ދެކުނު ފަރާތު ނެރަށް އެތައް ދޯންޏެއް އަރައި ހަލާކުވި ފަހުން އެ ނެރު ބަންދުކޮށްފި އެވެ.
ދެކުނު ފަރާތު ފަޅަށް އުޅަނދުފަހަރު ވަދެނިކުތުމަށް ކަނޑާފައިވާ ނެރުގެ މަސައްކަތް އަދި އެއްކޮށް ފުރިހަމަވެފައިނުވާ ކަމަށާއި އެ ސަރަޙައްދު ބޭނުންކުރެއްވުމަކީ ރައްކާތެރިކަމަކަށްނުވާތީ ޕަސިންޖަރުންނާއި މުދާ އުފުލުމަށް އެ ނެރުނު ބޭނުން ނުކުރަން ހައުސިން މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި އެ ނެރުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ބުނެފައި އޮތަސް، އެ ސަރަހައްދުގައި މަސައްކަތެއް ކުރިއަށް ނުގެންދެ އެވެ.
އެ މިިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުވެސް އެ ނެރުނު ބޭނުން ނުކުރަން އަންގަފައިވާނެ ކަމަށެވެ. އެކަން އާންމުކޮށް އަންގައި އިޢުލާނު ކޮށްފައިވީ ނަމަވެސް މި އެންގުމާ ޚިލާފަށް އަދިވެސް ބައެއް ފަރާތްތަކުން ޢަމަލު ކުރާ ކަމަށް ބުނެފައިވެ އެވެ. އޭގެ ސަބަބުން ނެރުމަތި ގަދަވާ ހާލަތްތަކުގައި އުޅަނދު ފަހަރާއި، މުދަލާއި، މީހުންނަށް ހިތާމަވެރި ޙާދިސާތަކެއް ކުރިމަތިވެފައިވާކަން ވަނީ ފާހަގަ ކޮށްފަ އެވެ.
އޭގެ އިތުރުން އެ ޙާދިސާ ތަކުގައި މީހުންނާ އުޅަނދު ފަހަރަށް ލިބިފައިވާ ގެއްލުމަށް އެ މިނިސްޓްރީން ހިތާމަ ކުރާ ކަމުގައިވެސް އެ އިއުލާންގައި ބުނެފައިވެ އެވެ.
"ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި ޕަސެންޖަރުންނާ މުދާ އަރުވާ ބޭލުން ފަދަ މަސައްކަތައް މާލޭ ދެކުނު ފަރާތު ފަޅުގެ ސަރަޙައްދު ބޭނުން ނުކުރެއްވުމަށް ދެންނެވީމެވެ." އެ އިއުލާންގައިވެ އެވެ.
ދެކުނު ފަރާތު ފަޅަށް އުޅަނދުފަހަރު ވަދެނިކުތުމަށް ކަނޑާފައިވާ ނެރުން ވަނުމުގެ ތެރޭގައި ދޯނިފަހަރަށާއި މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.