ކ. މާލެ
|
2 އޯގަސްޓް 2025 | ހޮނިހިރު 13:53
ކޮލަމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރީބޭ
ކޮލަމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރީބޭ
ގެޓީއިމޭޖަސް
ކޮލަމްބިއާ
ކޮލޮމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރިބެއަށް 12 އަހަރުގެ ގޭބަންދު
ކޮލޮމްބިއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކުރީގެ ރައީސެއްގެ މައްޗަށް ކުށެއް ސާބިތުވެ، އަލްވާރޯ އުރީބޭ ގެ މައްޗަށް 12 އަހަރުގެ ގޭބަންދުގެ ޙުކުމެއް ވަނީ އިއްވާފައި.

ކޮލޮމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރީބޭ ހެކިންނަށް ނުފޫޒު ފޯރުވުމާއި މަކަރާއި ހީލަތުގެ ކުށުގައި 12 އަހަރުގެ ގޭބަންދުގެ ޙުކުމެއް އިއްވައިފިއެވެ.

73 އަހަރުގެ އުރީބޭ އަކީ ޤައުމުގެ ތާރީޚުގައި ކުށެއް ސާބިތުވި ފުރަތަމަ ކުރީގެ ރައީސެވެ. އޭނާ ގެ މައްޗަށް ވަނީ ސަރުކާރުގެ މަޤާމުތަކަށް ކުރިމަތިލުން މަނާކޮށް، 578،000 ޑޮލަރު ގެ ޖޫރިމަނާ އެއް ދެއްކުމަށް ވެސް ހުކުމް ކޮށްފައެވެ.

އުރީބޭ ވަނީ ދައުވާ އަށް އިންކާރު ކުރައްވާ އޭނާ އަކީ ކުށެއް ކޮށްފައިވާ ފަރާތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ޑިކޮކްރަސީ އެއް ގައި އިދިކޮޅުގެ އަޑު ކަނޑުވާލުމަށް އަމާޒުކޮށްފައިވާ މައްސަލައެކެވެ.

އޭނާ ރައީސްކަން ކުރެއްވީ 2002 އިން 2010 އަށެވެ. އަދި ކަނާތުފިޔައިގެ ޕެރަމިލިޓަރީ ގުރޫޕަކާ ގުޅިގެން ވާތުފިޔައިގެ ބަޣާވާތްތެރިންގެ ގްރޫޕްތައް ނައްތާލުމަށް މަސައްކަތް ކުރެއްވި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް، ކޮލޮމްބިއާގައި އޭނާ އަދިވެސް މަޤްބޫލެވެ.

އުރީބޭ މި ތުހުމަތުތަކަށް ދެކޮޅު ހައްދަވައެވެ.

ކުރީގެ ރައީސްގެ މައްޗަށް ހޯމަ ދުވަހު ސާބިތުކުރެވުނު ދެ ދަޢުވާއަކީ 13 އަހަރު ވަންދެން ހިނގަމުން އައި ހެކިންނަށް ނުފޫޒު ފޯރުވުމުގެ މައްސަލައެކެވެ.

ޖަލުގައި ތިބި ކުރީގެ ދެ ޕެރަމިލިޓަރީ މެންބަރުން ހެކިބަސް ދީފައި ވަނީ އުރީބޭ ގެ ކުރީގެ ވަކީލު ޑިއެގޯ ކަޑެނާ އެ މީހުންނަށް އުރީބޭ ގެ ފަރާތުން ހެކިބަސް ދިނުމަށް ފައިސާ ހުށަހެޅި ކަމަށެވެ.

އުރީބޭ ގެ ކުރީގެ ގާނޫނީ ވަކީލު ގެ މައްޗަށް ވެސް ދަޢުވާތަކެއް އުފުލިފައިވާއިރު، އޭނާ ވެސް މި ތުހުމަތުތަކަށް ދެކޮޅު ހަދާފައި ވެއެވެ.

މި ހަފްތާގެ ކުރީކޮޅު، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ އުރީބޭ ގެ މައްޗަށް ކުށް ސާބިތުވި ކަމަށް ކުރި ހުކުމް ކުށްވެރިކޮށް، ކޮލޮމްބިއާގެ ޝަރުޢީ ނިޒާމު ހަތިޔާރަކަށް ބަދަލުވެފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.

ކުރީގެ ރައީސްގެ "ހަމައެކަނި ކުށަކީ އޭނާގެ އުފަން ޤައުމު ދިފާޢުކޮށް ހިމާޔަތް ކުރުމަށް ނުހަނު މަސައްކަތް ކުރުން" ކަމަށް ރޫބިއޯ އެކްސް ގައި ލިޔުއްވާފައިވެއެވެ.

ކޮލޮމްބިއާ ގައި ޕެރަމިލިޓަރީ ގްރޫޕްތައް ފެށިގެން އައީ 1980 ގެ އަހަރުތަކުގައެވެ. އެ މީހުންގެ ބުނާ ގޮތުގައި އެމީހުންގެ މަޤްޞަދަކީ ފަޤީރުކަމާއި ވަކި ބަޔަކު ބާކީ ކުރުމުގެ ސިޔާސަތާ ކުރިމަތިލުމެވެ. އެމީހުން ހަނގުރާމަ ކުރީ މާކްސިސްޓް ވިސްނުމުގެ ގެރިއްލާ ގްރޫޕްތަކާ ދެކޮޅަށެވެ. މި ގެރިއްލާ ގްރޫޕްތަކުން ވަނީ އޭގެ ވިއްސަކަށް އަހަރު ކުރިން ދައުލަތާ ދެކޮޅަށް ހަނގުރާމަ ކޮށްފައެވެ.

މި ދެބައިމީހުންގެ ދެމެދުގައި އުފެދުނު ހަނގުރާމައިގެ ތެރެއިން އުފެދުނު ގިނަ ހަތިޔާރުއެޅި ގްރޫޕްތަކުން އާމްދަނީ ހޯދީ ކޮކެއިން ވިޔަފާރިންނެވެ.

އުރީބޭ އަށް ވޮޝިންގްޓަނު ގެ ތާއީދު ލިބުނީ ވާތުފިޔައިގެ ފާކް ޖަމާއަތުގެ ބަޣާވާތްތެރިންނާ ދެކޮޅަށް އޭނާ ގެންގުޅުނު ހަރުކަށި އުސޫލުތަކުގެ ސަބަބުންނެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ޤައުމުގައި އޮތް ތަފާތު ތައް ނައްތާލުމަށާއި ފަޤީރުކަން ޙައްލުކުރުމަށް މާބޮޑު މަސައްކަތެއް ނުކުރައްވައެވެ.

ފާކް ޖަމާއަތުން 2016 ގައި އުރީބޭ ގެ ފަހުން އައި ރައީސަކާ އެކު ސުލްޙަ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ނަމަވެސް ހަތިޔާރު ދޫކޮށްލާފައިވާ ގްރޫޕްތަކުގެ އަނިޔާވެރިކަން ކޮލޮމްބިއާގައި އަދިވެސް ދެމިއެބައޮތެވެ.

- ކޮމެންޓް