އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ހަމާސް ޖަމާއަތުން ޖަވާބު ދީފި އެވެ.
ހަމާސް އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ، އިސްރާއީލް އިން ހުށަހަޅާފައިވާ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އެ ޖަމާއަތުން ޖަވާބު ދީފައިވާ ކަމަށެވެ. މިއީ ޤަތަރުގެ ވެރި ރަށް ދޯހާގައި ދެ ހަފުތާ އަށް ވުރެ ގިނަ ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ނުލިބި އޮއްވާ ނިންމާފައިވާ ނިންމުމެކެވެ.
ހަމާސް އިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، މެދުވެރިންނަށް ފަލަސްޠީނުގެ ފަރާތްތަކާ އެކު އެ ހުށަހެޅުމަށް ޖަވާބު ދީފައިވާ ކަމަށެވެ. ދޯހާގައި ކުރިއަށް ގެންދާ މަޝްވަރާތަކާ ގުޅުން ހުރި ފަލަސްޠީނުގެ މަސްދަރަކުން ބުނާ ގޮތުގައި، މި ޖަވާބުގައި އެހީ ވައްދާނެ ގޮތާއި، އިސްރާއީލް ސިފައިން އަނބުރާ ގެންދާނެ ސަރަހައްދުގެ މެޕުތަކާއި، ހަނގުރާމަ ދާއިމީކޮށް ނިންމުމަށް ގެނައުމުގެ ޔަގީންކަން ވަނީ ހިމަނައިފަ އެވެ.
ދެ ފަރާތުގެ މަންދޫބުން ވަނީ ދޯހާގައި މެދުވެރިންނާ އެކު ނުސީދާ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. މީގެ މަޤުސަދަކީ ހަނގުރާމަ ހުއްޓުވުމާއި، ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމެވެ.
ހަމާސް އިން ވަނީ، 2023 ވަނަ އަހަރު އިސްރާއީލަށް ދިން ހަމަލާގައި އެ ޤައުމުގެ 251 މީހަކު ރަހީނު ކޮށްފަ އެވެ. އޭގެ ތެރެއިން މިވަގުތު ރަހީނުގައި ތިބީ 49 މީހުން ކަމަށް އެކި އެކި މަސްދަރު ތަކުން ވަނީ ބުނެފަ އެވެ. ހަމާސް އިން ރަހީނު ކޮށްފައިވާ މީހުންގެ ތެރެއިން ބައެެއް މީހުން މަރުވެފައިވާ ކަމަށް ބުނެފައިވާއިރު، އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ 27 މީހަކު މަރުވެފައިވާ ކަމަށެވެ.
އިސްރާއީލް ސަރުކާރުގެ ތަރުޖަމާނު ބުނެފައި ވަނީ ހަމާސް އިން މަޝްވަރާތަކަށް ހުރަސް އަޅަމުން ގެންދާ ކަމަށެވެ.އޭނާ ބުނެފައި ވަނީ އެމެެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުމަށް ދެކޮޅު ހަދަމުން އަންނަނީ ހަމާސް ޖަމާއަތުން ކަމަށެވެ.