ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި އެމަނިކުފާނުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އޮތްބައި ބަންޑާރަ ނައިބުގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ކުރި ހުކުމުގައި ގާސިމްގެ ބަލިހާލަތު ބޮޑުވެފައި ވާތީ، އެމަނިކުފާނުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހަމަޖައްސަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލް ކުރާ، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ގުޅުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ އޮފީހުން ގާސިމްގެ މައްސަލަ އިސްތިއުނާފް ކޮށްފައި ނުވާނެ ކަމަށެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން އެމައްސަލައިގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށް ފޮނުވަން ޖެހޭނެ ކަމަށް ބުނެފައި އޮތް ބައި ބާތިލް ކުރުމަށް ހައިކޯޓަށް ވަނީ ހުށަހަޅާފަ އެވެ.