ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 09:32
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
ރައީސް އޮފީސް
އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނަން، ހެކިބަސްދޭނެ ފަނޑިޔާރުން އެބަ ތިއްބެވި: މަހުފޫޒް
ކަންކަން އިސްލާހު ނުވާނަމަ އުއްތަމަ ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށް
ފަނޑިޔާރުންނަށް ނުފޫޒުތައް ފޯރުވައި، ދަތިތައް ކުރިމަތި ކުރުވާ
އަދުލު އިންސާފުގެ ދާއިރާ ބިނާވެގެންވަނީ ރައްޔިތުން ކުރާ އިތުބާރުގެ މައްޗަށް

ރާއްޖޭގެ ޖުޑިޝަރީގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ނުކުރައްވާނަމަ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްސަލަ ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އަށް ހުށަހަޅަން ވަކީލުން ނިންމާފައިވާ ކަމަށާއި އެ މައްސަލައިގައި ހެކި ބަސް ދޭނެ ފަނޑިޔާރުން އެބަ ތިއްބެވި ކަމަށް ގާނޫނީ ވަކީލު މަހުފޫޒް ސައީދު ވިދާޅުވެއްޖެ އެވެ.

"ދުސްތޫރީ ފަސާނާ" ގެ ނަމުގައި ބުދަ ދުވަހު ގާނޫނީ ވަކީލުން ފެށި މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މަހުފޫޒް ވިދާޅުވީ 55 ވަކީލުން ސޮއިކޮށް ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތްކުރި ޕެޓިޝަން އެ ކޯޓުން ބަލައިގަނެފައިނުވާއިރު، އަދިވެސް އެ ޕެޓިޝަން ހުށަހެޅުމުގެ މަސައްކަތް ވަކީލުން ކުރާނެ ކަމަށެވެ. 

މަހުފޫޒް ވިދާޅުވީ ޕެޓިޝަން ހުށަހެޅުމާއެކު ކަންކަން ވަގުތުން ހައްލުނުވާނެ ކަމަށް ވަކީލުން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކަންކަން ހައްލުވާ މަންޒަރު ފެންނަން ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަތައް ހައްލުވާ މަންޒަރު ނުފެންނަނަމަ އުއްތަމަ ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމަށް ވަކީލުން ނިންމާފައިވާ ކަމަށެވެ.

ގާނޫނީ ވަކީލުންތައް ފެށި މަސައްކަތުގައި ގިނަ އަދަދެއްގެ ފަނޑިޔާރުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވައި މަހުފޫޒް ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ޖޭއެސްސީއަށް ހުށަހަޅާ މައްސަލައިގައި ހެކި ބަސް ދެއްވަން ތައްޔާރަަށް ފަނޑިޔާރުންތަކެއް އެބަ ތިއްބެވި ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ފަނޑިޔާރުންތައް އުއްތަމަ ފަނޑިޔާރާ ބައްދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުފޫޒް ވިދާޅުވީ ވަކީލުން މި ނިކުތީ ސީރިއަސްކޮސް ޖުޑިޝަރީ އިސްލާހު ކުރުމަށް ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު ކަންކަން އިސްލާހު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކުޑަކުޑަކޮށް އަޅުގަނޑުމެން ކޮށްލި ކަމެއް ނޫން، ހަމަ ސީރިއަސްކޮށް ޖުޑިޝަރީ އިސްލާހުކުރުމަށް އަޅުގަނޑުމެން މި ނިކުތީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ކުރާނަން އުއްތަމަ ފަނޑިޔާރު އަޅުގަނޑުމެންގެ މި ޝަކުވާތައް އަޑު ވެސް އައްސަވާނެ، އާޚިރުގައި މިކަންކަމަށް އިސްލާހު ގެނެއުމަށް މަސައްކަތް ވެސް ކުރައްވާނެ،" މަހުފޫޒް ވިދާޅުވި އެވެ.

މީގެ އިތުރުން މަހުފޫޒް ވިދާޅުވީ ފަނޑިޔާރުންގެ މައްޗަށް އަންނަ ނުފޫޒުތަކާއި ހުރި ދަތިތަކުގެ ވާހަކަތައް ފަނޑިޔާރުން ދައްކަވަމުންދާ ކަމަށާއި، އިންސާފު ގާއިމްކޮށްދިނުމުގެ މާތް މަސައްކަތް ކުރައްވާ ބޭފުޅުންނާ މެދު އެފަދަ ކަންކަން ހިނގާތީ ވަކީލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އޭނާ ވިދާޅުވީ ވަކި ސަބަބެއް އެންގުމެއް ނެތި ފަނޑިޔާރުން ސަސްޕެންޑު ކުރުމާއި ފަނޑިޔާރުން މަސައްކަތް ކުރައްވާ ކޯޓް ބަދަލުކުރުން ފަދަ އުނދަގޫތައް ފަނޑިޔާރުންނަށް ކުރިމަތިކުރުވަމުންދާ ކަން ވަކީލުން ގަބޫލުކުރާ ކަމަށެވެ.

"އެ އުނދަގޫތަކަށް ދީލައިނުލާ ފަނޑިޔާރު އަދުލަށް ހުކުމް ކުރައްވަމުން ގެންދެވުން އެއީ އަޅުގަނޑުމެން ފަނޑިޔާރުންނަށް މި ދޭ ހިތްވަރަކީ، މި މަސައްކަތް މިގޮތަށް ތިބޭފުޅުން ކުރައްވާށޭ، ގާނޫނު އަސާސީއާއި ގާނޫނުތަކުން އެއޮތީ ތިބޭފުޅުންނަށް ހިމާޔަތްތަކެއް ދީފަ، އިޚްތިޔާރުތަކެއް އެބަހުރި ބާރުތަކެއް އެބަހުރި، މައްސަލައިގައި ވަކި ފަރާތަކުން ނުފޫޒު ފޯރުވާނަމަ އެކަމަށް ވެސް ކުރެވޭނެ ކަންތައްތަކެއް އެބަހުރި، ފަނޑިޔާރަށް ނުފޫޒު ފޯރުވާ ކަމަށް ވާނަމަ ފަނޑިޔާރަށް އެޅޭނެ ފިޔަވަޅުތަކެއް އެބަހުރި،" މަހުފޫޒް ވިދާޅުވި އެވެ.

މަހުފޫޒް ވިދާޅުވީ ފަނޑިޔާރުންގެ މައްޗަށް ރިޝްވަތުގެ ތުހުމަތު ފަދަ އެކިކަހަލަ ތުހުމަތުތައް ކުރެވޭ ކޮންމެ ފަހަރަކީ އެފަދަ ކަމެއް ހިނގައިގެން ކުރެވޭ ތުހުމަތުތަކެއް ނޫން ކަމަށާއި ނަމަވެސް އެގޮތަށް ރައްޔިތުން ބުނަނީ ގާނޫނުގައި އޮންނަ ގޮތަށް އަކުރުން އަކުރަށް އިޖުރާއަތު ނުހިންގާތީ ކަމަށެވެ. ފަނޑިޔާރުންގެ މައްޗަށް ކުރެވިފައިވާ ރިޝްވަތުގެ ތުހުމަތުތައް އެކަށީގެންވާ ގޮތަށް ބަލާފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެކަށީގެންވާ ގޮތަށް އެކަންކަން ބެލި ރައްޔިތުންނާ ހަމައަށް ހަގީގަތްތައް ހާމަކޮށް ދެމުންދާނަމަ ރައްޔިތުންގެ ހިތް ފަނޑިޔާރާ މެދު ސާފުކުރަން ފުރުސަތު އެ ލިބެނީ، އެހެންނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ފެންނަނީ އެހެން ކުރެވޭ ތުހުމަތުތަކަށް ފަސްއަޅާ ފޮރުވާ މަންޒަރު، އެއީ ހަގީގަތެއް އޮތް ތުހުމަތެއް ނަމަވެސް އަދި ހަގީގަތެއް ނެތް ތުހުމަތެއް ނަމަވެސް އެކަން ކުރައްވަނީ އެހެން، މައްސަލަ ބައްލަވާފަ މިކަމުގައި ކަންވެގެން މިދިޔައީ މިހެންނޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޅި އަދުލު އިންސާފުގެ ދާއިރާ ބިނާވެގެންވަނީ ރައްޔިތުން ކުރާ އިތުބާރުގެ މައްޗަށް ކަމަށާއި ފަނޑިޔާރު އަދުލު އިންސާފު ގާއިމްކޮށް ދެއްވާނެ ކަމުގެ ޔަގީންކަން އާންމު ރައްޔިތު މީހާއަށް އޮންނަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، އެ ޔަގީންކަން ގެއްލޭވަރުގެ ކަންކަން ހިނގަމުންދާނަމަ އެ ދެވެނީ ރަނގަޅު މިސްރާބަކަށް ނޫން ކަމަށާއި ގާނޫނީ ވަކީލުން މި ދައްކަނީ އެ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް