އަޟްޙާ ޢީދު ބަންދާއި ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބުރާސްފަތި ދުވަހު ފަށައިފިއެވެ.
މިޕްރޮގްރާމަކީ އަޟްޙާ ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމުން ދަތުރުރުވެރިންނާއި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑަށްއަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ޕޮރޮގްރާމްގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބެލުމާއި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޢީދު ބަންދުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ޢީދު ބަންދާ ދިމާކޮށް ބުރާސްފަތި ދުވަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ ޢީދު ފާހަގަކުރުމަށްޓަކައި ރަށްތަކަށް ފުރާފައެވެ.
ޢީދު ބަންދާދިމާކޮށް އަތޮޅުތަކަށް ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާނެތީ މާލެއިން ފުރާ ކަނޑުއުޅަނދު ފަހަރު ބަލައިފާސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުންގެ މެރިން ޕޮލިސް ޑިޕާޓްމަންޓުން ވެސް ވަނީ އޮޕަރޭޝަނެއް ފަށައިފައެވެ.