކަލޭގެފާނުގެ އާލުބައިތުންނަކީ، އަހަރެމެން މަތިވެރިކުރާންޖެހޭނޭ ބަޔެއްކަން ހުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ. އަދި އެ ބޭކަލުންނަށް އިޙުތިރާމުކޮށް އެ ބޭކަލުންނާ މެދު އަހަރެމެންގެ ހިތްތައް ސާފުކުރާންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. ނަބިއްޔާގެ ޞަޙާބީންނަށް ކުޑައިމީސްކޮށް ބަސްބުނުން މަނާކުރައްވާފައިވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
" މި އުންމަތުގެ ނަބިއްޔާ zއަށް ފަހު އެންމެ މަތިވެރިވެގެންވާ ބޭކަލަކީ މި އުންމަތުގެ ފުރަތަމަ ޚަލީފާ أَبُوْ بَكْر رَضِيَ اللّٰه عَنْهއެވެ. އެ ކަލޭގެފާނަށް ފަހު عُمَرُ رَضِيَ اللّٰه عَنْهއެވެ. އަދި އެ ކަލޭގެފާނަށް ފަހު عُثْمَان رَضِيَ اللّٰه عَنْهއެވެ. އަދި އެކަލޭގެފާނަށް ފަހު عَلِي رَضِيَ اللّٰه عَنْهއެވެ. މި ކަމަށް އުންމަތްވަނީ އިއްތިފާޤުވެފައެވެ. އަހަރެމެންގެ ޚުތުބާތަކުގައި ކޮންމެ ފަހަރަކު މި މަތިވެރި ހަތަރު ބޭކަލުންނަށް ހެޔޮ ދުޢާކުރެވެއެވެ. " ހުތުބާގައި ވަނީ މިފަަދައިން ބުނެފައެވެ.
ސުންނަތް ޖަމާޢަތުގެ ޢަޤީދާއަކީ މިއީ ކަމަށާއި މިއާ ޚިލާފުވަނީ ބާޠިލު ފިކުރުތަކުގެ އަހުލުވެރީން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަހަރެމެން ވަޠަނެއްގެ ގޮތުގައި އެއްބައިވަންތަކޮށް އެކައްޗެއްގެ ގޮތުގައި ހިފައިހައްޓައިދިން ވަރުގަދަ އަޤީދާއަކީ ވެސް އެއީ ކަމަށް ހުތުބާގައިވެއެވެ. އަދި މި ޢަޤީދާއިން އަހަރެމެން ފައި ކައްސައިލައިފި ނަމަ، އަހަރެމެންގެ ތެރޭގައި ބައިބައިވުމާއި ތަޅައިފޮޅުމާއި ފިތުނަތައް އުފެދޭނެ ކަމަށް ވެސް ހުތުބާގައިވެއެވެ.