ތިނަދޫ ސިޓީގެ މޭޔަރ އާއި ޑެޕިއުޓީ މޭޔަރ ސަސްޕެންޑް ކުރި މައްސަލަ ސިވިލް ކޯޓުން ބަލައި ނުގަނެވޭނެ ކަމަށް އެ ކޯޓުގެ ރަޖިސްޓްރަރ ނިންމި ނިންމުން ބަދަލު ކޮށް އެއީ ރަޖިސްޓަރީ ކޮށްދޭން ޖެހޭ މައްސަލަ އެއް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
އިސް ގާޒީ މަރްޔަމް ވަހީދު ސޮއި ކުރައްވާ ކޯޓުން މި ކަމާ ބެހޭ ގޮތުން ނިންމި ނިންމުގައި ވަނީ، ސައުދު އަލީ އަދި ނަސްރުﷲ އަލީ ގެ ފަރާތުން ހުށަހެޅި މައްސަލަ އަކީ ކޯޓުގެ ގަޟިއްޔާ އެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭން ޖެހޭ މައްސަލަ އެއް ކަމުގައި ވާތީ، ހުށަހަޅާފައިވާ ދައުވާ ފޯމުގައި އިޖުރާއީ ގޮތުން ފުރިހަމަ ވާން ޖެހޭ ކަންތައްތަކެއް ހުރި ނަމަ އުސޫލުތަކާ އެއް ގޮތައް އެކަންކަން ފުރިހަމަ ކުރުމަށްފަހު ފުރުސަތު ދީ ފޯމާ މެދު ރަޖިސްޓްރަރ ގޮތެއް ނިންމުމަށް ކަނޑައަޅައިފި ކަމަށެވެ.
ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލަ އަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑު ކުރަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ކަނޑައެޅައި ދިނުމަށް އެދި ހުށަހެޅި މައްސަލަ އެކެވެ.
މޭޔަރު ސައުދާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ މުސާރަ ނުލިބޭ ގޮތަށް އެލްޖީއޭ އިން ސަސްޕެންޑް ކުރީ ޖޫން މަހު ފަހުކޮޅެވެ. އެ ނިންމުން އެލްޖީއޭއިން ނިންމީ، 19 މައްސަލަ އެއް ހިމެނޭ އިންކުއަރީ އަކަށް ފަހުގައި ކަމަށް ބުނެފައިވެއެވެ. ސައުދު ސަސްޕެންޑު ކޮށްފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. ނަސްރުﷲ ސަސްޕެނޑުކޮށްފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ.
މައްސަލަ ހުށަހެޅުމުން، ސިވިލް ކޯޓަށް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށް ބުނެ، ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވެން ނެތްކަމަށް ކޯޓުގެ ރަޖިސްޓްރަރ ނިންމައިފައިވެއެވެ.
ރަޖިސްޓްރަރ ގެ ނިންމުން އަލުން ބަލައި ދިނުމަށް އެދި މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު ހުށަހެޅި ފޯމުގައި ބުނެފައިވަނީ މި މައްސަލަ އަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައެޅުއްވުމުގައި، ރަޖިސްޓްރާރގެ ނިންމުމުގައި ހަވާލާދީފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 146 ވަނަ މާއްދާ އަކީ ދައުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އަށް ތަތުބީގުކުރެވިދާނެ މާއްދާއެއް ނޫން ކަމަށެވެ.
އެއީ، ލާމަރުކަޒީ ޤާނޫނުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ޢަމަލު ކުރާނެ ގޮތް ބަޔާންކުރާ މާއްދާއެއް ކަމަށާއި، އެ މާއްދާ ތަތުބީގުވާނެ ހާލަތްތައް އެ މާއްދާގެ ނައްސުގައި ބަޔާންކޮށްފައި ވާކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ، އެ ޤާނޫނުގައި ނުހިމެނޭ ކަމަކާބެހޭ ގޮތުން ނުވަތަ ދެ ކައުންސިލެއްގެ ދެމެދުގައި ޚިލާފެއް އުފެދިއްޖެނަމަ އެކަމުގައި ގޮތެއް ނިންމުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެން ވާކަމަށާއި، އަދި އެ ކަމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާގޮތާމެދު ހިތްހަމަ ނުޖެހޭ ފަރާތަކުން އެކަމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމަށެވެ. އެ މާއްދާގައި އެ ބަޔާންކުރާނީ، ކަނޑައެޅި ބަޔާންވެގެންވާ ދެ ހާލަތެއްކަމާއި، އެހެންކަމުން އެ ދެ ހާލަތު ފިޔަވައި އެހެން ހާލަތްތަކުގައި އެ މާއްދާ ތަތުބީގުކުރެވޭނެ ކަމަށް އެ މާއްދާގައި ނުވަތަ އެ ޤާނޫނުގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައި ނެތުމުން، އެ މާއްދާ އެހެން ހާލަތްތަކުގައި ތަތުބީގު ކުރެވޭނެކަމަށް ނުފެންނަ ކަން ދައުވާ ކުރާ ފަރާތުގެ ވަކީލު އަހުމަދު މައުރޫފް ފާހަގަ ކުރައްވާފައިވެއެވެ.
މި މައްސަލައަކީ، ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރާއި، ޑެޕިއުޓީ މޭޔަރު އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައިނުވާކަމަށް ނުވަތަ އިހުމާލުވެފައިވާ ކަމަށާއި، ކައުންސިލުގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޙިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ލާމަރުކަޒީ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އަޅައިފައިވާ ފިޔަވަޅަކީ، އެ ޤާނޫނުގެ 62 ވަނަ މާއްދާ އާ ހިލާފަށް އަޅައިފައިވާ ފިޔަވަޅެއްކަމަށް ބަޔާންކޮށް، އެކަމުގެ ޤާނޫނީ ސައްހަކަމާމެދު ސުވާލު އުފައްދައި ހުށަހެޅި މައްސަލައެކެވެ.