ބްރޯޑްކާސްޓް ކުރަން ފަށާފައިނުވާ 13 ފަރާތެއްގެ ލައިސަންސް ބާތިލްވާނެ ކަމަށްބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އެފަރާތްތަކަށް ނޯޓިސް ފޮނުވައިފި އެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގާރަ ދުވަހު ނެރެފައިވާ ސާރކިއުލާއެއްގެ ބުނެފައި ވަނީ ބްރޯޑްކާސްޓް ކުރުމަށްޓަކައި 13 ފަރާތަކަށް ލައިސަންސް ދޫކޮށްފައިވާ ކަމަށާއި، އެފަރާތްތަކުން ލައިސަންސް ލިބޭތާ 12 މަސް ދުވަހުގެ ތެރޭގައި ބްރޯޑްކާސްކުރަން ފަށަންޖެހޭނެ ކަމަށް ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 19 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށާފައިނުވާނަމަ، އިތުރަށް ހިނގާ 12 މަސްދުވަސް ހަމަވުމަށް ފަހު ލައިސަންސް ބާތިލްވާނޭ ކަމަށް އެ ކޮމިޝަނުން މީގެކުރިން ކޮށްފައިވާ އިއުލާނެއްގައި ބަޔާން ކޮށްފައިވާނެ ކަމަށް ވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އެ ސާރކިއުލާގައި ބުނެފައިވެއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ނޯޓިސް ފޮނުވާފައިވާ ޗެލަންތަކުގެ ތެރޭގައި ޕަބްލިކް ސާރވިސް މީޑިއާގެ ދެ ޗެނަލެއް ވެސް ހިމެނެއެވެ. އެއީ މޯލްޑިވްސް ޓީވީ އާއި ސަރިންދާ އެވެ.
މީގެއިތުރުން ޑްރީމްނެޓްވޯރކް ސޮލިއުޝަން ކުންފުންޏަށް ދޫކޮށްފައިވާ ދެ ލައިސަންސް ކަމަށްވާ ގޯޕްލަސް ޗެނަލާއި ގޯކާސްޓް އާއި މޯލްޑިވްސް މީޑިއާ ކޮމްޕެނީގެ ދި މިއުޒިކް އާއި އާރކް އެކްސްއަށް ދޫކޮށްފައިވާ ދިވެހި ޗެނަލާއި އަކޯޔާ ކުންފުންޏަށް ދޫކޮށްފައިވާ ސަންގް އެކްސްޓްރާ އާއި ރެއިޒްކްރޯން އަށް ދޫކޮށްފައިވާ ނިއުސް ޓީވީ އާއި ޓްރާންސް އޯޝަން ބްރޯޑްކާސްޓިންގ އަށް ދޫކޮށްފައިވާ ޗެނަލް އޯޝަން އާއި އައްޑޫ ޓީވީއަށް ދޫކޮށްފައިވާ އައްޑޫ ޓީވީ އާއި ހައިކޮމް އަށް ދޫކޮށްފައިވާ ވީޑިއޯ 24 ސެވަން އާއި އާރު، ޕްރޮޑަކްޝަންއަށް ދޫކޮށްފައިވާ ރާއްޖެ ޕްލަސްގެ އިތުރުން ޖޭޓީވީއަށް ދޫކޮށްފައިވާ ޖޭޓީވީ ހިމެނެއެވެ.
އެކުންފުނިތަކަށް ދޫކޮށްފައިވާ ޗެނަލް ތަކުގެ ލައިސަންސް ބާތިލް ވާނެ ތާރީހުތައް ވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އާއްމު ކޮށްފައިވާ ސާރކިއުލާގައި ވެއެވެ.