ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހަކަށް އެމީހުންގެ ގެއިން ރައްކާތެރި ބޯފެން ނުލިބޭ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހާމަކޮށްފިއެވެ.
ޑަބްލިޔުއެޗްއޯއާއި ޔުނިސެފް ގުޅިގެން ހަދާފައިވާ ދިރާސާއަކަށް ރިއާޔަތްކޮށް ނެރެފައިވާ މި ރިޕޯޓްގައި ބުނެފައިވަނީ ދުނިޔޭގެ އާބާދީގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހަކަށް އެމީހުންގެ ގެއިން ރައްކާތެރި ބޯފެން ނުލިބޭ ކަމަށާއި އެއީ ގާތްގަނޑަކަށް 2.1 ބިލިއަން މީހުން ކަމަށެވެ. އަދި ކޮންމެ 10 މީހެއްގެ ތެރެއިން 6 މީހަކަށް ނުވަތަ 4.5 ބިލިއަން މީހުންނަށް ރައްކާތެރި ފާޚާނާ ނިޒާމެއް ލިބިފައި ނުވާކަމަށް ވެސް ހާމަކޮށްފައި ވެއެވެ.
ދަ ޖޮއިންޓް މޮނިޓަރިންގ ޕްރޮގްރާމް (ޖޭއެމްޕީ) ބޯފެނާއި ފާޚާނާގެ ނިޒާމާއި ރައްކާތެރި މާހައުލާ ގުޅޭގޮތުން ކުރި ދިރާސާއަށް ފަހު ނެރުނު މި ރިޕޯޓްގެ ޚުލާސާގައި ބުނެފައި ވަނީ ގިނަ ބަޔަކަށް އަދިވެސް އެއަސާސީ ޚިދުމަތް ނުލިބޭ ކަމަށާއި ޚާއްޞަކޮށް ފަޤީރު އަވަށް ގަނޑުތަކުގައި ދިރިއުޅޭ މީހުންނަށް އަމުދުން އެޚިދުމަތްތައް ނުލިބޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"ރައްކާތެރި ބޯފެން، ފާޚާނާގެ ނިޒާމް، ދިރިއުޅެން އެކަށޭނަ މާހައުލު މިއީކީ ހަމައެކަނި މުއްސަނދިންނަށް އޮންނަން ޖެހޭ ޚާއްޞަ އިނާޔަތެއް ނޫން. އަދި މިއީ ހަމައެކަނި ތަރައްޤީވެފައިވާ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް އެކަނި ލިބެންޖެހޭ ޚިދުމަތެއް ވެސް ނޫން" ޑަބްލިޔު އެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ ޓެޑްރޮސް އަދަނޮމ ޣެބްރެޔެސަސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންސާނުންގެ ސިއްހަތަށް ޓަކައި މިއީ ކޮންމެހެން ވެސް ލިބެން ޖެހޭ އެންމެ އާދައިގެ އިންސާނީ ސިއްޙީ ޚިދުމަތް ކަމަށާއި ކޮންމެ ޤައުމަކުން ވެސް މިކަންކަން ފުރިހަމަ ކުރުމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.
އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބިލިއަނުން ގޮވާލެވޭ މީހުން ރައްކާތެރި ބޯފެނާއި ރަނގަޅު ފާޚާނާ ނިޒާމެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް އެކަން ފުރިހަމަ ވެފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ގިނަ ގޭގެއާއި ސިއްޙީ ޚިދުމަތް ދޭ ތަންތަނާއި ސްކޫލްތަކުގައި ވެސް އަތްދޮވެލާނެ ސައިބޯނިކޮޅެއް އަދި ފެންފޮދެއް ވެސް ނުހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިކަމަކީ އެންމެންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި ޚާއްޞަކޮށް ބޮޑެތިވަމުން އަންނަ ކުޑަކުދިންނަށް ބޭރަށް ހިންގުން ފަދަ ތަފާތު ބަލިތައް ޖެހުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ފާހަގަ ކޮށްފައިވެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކު ވެސް އުމުރުން 5 އަހަރުން ދަށުގެ 361000 (ތިން ލައްކަ ފަސްދޮޅަސް އެއް ހާސް) ކުޑަކުދިން ބޭރަށް ހިންގުމުގެ ބަލީގައި މަރުވެގެން ދެއެވެ. އަދި ރަނގަޅު ފާޚާނާ ނިޒާމެއް ނެތުމާއި ނުސާފު ބޯފެން ބޭނުން ކުރަން ޖެހުމުން ކޮލެރާ، ހެޕަޓައިޓިސް އޭ، އަދި ޓައިފޮއިޑް ފަދަ ބަލިަތައް ޖެހުމަށް މެދުވެރިވާކަން ފާހަގަ ކުރެވެއެވެ.