ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ޕާކް ކަމުގައިވާ ސަލްޓަން ޕާކްގެ ނަން ބަދަލު ކޮށް ރަސްރަނިގެ ނަމުގައި މިދިޔަ ހަފްތާގައި ހުޅިވި ޕާކަށް ވަންނަ ކޮންމެ ބިދޭސީއެއްގެ އަތުން ނަގާނެ ފީ ހައުސިން މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްތްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރަސްރަނި ބަގީޗާ އަށް ވަންނަ ކޮންމެ ބިދޭސީ އެއްގެ އަތުން ބަންދު ނޫން ކޮންމެ ދުވަހަކު ނަގާނީ 75 ރުފިޔާ ކަމަށެވެ. އަދި ބަންދު ދުވަސްތަކުގައި ނަގާނީ 100ރ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ފަތުރުވެރިންނަށް ވެސް ޕާކަށް ވަދެވޭނީ އެ އަގުަގއި ކަމަށެވެ. ނަމަވެސް ދިވެހި އައިޑެންޓިޓީ ލިބިފައިވާ ބިދޭސީން އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ކުރިން ވެސް ކަނޑައެޅިފައިވާ ގޮތަށް ރަސްރަނި ބަގީޗާ އަށް ވަންނަ އެއްވެސް ދިވެއްސެއްގެ އަތުން ފީ ނުނަގާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރަސްރަނި ބަގީޗާ ހުޅުވާފައި ހުންނަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 12:00 އަށެވެ.. ނަމަވެސް ހުކުރު ދުވަހު ހުޅުވާނީ 14:00 އިން ފެށިގެން ރޭގަނޑު 12:00 އަށެވެ.