ކ. މާލެ
|
20 ޖުލައި 2025 | އާދީއްތަ 06:28
ރާއްޖޭގައި ޑޮލަރުގެ އަގު ދަނީ ހުއްޓުމެއް ނެތި މައްޗަށް: ސަރުކާރުން ވައުދުވީ ގޮތަށް ޑޮލަރުގެ އަގު ދަށެއް ނުކުރެވުނު
ރާއްޖޭގައި ޑޮލަރުގެ އަގު ދަނީ ހުއްޓުމެއް ނެތި މައްޗަށް: ސަރުކާރުން ވައުދުވީ ގޮތަށް ޑޮލަރުގެ އަގު ދަށެއް ނުކުރެވުނު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ޑޮލަރުގެ އަގު ހުއްޓުމެއް ނެތި މައްޗަށް: ހުރިހާ ތަކުލީފެއް ރައްޔިތު މީހާއަށް
ކަރުދާހުގައި ލިޔެވިފައި އޮންނަނީ ޑޮލަރެއްގެ އަގަކީ 15.42 ރުފިޔާކަމަށް، ރަސްމީ ޑޮލަރު ރޭޓަކީ ވެސް އެއީ، އެހެން ނަމަވެސް ބާޒާރުގައި މިހާރު ޑޮލަރެއްގެ އަގަކީ 20.40 ރުފިޔާ

" މީކިީ އެހާރެއް ނޫން، މީ މިހާރު. ވިޔަފާރިވެރިން ބޭރުން މުދާ ގެންނަން 20.40 ގެ ރޭޓުން މިއަދު ޑޮލަރު ގަންނަން ޖެހުނީމާ އޭތި ހަޑި ދޯ..؟ މިހެންވީމަ ދެން މި ވާގޮތަކީ ހުރިހާ އެއްޗެއްގެ އަގު ވެސް ބޮޑުވަނީ. ބޯ ކޮފީއާއި ޖަހާ ސެންޓާއި އެންމެ ކުޑަމިނުން ފިހާރައިން އާދައިގެ މަތިން މި ގަނެލާ ސުޕާރީ އެއްގެ އަގު ވެސް ބޮޑު ވަނީ.."

މިއީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވިޔަފާރިވެރިއެއްގެ ބަހެވެ. ހަމަ އެކަނި އެ ވިޔަފާރިވެރިޔާގެ ބަހެއް ވެސް ނޫނެވެ. މިއަދު ހުރިހާ ވިޔަފާރިވެރިންގެ ވެސް ކަންބޮޑުވުމަކީ ޑޮލަރުގެ އަގު މަތިވެ، ތަކެތީގެ އަގު އިންތިހާއަށް އުލުމެވެ.

ކަރުދާހުގައި ލިޔެވިފައި އޮންނަނީ ޑޮލަރެއްގެ އަގަކީ 15.42 ރުފިޔާކަމަށެވެ. ރަސްމީ ޑޮލަރު ރޭޓަކީ ވެސް އެއީ އެވެ. އެހެން ނަމަވެސް ޑޮލަރުގެ އަގު މަތިވަމުން ގޮސް މިއަދު، ބާޒާރުގައި ޑޮލަރެއްގެ ލިބޭ އަގަކީ 20.40 ރުފިޔާއެވެ. އެއީ މިއަދެވެ.

ކޮންމެއަކަސް މި ސަރުކާރު އައިފަހުން ދުވަހުން ދުވަހަށް ޑޮލަރުގެ އަގު އަންނަނީ އުފުލެމުންނެވެ. އެ އުފުލޭ ކޮންމެ ފަހަރަކު އެ ބަރުވަނީ ނިކަމެތި، ރައްޔިތުމީހާގެ ޖީބަށެވެ. ހަނާވެ ނިކަމެތި ވަމުން ދަނީ އާންމު ރައްޔިތުންނެވެ.

ވާނީވެސް އެހެންތާ އެވެ. ކައިރި ކެފޭއަކުން ކުރިން 10 ރުފިޔާއަށް ލިބުނު ކޮފީތަށި މިހާރު އެންމެ 25 ރުފިޔާއަށް ބޮޑުވަނީއެވެ. ކުރިން އަނގަޔަށް މީރުކޮށް ކާލަން އެންމެ ދެ ރުފިޔާއަށް ލިބުނު ހެދިކާ އެވެސް ފަސް ރުފިޔާއަށް ބޮޑުވަނީއެވެ. މިހެން ގޮސް ކިޔާނެ ކަމެއްނެތެވެ. ހުރިހާއެއްޗެއް ވެސް މިއަދު އަތްނުފޯރާ ހިސާބަށް މިވަނީ ގޮސްފައެވެ. އެއީ އެކަން ހިނގާނެ ގޮތެވެ. ވާނެވެސް ގޮތެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިދިޔަ އޮކްޓޫބަރުން ފެށިގެން އަންނަނީ ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު މާރުކުރުވަމުންނެވެ. ގެސްޓްހައުސްތަކުން 25 ޑޮލަރު ނަގައެވެ. ފަހުން އަޑަށް ބާރުލާފައި ނުކުރާނަމޭ ބަދަލެއް ވިދާޅުވެފައި ވެސް އޮތީ އެ އަދަދު އާމްދަނީގެ 20 އިންސައްތައަށް އިޚުތިޔާރެއް ދީފައެވެ.

ރައްޔިތުންގެ މަޖިލީހުން ނިމިދިއަ އަހަރުގެ ޑިސެންބަރު މަހުގެ 12 ގައި އެ ބިލު ފާސްކުރުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަގުތުން ތަސްދީގުކުރެއްވިއެވެ. އެހެންވީމާ، ކޮންމެ ގޮތެއް ވިޔަސް ކުރިއަށްވުރެ ގިނަ ޑޮލަރު ބޭންކުތަކަށް ޝައްކެތްވެސް ނެތް މިންވަރަށް މިހާރު ވަންނާނެއެވެ.

އެކަމަކު، ބޭންކްތަކަށް ޑޮލަރު މާރުކުރީމާ އެ ހުރިހާ ޑޮލަރެއް ނަގަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއަށެވެ. ބޭންކުތަކަށް ވަންނަ ބޭރު ފައިސާގެ 60 އިންސައްތަ ދިޔައީ ނަގަމުންނެވެ. ފަހުން އެ އަދަދު 90 އިންސައްތައަށް މައްޗަށް ޖައްސާލީއެވެ.

އެހެންކަމުން ކޮންމެ ހަފުތާއަކު ވަންނަ ބޭރު ފައިސާގެ 90 އިންސައްތަ އެމްއެމްއޭއަށް މާރުކުރަން މިވަނީ ލާޒިމް ވެފައެވެ. އެހެންވީމާ ބޭންކަށް ވަންނަ ކޮންމެ 100 ޑޮލަރަކުން 90 ޑޮލަރު އެމްއެމްއޭއިން ނަގައި ބޮޑުފޮއްްޓަށް ލައި ރައްކާކުރަނީ އެވެ. ބާކީ މިވަނީ އެންމެ 10 ޑޮލަރެވެ. ބެންކުގައި މި އޮންނަނީ އެ 10 ޑޮލަރު އެކަންޏެވެ.

އެ ފައިސާ މާކެޓަށް ނެރޭ ކަމަށް އެމްއެމްއޭއިން ބުނި ނަމަވެސް ހިސާބުތަކުން އެ ކަން އެނގޭނެ ގޮތެއް ނެތެވެ. ބެލޭނެ ގޮތެއް ވެސް ނެތެވެ. ހިސާބުތައް ދައްކަނީ ޑޮލަރުތައް އެމްއެމްއޭގެ ތިޖޫރީތަކަށް އަޅައި ފޮރުވާ ކަމަށެވެ. އާންމުންނަށް ޑޮލަރު ނުލިބެނީ އެހެންވެ އެވެ.

އެމްއެމްއޭއިން ހިއްސާކުރި ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިދިޔަ މަހުގެ 30އާ ހަމައަށް ބޭންކްތަކަށް 362 މިލިއަން ޑޮލަރު މާރުކޮށްފައިވެއެވެ. އޭގެ ތެރެއިން، 60 އިންސައްތަ ނަގާފައިވަނީ އެމްއެމްއޭއަށެވެ.

އެ ފައިސާއިން ޖޫން މަހުގެ ނިޔަލަށް 88 މިލިއަން ޑޮލަރު ވަނީ ލޯނުތައް ދައްކަން ޚަރަދުކޮށްފައެވެ. އަދި، ޖޫން މަހު 174 މިލިއަން ޑޮލަރު ވަނީ ލޯނުތައް ދައްކަން ޚަރަދުކޮށްފައެވެ. އަދި، މި އަހަރު ދައްކަންޖެހޭ ބޮންޑަށް 27.5 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ހިސާބުތައް ދައްކާގޮތުން ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ރާއްޖޭގެ ބޭންކިންގ ނިޒާމަށް އެތެރެވާ އަދަދުގެ ތެރެއިން ބޭންކްތަކަށް މާރުކުރާ މިންވަރު މިދިޔަ ހަތަރު އަހަރު ވެސް ހުރީ ގާތްގަނޑަކަށް 10 އިންސައްތައިގައެވެ. އެކަމަކު، ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު މި އަހަރު އެ އަދަދު ހުރީ 20 އިންސައްތައިގައި އެވެ.

އެހެންކަމުން ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކާ ޑޮލަރުގެ އަދަދު ވެސް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 14 އިންސައްތަ އިތުރުވެފައި ކަމަށް އެމްއެމްއޭއިން ބުނެއެވެ.

15.42 އަށް ޑޮލަރެއް ލިބޭވާ ހަކަ ހަމަ އެކަނި އަޑު އަހަނީ. ދުވަހަކުވެސް ތިބުނާ ރޭޓަކު ޑޮލަރެއް ލިބުނު ދުވަހެއް ހަނދާނެއް ވެސް ނެތް. ވިޔަފާރިތަކަށް ޑޮލަރު ދެމޭ އެ ބުނާއިރު އަހަރެމެންނަކަށް ޑޮލަރެއް ނުލިބޭ. ވިޔަފާރިވެސް ދަނީ ދަށަށް. ބާޒާރުގައި ތަކެތީގެ އަގުވެސް ދަނީ މައްޗަށް

ވިޔަފާރިވެރިއެއްގެ ބަސް

ދިވެހި ބޭންކްތަކަށް ވަންނަ ކޮންމެ 100 ޑޮލަރަކުން 90 ޑޮލަރު އެމްއެމްއޭގައި ފޮރުވަނީއެވެ. ނަތީޖާއަކީ އާންމު މީހުންނަށް ޑޮލަރު ވިއްކޭ ވަރަށް ބޭންކްގައި ޑޮލަރު ނުހުރުމެވެ. ޓީމޫ ފަދަ ސައިޓުތަކުން ގެންނަ ކޮންމެ އޯޑަރަކަށް ރުފިޔާ ޑެބިޓް ކާޑުން ކުރާ މުއާމަލާތްތަކަށް 30 އިންސައްތަ ބޭންކަށް ނަގަން ފެށީ އެހެންވެ ކަމަށް ވެދާނެއެވެ.

އެކަމަކު، ބޭންކުން ބުނީ އެކަން ކުރީ ޑޮލަރު ރޭޓު މަތިކުރަން ނޫން ކަމަށެވެ. ޓީމޫފަދަ ވެބްސައިޓުތަކުން ފީއެއް ނަގަނީ އީކޮމާސް ވެބްސައިޓްތަކުން ކުރާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ގޮތެއް ހަދަން ކަމަށް, ބީއެމްއެލްއިން ބުނެއެވެ. ނަމަވެސް ބޭންކް ރޭޓުގައި 15.42 ރުފިޔާއަށް ޑޮލަރު ދެވެން ނެތީމާ، ގަސްތުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއިން މައްޗަށް ޖައްސާލީކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

ދެންފަހެ އަޖައިބެއް ނުވާނެ ހެއްޔެވެ. މިގޮތަށް ކަންކުރަންވީ ގޮތެއް ހަމަ ނުވިސްނުނެވެ. ތިޖޫރިއަށް އަޅައި ޑޮލަރުތައް ފޮރުވަމުން އަންނައިރުގައި އެނގޭ އެއްޗަކީ ރާއްޖެއިން މި އަހަރު 500 މިލިއަން ޑޮލަރަށްވުރެ ބޮޑު އެއްޗެއް ދަރަންޏަށް ދައްކަންޖެހޭކަމެވެ.

އަންނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ. ރިޒާވްގައި އެ ވަރުގެ ހިތްވަރެއް ނެތެވެ. އިގުތިސާދުގައި އެ ހަކަތައެއް ވެސް ނެތެވެ. އެހެންވެ، ސަރުކާރުން އެ ފައިސާ އެއްކުރަނީއެވެ. އޭގެ ހިތި މި ބޯންޖެހެނީ އާންމު ރައްޔިތުންނެވެ.

އިގުތިސާދު އެ އޮތީ މަޑުޖައްސައިފައެވެ. ސަޕްލަޔަރުންނަކަށް ފައިސާއެއް ދުލެއް ނުކުރެއެވެ. މަޝްރޫއުތަކެއް ނުހިންގައެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ވެސް ވިސްނުމަކީ ޑޮލަރުގެ އަގު މަތިވެގެން ދާއިރުގައި ވެސް އެމްއެމްއޭގެ ގަވަރުނަރު މުހައްމަދު މުނައްވަރު ހަނުހުންނެވުމަކީ ޣައިރު ޒިންމާދާރު އަމަލެކެވެ. އަދި އެއީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. އަދި މިޙާލަތުގައި, ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވާ, ގަވަރުނަރު މަޤާމުގެ ޒިންމާ ފުރިހަމަޔަށް އަދާކުރެއްވުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ޤައުމު ބަގުރޫޓުވެގެން ދިޔަ ނުދިނުމަށް އެމްއެމްއޭއިން އަޅުއްވާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވެސް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ތިރި ކުރުމަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު ވައުދުފުޅެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ޖަލްސާއެއް ގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށާއި، ހިފެހެއްޓިފައި ހުންނާނެ ކަމަށެވެ.

ރައީސް މުޢިއްޒު އެހެން ވިދާޅުވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔަ އިރު ވެސް، މިވީ އެއް އަހަރުގެ ތެރޭގައި ވެސް ޑޮލަރުގެ އަގު ހުރީ ނަވާރަ ރުފިޔާ އަށް ވުރެ މަތީގަ އެވެ. އަދި މިއަދު ޑޮލަރުގެ އަގު މިވަނީ 20 ރުފިޔާއިން މައްޗަށް އުފުލިފައެވެ.

- ކޮމެންޓް