ކޯޓުތަކުން ކުރާ ހުކުމްތައް ސަރުކާރުން ހެޔޮ ނިޔަތެއް އޮވެގެން ތަންފީޒް ކުރައްވާނަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިވަގުތު ހުންނަވާނީ ރާއްޖެއިން ބޭރުގައި ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.
އިދިކޮޅު ޕާޓީތަކުގެ ފަރާތުން މ ކުނޫޒްގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް ސަރުކާރުން ޖައްސަވާ ހާލާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މިސަރުކާރަކީ ކޯޓުތަކުން ކުރާ ހުކުމްތަކަށް ވެސް އިހްތިރާމް ކުރާ ސަރުކާރެއް ނޫން ކަމަށެވެ.
އެގޮތުން ކްރިމިނަލް ކޯޓުން ޤާސިމަށް ކުރީ އެއްބައި ފުރިހަމަ ކުރުމަށް ފަހު އަނެއްބައި ފުރިހަމަ ނުކުރުމަށް ކުރި ހުކުމެއް ނޫން ކަމަށާއި ސަރުކާރުން 5 ދުވަސް ވެގެންދާއިރު ވެސް އެވަނީ އެހުކުމުގައިވާ އެއްބައި ތަންފީޒް ނުކޮށް ކަމަށެވެ.
އިންތި ވިދާޅުވީ ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެމަނިކުފާނު ފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ސަރުކާރުން ހަމަޖައްސާދީފައި ނުވުމަކީ ކޯޓުތަކުން ކުރާ ހުކުމްތައް ހެޔޮނިޔަތެއް އޮވެގެން ތަންފީޒް ނުކުރާތީ ފެންނަމަންޒަރެއް ކަމަށެވެ. . ކިރިޔާ ވެސް ހެޔޮ ނިޔަތެއް އޮތްނަމަ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތައް ޤާސިމް އިބްރާހީމް މިހާރު ހުންނަވާނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ކަމަށް އިންތި ވިދާޅުވިއެވެ.
"މިހުކުމުގައި ވަނީ ހަމައެކަނި އެމަނިކުފާނު ޖަލަށް ލުމުގެ ބައެއް ނޫން. ނާއިންސާފް ހުކުމަކަށް ވީނަމަވެސް އޭގައި އެބަ އޮވޭ އެމަނިކުފާނަށް ބޭސްފަރުވާ ކުރުމުގެ ވާހަކަ. މިސަރުކާރުން ހެޔޮ ނިޔަތުގައި ޤާނޫނާ އެއްގޮތަށް އަދި ހުކުމާ އެއްގޮތަށް ޢަމަލް ކުރާނަމަ ޤާސިމް އިބްރާހީމް ހުންނަވާނީ ރާއްޖެއިން ބޭރުގައި" އިންތި ވިދާޅުވިއެވެ.
ގާސިމް ބޭސްފަރުވާއަށް ނުފޮނުވައިގެން އިދިކޮޅު ފަރާތްތަކުންނާއި އެމަނިކުފާނުގެ އާއިލާއިން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ އިރު، ރޭގެ ވަގުތެއްގައި ރައީސްްގެ މަންދޫބުންގެ ގޮތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅަން ނިންމާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ ގާސިމްއާ ބައްދަލު ކުރައްވާފަ އެވެ.
މީގެ އިތުރުން އިންތިވަނީ މިވަގުތު ޖަލުގައި އޮންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނަށް ސަރުކާރުން ކަންކުރާ ގޮތުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އިންތި ވިދާޅުވީ ފާރިޝްގެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ އަތުން އެމައްސަލަ ނަންގަވައި ކްރިމިނަލް ކޯޓުގެ އިސް ޤާޒީގެ ބިއުރޯއަށް ބަދަލު ކުރައްވާފައިވާ ކަމަށާއި އެއީ ޤާނޫނާ ޚިލާފަށް ކުރައްވާފައިވާ ކަމެއް ކަމަށެވެ.