ގުޅީފަޅު ތަރައްގީ ކުރި ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޕީޑީ) ކުންފުނިން 2.4 މިލިއަން ޑޮލަރު (37 މިލިއަން ރުފިޔާ)، މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން ޖީޕީޑީގެ މައްޗަށް ކޮށްފައިވާ އެހުކުމުގައި ވަނީ ގުޅީފަޅުން 6.25 ހެކްޓަރުގެ ބިން ހިއްކާ ތޮށިލުމަށް އެމްޑަބްލިއުއެސްސީއާއި ޖީޕީޑީއާ ދެމެދު 09 އޮކްޓޯބަރު 2011ގައި ވެފައިވާ އެއްބަސްވުމުގެ 13 ވަނަ މާއްދާގެ ދަށުން އެމްޑަބްލިއުއެސްސީއަށް ލިކިއުޑޭޓަޑް ޑެމޭޖާސްގެ ގޮތުގައި ލިބެން ޖެހޭ ފައިސާއިން އެކުންފުނިން ދައްކަންޖެހޭ ފައިސާ އުނިކުރުމަށް ފަހު، ބާކީ އޮންނަ 2.4 ލިމިއަން ޑޮލަރު އަކީ އެމްޑަބްލިއުއެސްސީއަށް ލިބެންޖެހޭ ފައިސާގެ އަދަދުކަމަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން އެ ފައިސާ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން، ކޮންމެ މަހަކު މަދުވެގެން އެމަހަކަށް ޖެހޭ މިންވަރު ދައްކަމުން ގޮސް، އެފައިސާ އެކު ޖުމްލަ ހަ މަސް ދުވަހުގެ ތެރޭގައި، ސިވިލް ކޯޓަށް ދައްކާ ހަލާސް ކުރުމަށް ޖީޕީޑީގެ މައްޗަށް ހުކުމް ކޮށްފައިވެއެެވެ.
ޖީޕީޑީ އަކީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު، ގުލީފަޅު ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލުކުރި ބޭރުގެ ކުންފުންޏެކެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ މިސަރުކާރުން ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ގުޅީފަޅު ތަރައްގީ ކުރުމުގެ އެ އެއްބަސްވުން އުވާލުމަށް ފަހު ގުޅީފަޅު ސަރުކާރަށް ނަގައިފަ އެވެ.