މިހާތަނަށް ހުށަހެޅުނު އެއްވެސް ކަރުދާހެއް އެކަށީގެންވާވަރު ނުވާކަމަށް ވިދާޅުވެ ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އިނގިރޭސީ ވިލާތުން އީޔޫއިން ވަކިވުމަށް ކުރަމުންދާ މަޝްވަރާތަކަށް ފާޑުވިދާޅުވެއްޖެއެވެ.
ޖީން ކްލައުޑް ޖަންކަރ ވިދާޅުވީ ވަކިވުމުގެ ބިލްގެ ކަންކަން ހަމަ ނުޖެއްސެނީސް އީޔޫއާ އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް ނުކުރެވޭނެކަމަށެވެ.
ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވީ އިނގިރޭސި ވިލާތް އޮތީ "ރަނގަޅު މަގާމެއް"ގައި ކަމަށެވެ.
ނަމަވެސް މަޝްވަރާތަކުގައީ އީޔޫގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ އިސްވެރިޔާ މައިކަލް ބާނިއަރ ވިދާޅުވީ ބްރެކްސިޓް ސެކްރެޓަރީ ޑޭވިޑް ޑޭވިސް ސީރިއަސް ކަމާއެކު މަޝްވަރާތައް ފައްޓަވަން ޖެހޭކަމަށެވެ.
އީޔޫއިން ކުރިންވަނީ އިނގިރޭސި ވިލާތުން ތިން ކަމެއް ހައްލު ނުކުރަނީސް ވިޔަފާރިއާ ބެހޭގޮތުން ވާހަކަ ނުދައްކާނެ ކަމަށް ބުނެފައެވެ.
އެންމެ ބޮޑަށް އަޅައިގަނެގެން އުޅޭ ނުކުތާއަކީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ ކުރިން އިނގިރޭސި ވިލާތުގައި މަސައްކަތް ކުރަމުންދިޔަ އީޔޫގެ ގައުމުތަކުގެ މަސައްކަތްތެރީންގެ ހައްގުތައް އަދި އީޔޫގެ ގައުމުތަކުގައި މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ރައްޔިތުންގެ ހައްގުތަކެވެ.
އީޔޫގެ ފަރާތުން މަޝްވަރާކުރައްވާ ފަރާތްތަކުންވަނީ އަޔަރލޭންޑްގެ ސަރަހައްދީ ރޮނގާ ބެހޭގޮތުން ނިންމާފައިވާ ނިންމުމާމެދުވެސް ދެކޮޅު ހައްދަވަފައެވެ.އަދި އީޔޫއާ އިނގިރޭސިވިލާތާދެމެދު ނިންމަންޖެހޭ މާލީ ކަންކަންވެސް ނިމެންޖެހޭނެކަމަށްވަނީ ބުނެފައެވެ.
ނަމަވެސް އިނގިރޭސިވިލާތުން ބުނެފައިވަނީ މަޝްވަރާގައި އެގައުމުން ގެންގުޅޭ އެންމެ ބޮޑު ކާޑު މަޝްވަރާގެ މިހާ ކުރީކޮޅު ދޫކޮށް ނުލާނެ ކަމަށެވެ.
އިނގިރޭސިވިލާތުން އޮތްގޮތް ހާމަކޮށް އެގައުމުންވަނީ އޯގަސްޓްމަހު ކަރުދާހެއް ޝާއިއުކޮށްފައެވެ. އޭގެ ތެރެއިން އެއް ކަރުދާހެއްގައި ބުނެފައިވަނީ އިނގިރޭސި ވިލާތާއި އީޔޫގެ ބާޒާރުގައި މިހާރުވެސް ހުރި މުދަލަށް އިތުރު މަނާކުރުމެއް އޮވެގެން ނުވާނެ ކަމަށެވެ.
މިދިޔަ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު އިނގިރޭސި ވިލާތުގައި ނެގި ފެންނަ ނުފެންނަ ވޯޓްގައި 51.9 އިންސައްތަ ރައްޔިތުން ވޯޓްދީފައިވަނީ އެ ގައުމު ވިލާތުގެ އިއްތިހާދުން ވަކިވުމަށެވެ.