އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބި، 60 އަހަރުގެ ދިގު ދަތުރެއް ކުރެވުނުއިރު، ފަސްދޮޅަސް އަހަރުގެ މާޒީގެ ފެށުމާއި، މިއަދާ ހަމައަށް ކުރި ދަތުރު ބިނާވެފައި އޮތީ މުހިންމު އަސާސްތަކެއްގެ މައްޗަށެވެ.
އޭގެ ތެރެއިން މުހިންމު އެއް އަސާސަކީ ރާއްޖޭގެ ދާޚިލީ ސަލާމަތް ކަށަވަރުކުރާނެ ނިޒާމެއް އޮތުމެވެ. ދިވެހި ޚާރިޖީ ސިޔާސަތު އިސްކޮށް، އިނގިރޭސީންގެ އަތުން ލިބުނު މިނިވަންކަން ދެމިއޮތްއިރު، ހަގީގަތަކީ މިނިވަންކަމަށް ނުރައްކާވި އެތައް ފަހަރަކާއި ކުރިމަތިލާން ޖެހުމެވެ. ހަމައެކަނި ކަނޑިބަޑީގެ ހަނގުރާމައިންނެއް ނޫނެވެ. އިގްތިޞާދީ އަދި ޚާރިޖީ ގުޅުންތަކާއި ވިސްނުމުގެ ތެރެއިން ވެސް ނުރައްކާ ކުރިމަތިވި އެވެ.
މިއަދު މުޅި ދުނިޔޭގެ މަސްރަހަށް ނަޒަރު ހިންގާލި ނަމަވެސް ފެނިގެން ދަނީ ކުރިއަށް ވުރެ، މާ ހަލަބޮލިކޮށެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން ހަނގުރާމައިގެ ތެރޭ އުޅޭއިރު ވެސް ރާއްޖޭގައި، ދިވެހީން މިއަދު ވެސް މި ތިބީ އެއްވެސް ނުރައްކަލެއް ނެތި، ފުރިހަމަ މިނިވަންކަން މަތީގަ އެވެ.
ކަން މިހެން އޮތްއިރު ދިވެހިންނަށް 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ލިބިގެން ދިޔަ މިނިވަންކަމާއެކު ލިބިގެންދިޔަ ހަގީގީ މިނިވަންކަމަކީ ޚާރިޖީ އަދި އިގްތިސާދީ މިނިވަންކަމެވެ. ދިވެހިން ބޭނުން ގޮތަކަށް ދިވެހިންގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް، ދިވެހިންގެ އިގްތިސާދީ ހަރަކާތްތައް ދިވެހިން ބޭނުން ގޮތަކަށް ގެންދިޔުމަށް މަގުފަހިވެގެން ދިޔައެވެ. އެއާއި އެކު އަޅުވެތިކަމުގެ ތެރެއިން މިނިވަންކަން ލިބުމާއެކު އެންމެ އަވަހަށް ދިވެހި ސަރުކާރުން ކުރި އެއް ކަމަކީ ދުނިޔެއަށް ރާއްޖެ ހާމަކުރުމެވެ.
ފިނި ހަނގުރާމައިގެ އެ ދުވަސްވަރު، އެއިރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ދެކެވަޑައިގެންނެވި ގޮތުގައި، ރާއްޖެއަކީ ދުނިޔެ ބަލައިގަންނަ ތަނަކަށް ވާން އޮތީ ބާރުގަދަ ގައުމުތަކުގެ ރުހުން ލިބިގެންގެންނެވެ. އެހެންވެ އިނގިރޭސީންނާއެކު ސިޔާސީ ގުޅުން ބަދަހިކުރުމަށްފަހު ފުރަތަމަ އިސްކަން ދެއްވީ ހުޅަނގުގެ ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމަށެވެ. އޭގެ ތެރޭގައި އެއިރުގެ ސޮވިއެޓް ޔޫނިއަން ނުވަތަ މިހާރުގެ ރަޝިއާ ވެސް ހިމެނެއެވެ.
ޚާރިޖީ ދާއިރާގެ ތަޖުރިބާކާރު، އަދި ފޮރިން މިނިސްޓްރީގެ ސެކެޓްރީ މަލްޓިލޭޓަރަލް އަހްމަދު ޝިޔާން ވިދާޅުވި ގޮތުގައި ރާއްޖެއިން، މި ސަރަހައްދުގެ ގައުމުތަކާ އެކު ގުޅުން ގާއިމްކުރަން ފެށީ ވެސް އެއަށްފަހުގައެވެ.
މިނިވަންކަމާއެކު ދެން އެންމެ މުހިންމު ކަމަކަށްވީ އދ. ގެ މެންބަރު ގައުމަކަށް ވުމެވެ. އެއީ ސިޔާދަތީ، ޚާރިޖީ، އަދި ދާޚިލީ މިނިވަންކަމަކީ އދ.ގައި ނުހިމެނޭނަމަ އަގެއް ނެތް އެއްޗަކަށް ވާތީއެވެ. ދުނިޔެ ބަލައިގަންނަ ބަޔަކަށް ނުވާނެތީއެވެ. އެހެންވެ ރާއްޖެއިން ގައުމުތަކުގެ ތާއީދު ހޯދާނެ ގޮތެއް ހޯދިއެވެ.
އދ. ގެ މެންބަރުކަން ރާއްޖެއަށް ލިބުމާއެކު އދ.ގައި އެންމެ ފުރަތަމަ ރާއްޖެއިން ދިން ތަގުރީރު ދެއްވީ އދ.އަށް އެއިރު ރާއްޖެއިން ކަނޑައަޅައިފައި ހުންނެވި ރާއްޖޭގެ ފުރަތަމަ ސަފީރު، ކަކާގޭ އަހްމަދު ހިލްމީ ދީދީއެވެ. އަހްމަދު ހިލްމީ ދެއްވެވި ތަގުރީރުގައި ފާހަގަކުރެއްވި ކަންކަމަކީ މިއަދާ ހަމައަށް ވެސް ދިވެހި ޚާރިޖީ ސިޔާސަތުގައި މައިގަނޑު އަސާސްތަކެވެ.
ނުފޫޒާއި، ބާރު، ރާއްޖެ ވަށައިގެން އޮތްއިރު، ރާއްޖޭގެ މިނިވަންކަމަށް ނުރައްކަލެއް ނެތި، މިހާ ހިސާބަށް އާދެވުމުގެ އަސްލަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތަންފީޒުކުރުމުގައި، ޚާރިޖީ ސިޔާސަތު ބިނާވާ މައި އަސާސްތަކުގެ މަތީގައި ތަންފީޒުކޮށްފައިވުމެވެ. އެހެން ނޫންނަމަ މިއަދު ދިވެހީން މިނިވަންކަން މަތީ ނުތިބީހެވެ.
ގައުމުތަކުގެ ޚާރިޖީ ސިޔާސަތަކީ އަބަދުއަބަދު ބަދަލުވާ އެއްޗެއް ނޫނެވެ. އެއީ ވަކި ހަމައެއްގެ ތެރެއިން ދުނިޔޭގެ މަސްރަހާއި، އެ ގައުމެއް ބޭނުންވާ ކަންކަމާއި، ސަރަހައްދީ މަސްރަހަށް އަންނަ ބަދަލާއެކު، ބޮޑެތި ދިރާސާތަކެއް ކޮށްފައި ނޫނީ ނުކުރާނެ ކަންކަމެވެ.
ދިވެހި ހުރިހާ ސަރުކާރަކުން ވެސް އިސްކޮށްފައިވަނީ ދިވެހި ޚާރިޖީ ސިޔާސަތުގެ މައި އަސާސްގެ ގޮތުގައި ދިވެހީންގެ މަސްލަހަތު ހިމާޔަތްކުރުމެވެ. މިހާރަށް ބަލައިނަމަ، ރާއްޖެއަށް މާލީ އެހީ ހޯދުމާއި ލޯނު ހޯދުމުގައި ލުއި ލޯނާއި އެ ނޫން ވެސް ދަރަނި އަދައިކުރުމުގެ ފަސޭހަ މަގުތައް ހޯދޭތޯ ބެލުމަށް އިސްކަން ދިނުމަކީ ޚާރިޖީ ސިޔާސަތުގެ ބައެކެވެ.
ފަސްދޮޅަސް އަހަރުގެ މިނިވަންކަން ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ވަރަށް ގިނައެވެ. މިހާރުގެ ދުނިޔެއަށް ރާއްޖެއިން ހޭލައި، ދުނިޔެ ގަބޫލުކުރާ ކަންކަމަށް ދިވެހީންގެ ލޯތައް ހުޅުވަން ޖެހެއެވެ.
ކޮންމެ ކަމެއްގައި ވެސް މަޝްވަރާގެ އުސޫލު، ނުވަތަ ޑިޕްލޮމަސީ އިސްކުރަން ޖެހެއެވެ. މަޝްވަރާގެ އުސޫލު ފެއިލްވާ ހިސާބަކީ ޚާރިޖީ ސިޔާސަތު ފެއިލްވިކަން ބުނެދޭ ރަތުގެ އިންޒާރެވެ. އެ ފަދަ ގައުމުތަކަށް އިގްތިޞާދީ، އަދި އަސްކަރީ ދަތިކުރުންތަކާ ކުރިމަތިލާން ޖެހޭކަން ދުނިޔޭގެ މަސްރަހުން ވެސް އެބަ އެނގެއެވެ.
އެހެންކަމުން ކޮންމެ ސިޔާސީ ފިކުރެއްގެ، ކޮންމެ ވެރިއަކު ވެރިކަން ކުރިކަމުގައިވީ ނަމަވެސް ޚާރިޖީ ސިޔާސަތަކީ "ކުޅޭކުޅޭ" އެއްޗެއް ނޫންކަން ދަންނަން ޖެހެއެވެ. އަދި ގައުމަކާ ދިމާއަށް ބަހެއް ބުނާއިރު، އެއީ އެތައް ނަތީޖާއެއް، ރަނގަޅަށް ވެސް އަދި ނުރަނގަޅަށް ވެސް ނިކުމެދާނެ ކަމެއްކަން ވިސްނަންޖެހެއެވެ.
މިފަދަ އެތައް ސަބަބުތަކައްޓަކައި މިނިވަންކަން ދެމެހެއްޓުމަށް ދިވެހިންގެ މޮޅު ޚާރިޖީ ސިޔާސަތު ދިވެހީންގެ މަސްލަހަތު އިސްކޮށް ދިފާއުކުރުމަކީ މުހިންމު ކަމެކެވެ.