ކެމްބޯޑިއާ އާއި ތައިލެންޑް އާ ދެެމެދު ހިނގަމުންދާ ހަނގުރާމަ ވަގުތުން އަދި ޝަރުތެއް ނެތި ހުއްޓާލުމަށް ދެ ގައުމުން އެއްބަސް ވެއްޖެއެވެ.
މިކަން އިއުލާނު ކުރައްވަމުން މެލޭޝިއާގެ ލީޑަރު އަންވަރު އިބްރާހިމް ހޯމަ ދުވަހުވިދާޅުވެފައި ވަނީ ތައިލެންޑާއި ކެމްބޯޑިއާ އިން ވަނީ ދެ ގައުމުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ހިނގާ ހަނގުރާމަ "ވަގުތުން އަދި ޝަރުތެއް ނެތި" ހުއްޓާލުމަށް އެއްބަސްވެފައި ކަމަށެވެ.
ތައިލެންޑުގެ ވަގުތީ ބޮޑުވަޒީރު ފުމްތަމް ވެޗަޔާޗައި އަދި ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން މަނެޓް ވަނީ ހޯމަ ދުވަހު މެލޭޝިއާގެ އިދާރީ ވެރިރަށް ޕުޓްރަޖާޔާގައި ހުންނަ އަންވަރުގެ ރަސްމީ ގަނޑުވަރުގައި ހަނގުރާމަ ހުއްޓާލުމާ ބެހޭ މަޝްވަރާތައް ކުރައްވާފައެވެ.
"އަޅުގަނޑުމެންނަށް ވަރަށް ރަނގަރަނގަޅު ކުރިއެރުންތަކާއި ނަތީޖާތަކެއް ލިބިއްޖެ. މިއީ ކެމްބޯޑިއާ އަދި ތައިލެންޑަށް ވަރަށް ރަނގަޅު ކަމެއް،" އަންވަރު ވިދާޅުވިއެވެ. މި ވާހަކަފުޅު އަންވަރު ދެއްކެވި އިރު އަނެއް ދެ ގައުމުގެ ވެރިން އަންވަރުގެ ދެފަރާތުގައި ތިއްބެވިއެވެ.
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އައި އިރު ހަނގުރާމައިގައި މަދުވެގެން 35 މީހުންގެ ފުރާނަ ގެއްލި އަދި ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގެ ދެފަރާތުން 270,000 އަށްވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ވަނީ ހިޖުރަ ކޮށްފައެވެ.
މެލޭޝިއާ އިން މެހެމާނުދާރީ އަދާ ކުރި ބައްދަލުވުމުގައި އެމެރިކާ އަދި ޗައިނާގެ ސަފީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަންވަރު ވިދާޅުވި ގޮތުގައި "މި ހަމަނުޖެހުން ސުލްލްޙަވެރިކަމާއެކު ޙައްލު ކުރުމަށް ޓަކައި،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޗައިނާގެ ލީޑަރޝިޕުން ވަނީ ހަނގުރާމަ ހިނގަމުންދާ ދެ ގައުމުގެ ލީޑަރުންނާއި އަދި މެލޭޝިއާ އާ ގާތުން ގުޅުން ބާއްވާފައި ވެއެވެ.
އަންވަރު ވިދާޅުވި ގޮތުގައި ކެމްބޯޑިއާ އަދި ތައިލެންޑް ވަނީ ޖުލައި 28 ވަނަ ދުވަހުގެ ރޭ މެންދަމުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އަންގާރަ ދުވަހު ދެ ޤައުމުގެ ސިފައިންގެ ކޮމާންޑަރުންގެ ބައްދަލުވުމެއް ބޭއްވޭނެއެވެ.