އެ ތޫފާނާ ބެހޭގޮތުން އޮފިޝަލުން ވިދާޅުވަނީ އެއީ އެމެރިކާއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެއް ކާރިސާ ކަމަށެވެ. އެ ތޫފާން އެރުމާ ގުޅިގެން ހަމައެކަނި އެންމެ ސިޓީ އަކަށް ލިބުނު ގެއްލުމުގެ އަގު ވެސް 50 ބިލިއަން އެެމެރިކާ ޑޮަލަރަށް އަރައެވެ. މި ދައްކަނީ އެމެރިކާގެ ޓެކްސަސް ސްޓޭޓަށް މިދިޔަ ހުކުރު ދުވަހު އަރާފައިވާ ތޫފާން ހާވީގެ ވާހަކައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓެކްސަސް ސްޓޭޓަށް ކާރިސާގެ އެހީދިނުމާ ބެހޭ ގަރާރުގައި ސޮއި ކުރައްވާފައެވެ. ގެެއްލުން ލިބޭ ސަރަހައްދުތަކަށް އެ ގަރާރުގެ ދަށުން އެމެރިކާގެ މައި ސަރުކާރުން އެހީ ލިބިގެން ދާނެއެވެ. ތޫފާން ހާވީ އެރުމާ ގުޅިގެން މަދުވެގެން 30 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު އެތައްބަަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޓެކްސަސް ސްޓޭޓުގެ ސިޓީއެއް ކަމަށްވާ ހިއުސްޓަންގެ ބައެއް ސަރަހައްދުތަކަށް 50 އިންޗިއަށް ވުރެ އިތުރަށް ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. މިއީ އެމެރިކާގައި ރެކޯޑެކެވެ. ހިއުސްޓަންގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު އަދި އެއްވެސް ފަރާތަކަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރު ކޮށްފައެއްނުވެއެވެ. ހިއުސްޓަންގެ މޭޔަރު ސިލްވެސްޓާ ޓާނާ އަންގާރަ ދުވަހު އެ ސިޓީގައި ކާފިއުއެއް ވެސް ވަނީ އިއުލާން ކުރައްވާފައެވެ.
ކޮންމެއަކަސް، އެމެރިކާގެ ޓެކްސަސް ސްޓޭޓް އަށް ތޫފާން ހާވީ ހުކުުރު ދުވަހު އަރާ ވެހެމުންދާ ވާރޭއާ ގުޅިގެން ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ޓެކްސަސްގެ ހިއުސްޓަން އަދި ޑާލަސް ސިޓީގައި ވަނީ ބޮޑެތި ވަގުތީ ހިޔާތައް ހުޅުވާފައެވެ. ހިއުސްޓަންގެ މޭޔަރު އަންގާުރަ ދުވަހު ވަނީ 18،000 މީހުންގެ ވަގުތީ ހިޔާއެއް ހުޅުވާދެއްވާފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވޭއިރު އެމެރިކާގެ ފެޑެރަލް އިމާޖެންސީ މެނޭޖްމަންޓް އެޖެންސީގެ ޑައިރެކްޓާ ބްރޮކް ލޮންގް ހޯމަ ދުވަހު ވިދާޅުވީ ޓެކްސަސްގެ 50 ކައުންޓީ އަކަށް ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ ކަަމަށާއި ހަމައެކަނި ވޭތުވެދިޔަ ތިން ދުވަހު އެކަނިވެސް "ހަމަހަށް ވާވަރަށް ވާރޭ ވެހިފައިވާ ކަމަށެވެ."
އެމެރިކާގެ ޓެކްސަސް ސްޓޭޓް އަށް ތޫފާން ހާވީ އަރާ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ޓެކްސަސްގެ ހާލަތު ބެއްލެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު އެ ސްޓޭޓް އަށް ޒިޔާރަތް ކުރައްވައިފައެވެ. ޓެކްސަސްގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޓްރަމްްޕް ވިދާޅުވީ "މިހާތަނަށް އެއްވެސް މިހާކަށް މިފަަދަ ކަމެއް ފެނިފައިނުވާ ކަމަށާއި" ތޫފާން ހާވީގެ ކަންކަން ނިމި ހުރިހާ ކަމެއް ހަމައަކަށް އެޅުމުން އެންމެން އެންމެންނަށް މަރުހަބާ ކިޔާނެ ކަމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތް ފަހުން ދިމާވި ފުރަތަމަ ގުދުރަތީ ކާރިސާ އަކީ ތޫފާން ހާވީ ކަމަށްވާއިރު، އެމަނިކުފާނު ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ތޫފާން ހާވީ އިން ލިބިފައިވާ އަދި ލިބެމުންދާ ގެއެްލުންތަކުން އަރައިގަތުމަކީ "ވަރަށް ޚަރަދު ބޮޑު ކަމެއް ކަމަށާއި" އެހެން ނަމަވެސް އެމެރިކާގެ މައި ސަރުކާރުން ތިބީ ތޫފާނުގެ ސަބަބުން ޓެކްސަސް އަށް ލިބުނު ގެެއްލުންތަކުން އަރައިގަތުމަށް އެހީ ވުމަށް ތައްޔާރަށް ކަމަށެވެ.