ސަރުކާރުން މަސައްކަތްކުރައްވަނީ ބަލި އެނދުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ބާއްވައިގެން އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރެއްވުމަށް ކަމަށްވާނަމަ، ޖުމްހޫރީ ޕާޓީން ސަރުކާރާއެކު ހަދާނެ ޑީލެއް ނޯންނާނެ ކަމަށް، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީން ކަންކަން ނިންމާނީ ގުޅިފައިވާ ޕާޓީތަކުގެ ގުޅުމަށް އަސަރެއް ނުކުރާނެ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން ކަންކަން ނިންމާނީ އެންމެންގެ މެދުގައި މަޝްވަރާކޮށްގެން. އަޅުގަނޑުމެން އިތުރަށް ހަދާނެ ޑީލެއް ސަރުކާރާއެކު ނޯންނާނެ، ހަދާނެ ޑީލެއް ވެއްޖިއްޔާ އޮންނާނީ ދިވެހިރައްޔިތުންނާއެކު ޑީލް ހެދުން،" ސަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަމީރު ވަނީ ދިވެހި ރައްޔިތުންނަށްޓަކައި، ސަރުކާރަށް އޮތީ ދެ ޑީލް ކަމަށާ، އެއީ ރައީސް ޔާމީން އިސްލާހު ވުން، ނުވަތަ އެމަނިކުފާނު އިސްތިޢުފާ ދެއްވުން ކަމަށް ވިދާޅުވެފައެވެ.
ރިޝްވަތު ހުށަހެޅިކަމުގެ ކުށް ސާބިތުކޮށް، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށް، އޭނާގެ ޣައިރު ހާޒިރުގައި ޙުކުމްކޮށްފައިވާއިރު، އެ މަނިކުފާނުގެ ހިތުގެ އާލާސްކަންފުޅަށް އައިޖީއެމް ހޮސްޕިޓަލްގައި ގެންދަނީ ފަރުވާ ދެމުންނެވެ.
އޯގަސްޓް 24، 2017 ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވި ޙުކުމުގައި ޖަލު ޙުކުމުގެ އިތުރުން، އެ މަނިކުފާނަށް ބޭނުންވާ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމަށް މުއައްސަސާތަކަށް ލާޒިމުކުރެއެވެ.
ޙުކުމްކުރިތާ ހަފުތާއެއްވާއިރު ގާސިމް ބޭސްފަރުވާއަށް ފޮނުވުން ލަސްވެގެން ދިޔައީ ކަރެކްޝަނަލް ސާވިސްއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށްކަމަށް ސަރުކާރުން ކުރިން ބުންޏެވެ. ނަމަވެސް ބުދަ ދުވަހު ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު ވަނީ ގާސިމްގެ މައްޗަށް ކުރި ޙުކުމުގައި ހިމެނޭ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ލާޒިމްކުރާ ބައި ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައެވެ.
އެކި ފަހަރުމަތިން ފެއިލްވެފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަލުން ފެށުމަށް ސަރުކާރުން ޕާޓީތަކަށް ދައުވަތު ފޮނުވާފައިވާއިރު، އެކަމަށް އިޝާރާތްކުރައްވާ ސަމީރު ވިދާޅުވީ، އެ ދައުވަތާއިމެދު ގޮތެއް ނިންމާނީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
މީގެ ކުރިން 2015 ވަނަ އަހަރުގެ މެދުތެރޭގައާއި، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަޝްވަރާ ކުރުމަށް ސަރުކާރުން ޕާޓީތަކަށް ދައުވަތު ދިނެވެ. އެހެން ނަމަވެސް، ވަކި ހިސާބަކުން މަޝްވަރާތައް ހުއްޓިގެން ދިޔައީ ޖަލުގައި ބަންދުކުރެވިފައިވާ ޕާޓީތަކުގެ ލީޑަރުން މަޝްވަރާގައި ބައިވެރިކުރުމާ މެދު "އެއްގަލަކަށް" ނޭރުމުންނެވެ.