ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އިންޑިއާގެ މުމްބާއީން މަދުވެގެން ފަސް މީހަކު މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބޯކޮށް ވާރޭވެހި އިންޑިއާގެ ފައިނޭންޝަލް ކެޕިޓަލް ކަމަށްވާ މުމްބާއީގައި ފެންބޮޑުވެފައިވާ އިރު މުމްބާއީ އިން މަރުވި ފަސް މީހުންގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނެއެވެ.
މުޅި މުމްބާއީ ހުއްޓުމަކަށް އައިސްފައިވާއިރު، ރޭލުގެ ދަތުރުފަތުރުތައް ހުއްޓުމަކަށް އައިސް ވައިގެ ދަތުރުފަތުރުތައް ވެސް ވަނީ ހުއްޓުމަަކަށް އައިސްފައެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން މިހާރު ހާލަތު ވަނީ ކޮންމެވެސް ވަރަކަށް އާންމު ހާލަތަކަށް ބަދަލުވެފައެވެ.
ދެކުނު އޭޝިއާއަށް ބައެއް ގައުމުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި މިހާތަނަށް މަދުވެގެން 1200 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އެގޮތުން އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލް އަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި މަރުވި މީހުން އަދަދު 1200 އަށް އެރިއިރު، މި ތިން ގައުމަށް ކޮންމެ އަހަރަކުވެސް ޖޫން އިން ސެޕްޓެމްބަރު މަހަަށް ކުރާ މޫސުމީ ވިއްސާރާގައި އާންމުކޮށް ފެންބޮޑުވެއެވެ. އަދި ބޮޑެތި ގެއްލުންތައް ލިބެއެވެ. އެހެން ނަަމަވެސް އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ލިބޭ ގެއްލުންތައް ބޮޑު ކަމަށް ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކުން ބުނެއެވެ. އެގޮތުން އެ ތިން ގައުމުގެ ބައެއް ވިލެޖުތަކަށް އެހީދިނުމަށް ދަތިވެފައިވާ ކަމަށާއި، ރައްޔިތުން ކާބޯތަކެއްޗާއި އަދި ސާފުފެނުން ދުވަސްތަކަކަށް މަހުރޫމުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރަމުންދާ ވިއްސާރައިގައި 16 މިލިއަން މީހުންނަށް އޭގެ އަސަރުކޮށްފައިވެއެވެ.