ކ. މާލެ
|
21 ޖުލައި 2025 | ހޯމަ 15:19
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ ކްރެޑިޓް ހޯދަން މިސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ ކްރެޑިޓް ހޯދަން މިސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ރާއްޖޭގައި މިނޫނީ ތަނެއް ނުހުޅުވަނީތަ؟
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓެއް އަދި ނުނިމެއެވެ. ހުޅުވާން އުޅެނީ އެޓަރމިނަލްގެ ބައެކެވެ. މިމަހުގެ 26 ގައި ހުޅުވާނަމޭ ވިދާޅުވެފައި އޮތީތީވެ ހުޅުވަނީއެވެ.

މަގުމަތިން އަޑުގަދަ ކުރަމުން އަންނާތީ އެއްފަރާތެއްގައި މަޑުކޮށްލީމެވެ. ހީކުރީ ސިޔާސީ ޕާޓީއެއްގެ އެއްވުމަކަށް މީހުން އެއްކުރަން ޕިކަޕެއްގައި ގޮވަލިފައްޗެއް ގޮވަނީ ކަމަށެވެ. އަޑުގަދަ ކުރަމުން އަންނަ ވެހިކަލް, ހުރިހިސާބާ އަރާހަމަވުމުން އެނގުނީ އެފަދަ ކަމެއް ނޫންކަމެވެ. ނޫކުލައާއި ހުދު ކުލައިގެ ފުއްޕާ ހަމުން ޒީނަތްތެރި ކޮށްފައިވާ ވެހިކަލްއެކެވެ. ނަގާފައި ހުރީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ދިދައެކެވެ. ޖަހާފައިހުރި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާ ގުޅޭ ދިވެހި ލަވައެކެވެ. ގޮވަމުންދިޔައީ ދިވެހިންގެ އެއަރޕޯޓްގެ އާޓަރމިނަލް ހުޅުވާތީ އެވާހަކައެވެ.

ވީގޮތް އެނގުނީ ދެނެވެ. ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއް ބާއްވަނީ ނޫން ކަމެވެ. ނޫންނަމަ ބޮޑު ވިޔަފާރި ކުންފުންޏެއްގެ އާ ޕްރޮޑަކްޓެއްގެ އިސްތިހާރެއްވެސް ނުމެ ނޫންކަމެވެ. އެއީ ތިޔަ ހީކުރި ގޮތައް ހުޅުވަން މިއުޅޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓަރމިނަލްއެއްގެ ތަންކޮޅެއް ހުޅުވަން އުޅޭތީ އެވާހަކައެވެ.

ހަމަ އެރެއެވެ. ރައްޓެއްސަކާއެކު މަޑުކޮށްލައިގެން ހުރީ ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރީ ހުންނަ ހަޓެއްގައި ކޮފީއެއް ބޯލާށެވެ. ކުއްލިއަކަށް އިވުނީ ލަވަ ޖަހާފައި ބަޔަކު ވެހިކަލެއްގައި އަންނަތަނެވެ. ހީކުރީ މިހާރު ފަށައިގެން އުޅޭ ވޮލީބޯޅަ މުބާރާތަކުން ބަޔަކަށް ކުރި ލިބުނީ ކަމަށެވެ. އިސާހިތަކު ފެރީ ޓަރމިނަލް ސަރަހައްދަށް ވެހިކަލް މަޑުކޮށްލައިފިއެވެ. ނޫކުލައިގެ ދޫނިބައެއްހެން ކުދިންތަކެއް ފައިބާ ކޮޅުކޮޅުމައްޗަށް ދުވެގަތެވެ. ކުދި ދިދަތަކަކާއި ލޯގޯއެއް ޖެހި ކުކީއެއް ބަހަން ފެށިއެވެ. ދެން ފޭބި މީހުން އެއަތުރާލީ ސްޕީކަރތަކެވެ. އަނެއް ބަޔަކު އުނަގަނޑުގައި އަޅުވާލި ބެރުތަކާއެކު އެފެށުނީ އެސަރަހައްދުގައި ބޮޑުބެރު ޝޯވއެކެވެ.

ވާނުވާ ބަލާލަން މިފަހަރުވެސް ގާތައް ލެފިލީމެވެ. އެނގުނީ އެވެސް އެއަރޕޯޓްގެ އާ ޓަރމިނަލްގެ ބައެއް ހުޅުވާތީ އޭގެ އިސްތިހާރުކަމެވެ. ބެރާ އެއްވަރަށް ކިޔަމުންދިޔައީ އެކަމަށް ހަދާފައިވާ ލަވަތަކެކެވެ.

ހިތާހިތާ ބުނެލެވުނެވެ. ލައްކަ ފޯރިއެއް އެބަހުރިތާއެވެ. އަނެއްކާ މިފެށުނީ އަނެއް ކަންތައް ގަނޑުބާވައޭވެސް ހިތަށް އެރިއެވެ. މީގެ ކުރިން ތަނެއް ހުޅުވާކަށް ނޫންނަމަ، އަލަށް ކުރިކަމެއް ފަށާކަށް މިވަރެއް ނުކުރެއެވެ. ރަސްމިއްޔާތު އޮންނަކަން އިއުލާން ނުކޮށްލައެކޭއެއް ނޫނެވެ. ނޫންނަމަ އެތަނުގައި އެގަޑީގައި ކުޅިވަރު އައިޓަމެއް ނުބާއްވައެކޭވެސް ނުމެ ނޫންމެއެވެ. މީގެ ރަސްމިއްޔާތެއްގެ ކުރިން މިފަދަ ގޮތަކަށް މިހާވަރަކަށް އިސްތިހާރު ކޮށް އުޅޭތީ ނުފެންނަނީއެވެ.

ހިތަށް އެރިއެވެ. މީހުން ބުނެއެވެ. ހުޅުވާން އުޅެނީ އާ ޓަރމިނަލްގެ ކުޑަކުޑަތަންކޮޅެކެވެ. މުޅިތަން ހުޅުވޭނެ ދުވަހެއްވެސް ނޭނގެއެވެ. ގިނަ ޚިދުމަތްތަކެއް އަދި އެތާކުން ނުފެށޭނެއެވެ. އަދި އެޚިދުމަތް ދެވެން ފެށޭނެ ދުވަހެއްވެސް ނޭނގެއެވެ. އެތަނުގެ ބޭނުން ކުރަނީ އަދި ދިވެހި ގައުމީ އެއަރލައިން މޯލްޑިވިއަން އެކަނި ކަމަށޭވެސް އެބަ ކިޔައެވެ. އެހެން އެއްވެސް އެއަރލައިނަކުން އަދި އެތަނެއް ބޭނުން ނުކުރާނެޔޯލައެވެ. ބައެއް މީހުން ބުނަނީ އެއީ އެފެންވަރަށް އެތަން ނުނިމެނީއެވެ. ޓަރމިނަލްއަކުން ލިބެންޖެހޭ އަސާސީ ޚިދުމަތްތައް އަދި އެތަނުން ލިބެން ނެތީއެވެ. މިކަންކަން ހިތަށް އެރީމާވެސް ގާތަށް އައީކީ އަމަށަކު ހިންޏެއް ނޫނެވެ. މިއުޅެނީ އަދި އެއްކޮށް ނުވެސް ނިމޭ ތަނެއްގެ ތަންކޮޅެއް ހުޅުވާށެވެ. މީހަކަށް ބުނެވިފައި އޮތް އެއްޗެއްގައި ހިފައިގެންނެވެ. މިއަހަރުގެ މިނިވަން ދުވަހު އެތަން ހުޅުވާނަމޭ ރައީސް މީހާއަށް ވިދާޅުވެވިފައި އޮތީމައެވެ.

އެހެން ވިދާޅުވެވުނީމާ ނުނިމޭ ތަނެއް ހުޅުވަން ރެއާ ދުވާލު އަވަސް އަރުވާލައިގެން އެކުރާ ކަންކަމުގައިވެސް ލައްކަ ކަންބޮޑުވުންތަކެވެ. އެއަރޕޯޓަށް ފުރަންދާ މީހުންނާ އެއަރޕޯޓުން އަންނަ މީހުން ކާރުތަކަށް އަންނަން ޖެހޭ ދުރުކަމެވެ. މުޅިތަނުގައި ކޮނެ އެގޮތް މިގޮތައް އޮތް މަގުތަކެވެ. ފޮށިތަންމަތި ދަމާފައި އުފުލަން ޖެހޭ ތަކުލީފެވެ. އެއަރޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސައިކަލްތައް ޕާކްކުރުން މިވަގުތައް މެދުކަނޑާލަން ޖެހުމުން އެޚަރަދަށް ޖީބުން ދޭން ޖެހުނު ފައިސާއެވެ. އެއްތަނެއް ނުނިމި އަނެއްތަނެއް ކޮނުމެވެ. ކޮންނަތަނަކަށް އަވަހަށް ފަސްއަޅާފައި އަނެއްކާ އަނެއްތަނެއް ފަށައިގަތުމެވެ. އެޅިތާރު ކަނޑާފައި އަލުން އެތަނަކަށް އެއްޗެއް ފެއްތުމެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. މިވަގުތު އެއަރޕޯޓަށް އަރާލައިފި ކޮންމެ މީހަކަށް ހީވާނީ އެއީ ކޮންސްޓްރަކްޝަން ސައިޓެއް ހެނެވެ. 26 އަށް ނިންމާށެވެ. ނުނިމުނަސް މަތި އަޅާލާފައި ނިމުނުކަން ދައްކާށެވެ.

ކޮންމެއަކަސް ވީއައިއޭގެ އާ ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމުގެ އަޑު ވަނީ އަރާފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ރެކޯޑު މުގުރާލާ ވަރުގެ ޑްރޯން ޝޯއަކާއި ބޮޑު ހަރަދެއްކޮށްގެން ހަވާއެރުވުން ވެސް އޮންނާނެ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެމްއޭސީއެލް އާއި ސަރުކާރުން ވެސް އެ ދުވަހަށް ރާވާފައިވާ ހަރަކާތްތަކުގެ ތަފުސީލެއް ނުދެ އެވެ. އެ މައުލޫމާތު ހޯދަން މީޑިޔާތަކުން ސުވާލުކުރާތާ އެތައް ދުވަހެއް ވެގެން ދިޔަ އިރު ވެސް އެމްއޭސީއެލްގެ އެއްވެސް އޮފިޝަލަކަށް އެ މައުލޫމާތު ހިއްސާކުރެވޭ ކަމަކަށް ނުވި އެވެ. އެކިއެކި މަސްދަރުތަކުން ލިބޭ މައުލޫމާތުން އަންދާޒާ ކުރެވެނީ، އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް 90 މިލިއަނާއި 100 މިލިއަން ރުފިޔާ އާ ދެމެދުގެ ހަރަދެއް ކުރާ ކަމަށެވެ. އެނގޭހާވެސް ކަމަކީ އެތަނެއް އަދި ނުއެއް ނިމޭކަމެވެ. ކިތައްމެ ބޮޑު ހަވައެއް އަރުވާ، އަރުވާ ޑްރޯންތަކުން ރައީސް މުއިއްޒުގެ އިސްކޮޅު ސޫރައެއް ދެއްކިއަސް އެތަން ނިމިގެން ހުޅުވިކަމަކަށް ނުވާނެ ކަމެވެ. އާ ކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން އުޅުނަކަސް ބަޔަކު ކުރި މަސައްކަތެއްގެ ރީތިނަން އަމިއްލައަށް ދަމައިގަނެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމެވެ. އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އަދި މުޅިރޭ އެއްކޮށް ހަވާ އަރުވާފައި ތަން ހުޅުދާން ކުރިއަސް އެތަނަކީ މުއިއްޒު ފަށައިގެން ނިންމާ ރިބަންފަށް ކަނޑާލާ ޓަރމިނަލަކަށް ނުވާނެކަމެވެ.

- ކޮމެންޓް