ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނޫގެ ބަންދުގެ މައްސަލަ ބައްލަވާ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ގާނޫނީ ވަކީލް މަހްފޫޒު ސައީދާއި އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ފާރިސް މައްޗަށް ތުހުމަތުކުރާ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުގެ ބާތިލް ކުރުމަށް ހުށަހެޅި މައްސަލަ ބައްލަވަމުން ގެންދެވި ތިން ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު އަތުން އެ މައްސަލަ މިހާރު ވަނީ ނަންގަވާފަ އެވެ. އަޑުއެހުންތައް ނިމިފައިވާ އެ މައްސަލަ ބައްލަވަމުން ގެންދެވީ އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަހްމަދު ސަމީރާއި ފަނޑިޔާރު އަބްދުލް ރައޫފެވެ. އެ ބެންޗްގެ އިސް ފަނޑިޔާރަކަށް ސަމީރު އިންނެވިއިރު އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ އެ މައްސަލާގެ ފައިލްތައް ސަމީރު އަތްޕުޅުން ނަންގަވައި އޭނާ ސެކްޝަނަށް ގެންދަވާފަ އެވެ.
ބުދަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ މައްސަލަ ބަލަން އެކުލަވާލާ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ މައްސަލަ ބައްލަވަމުން ދަނިކޮށް އުޒުރެއް ނެތި ބެންޗަށް ބަދަލެއް ނުގެނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ ކަމަށެވެ.
ފާރިސްގެ މައްސަލަ ބައްލަވަމުން ގެންދެވި އެއްވެސް ފަނޑިޔާރަކު އެ މައްސަލައިން ތަނާޒުލްވެފައި ނުވަނީސް އެ ބެންޗްގެ އިސް ފަނޑިޔާރަކަށް އިންނެވި ސަމީރުގެ އަތްޕުޅުން ފައިލްތައް ނެންގެވުމަކީ އެ ކޯޓުގެ އިސް ފަނޑިޔާރަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ އިސް ފަނޑިޔާރު ސުލޫކާ ހިލާފަށް ކޮށްފައިވާ ކަމަކަށް ވާތީ އެ މައްސަލަ ޖުޑިޝަލް ސާވީސް ކޮމިޝަން ( ޖޭއެސްސީ) އަށް މިހާރު ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އަދި އެހެންމެ ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ތުހުމަތުކޮށް އޭނާ ހައްޔަރު ކޮށްފައިވާއިރު އެ ކުށުގައި ބައިވެރި ކަމަށް ތުހްމަތުކޮށް ހައްޔަރު ކުރި އަހްމަދު ޝާފިއު ހައިކޯޓުން ދޫކޮށްލާފައިވާއިރު ހުށަހަޅާފައި ވަނީ އެއް ކަންތައްތަކެއްކަން އަލީ ޒާހިރު ފާހަގަ ކުރެއްވި އެވެ.
މި ބައްދަލުވުމުގައި ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވީ ފާރިސްގެ މައްސަލައިގެގެ އަޑުއެހުންތައް ނިމި ހުކުމް ކުރުން ލަސްވާތީ މައްސަލަ އަވަސް ކޮށްދިނުމަށް ހައި ކޯޓުގައި އެދުމުން ވެސް އެކޯޓުން އެކަމަށް އިޖާބަ ދީފައިނުވާ ކަމަށެވެ.
މީގެ އިތުރުން މަހްފޫޒު ވަނީ ފާރިސްއާ ބައްދަލުކުރަން ބޭނުންވާ ވަކީލުންގެ ބައްދަލުވުންތަކަށް ކަރެކްޝަންސް ސާވިސް އިން ހުރަސްއަޅަމުންދާ ކަމަށް ތުހްމަތު ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވީ ފާރިސްގެ މައްސަލަ ބައްލަވާ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުަށް ބަދަލު ގެނައީ އެ ބެންޗްގެ މެޖޯރިޓީ ފާރިސް ދޫކޮށްލަން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. އަދި ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ގެންނަވައިގެން ފާރިސްގެ މައްސަލަ ބައްލަވާ ފަނޑިޔާރުން ވެސް ބަދަލު ކުރައްވަފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ ފާރިސް މަޖިލީހަށް ހާޒިރު ނުކޮށްގެން ފޮނުވި ސިޓީތަކަށް މަޖިލީހުން ޖަވާބު ދީފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ފާރިސް މަޖިލީހަށް ހާޒިރުނުކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.