މީގެ ފަސް އަހަރު ކުރިން އެޑަމް ޕީޓީއާއި އޭނާގެ ކޯޗު މެލް މާޝަލްގެ އިތުރުން ޕީޓީގެ ބައެއް އެކުވެރިންނާއެކު ޒެމްބިއާގެ އެކި ސަރަހައްދުތަކުގައި ފަންޑް ރައިޒް ކުރުމުގެ ގޮތުން އިވެންޓުތަކެއް ބޭއްވިއެވެ.
އޭގެ ފަސް އަހަރު ފަހުން އޭނާ އެނބުރި ޒެމްބިއާއަށް އައީ އެ އިވެންޓުތަކުން ލިބުނު ފައިސާއިން ޒެމްބިއާގެ ލުސާކާގައި އެޅި ޕާކެއް ހުޅުވުމަށެވެ. ޒެމްބިއާގެ އާބާދީގެ 82 އިންސައްތަ އަކީ 35 އަހަރަށްވުރެ ދަށް މީހުންނަށްވާއިރު ޕާކުތަކާއި ފުޓުބޯޅަ ސްޓޭޑިއަމްތަކާއި ބާސްކެޓު ކޯޓުތަކުގެ އިތުރުން އެހެނިހެން ކުޅިވަރު ކުޅުމަށްވެސް ތަންތަން ބިނާކުރެވިފައި ނުވެއެވެ.
ބީބީސީއާއި ވާހަކަ ދައްކަމުން ޕީޓީ ބުނެފައިވަނީ މެޑަލް ހޯދުމާއި ދުނިޔޭގެ ރިކޯޑުތައް ގާއިމު ކުރުމަކީ ހަމައެކަނި އިސްކަން ދޭންޖެހޭ ކަންކަން ނޫންކަމަށެވެ. މި ކަންކަމުގެ އިތުރުން ތިމާގެ ފަރާތުން ދުނިޔެއަށް ރަނގަޅު މިސާލެއް ދައްކައި މީހުންނަށް އެހީ ވުމަކީ ވެސް މުހިންމު ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.
ޕީޓީގެ މަސައްކަތް އޭނާ ކުރިޔަށް ގެންދަނީ "ޕާފެކްޓް ޑޭ ފައުންޑޭޝަން" އާއި ގުޅިގެންނެވެ. މި ފައުންޑޭޝަނުން ވަނީ ޓީޗަރުންނާ ކޯޗުންގެ އިތުރުން އެހެނިހެން އިންސާނީ ވަސީލަތްތަށް ލުސާކާއަށް ގެނެސްދީ އެތަކެއް ކުދިންނަށް ތައުލީމާއި ރަނގަޅު ސިއްހީ ހިދުމަތްތައް ލިބޭނެ ގޮތް މަގުފަހި ކޮށްދީފައެވެ. އަދި އެ ކުދިންގެ ޅަފަތުގެ އުމުރަކީ މަޖަލާއި އުފަލުގައި ވޭތުކުރާ ދުވަސްތަކަކަށް ހެދުމަކީވެސް އެ ފައުންޑޭޝަނުގެ އަމާޒެކެވެ.
ލުސާކާގައި ހުޅުވުނު ޕާކު ހުރި ސަރަހައްދަކީ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކާއި މީހުން މެރުން އާންމު ތަނެކެވެ. އެހެން ނަމަވެސް ޕީޓީގެ އުއްމީދަކީ މި ޕާކު ހުޅުވިގެން ދިޔުމާއެކު އެ ސަރަހައްދަށް ހަމަޖެހުމާއި ކުރިއެރުން އައުމެވެ. އަދި ބިރުވެރިކަމާއި ނާމާންކަން އެ ސަރަހަށްދުން އެއްކޮށް ނެތިގެން ދިޔުމެވެ.
އޭނާ ގަބޫލްކުރާ ގޮތުގައި ކުޅިވަރަކީ ދުނިޔެއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭނުން ކުރެވިދާނެ ވަރަށް ވަރުގަދަ ވަސީލަތެކެވެ. ޕީޓީ ދެކޭ ގޮތުގައި ކުޅިވަރުގެ ދުނިޔޭގައި ހަރަކާތްތެރިވާ ހުރިހާ އެތްލީޓުންވެސް އިސްނަގައިގެން މިފަދަ ގިނަ ޕްރޮޖެކްޓްތަށް ހިންގައިފިނަމަ ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އެހީއަށް ބޭނުންވެފައި ތިބި ކުދިންނަށް ރަނގަޅު މުސްތަގްބަލެއް ބިނާކުރުމުގެ މަގުފަހި ވެގެންދާނެއެވެ.
ޕީޓީ ޒެމްބިއާއަށް މިކުރި ދަތުރު ވެގެން ގޮސްފައިވަނީ ޒެމްބިއާގެ އެތައް ހާސް ކުދިންނެއްގެ ހަޔާތް ބަދަލުވެގެން ދިޔަ ދަތުރަކަށެވެ. ޕީޓީގެ އުއްމީދަކީ އިތުރު ޕާކުތަކާއި ކުޅިވަރު ސެންޓަރުތަށް ގާއިމު ކުރުމަށް ފަންޑް ރައިޒިން އިތުރު އިވެންޓުތަށް ހިންގުމެވެ. ޕީޓީގެ މި މަސައްކަތުން ޒެމްބިއާގެ އެތަކެއް ކުދިންނަށް މިވަނީ ހެޔޮ މުސްތަގުބަލެއް ލިބުމުގެ އުއްމީދު އާވެފައެވެ.