އެމެރިކާގެ ޓެކްސަސް ސްޓޭޓް އަށް ތޫފާން ހާވީ އަރާ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ޓެކްސަސް ސިޓީގެ ހާލަތު ބެއްލެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު އެ ސްޓޭޓް އަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ތޫފާން ހާވީ އަރާ ޓެކްސަސް އަށް ބޯކޮށް ވާރޭވެހެމުންދާ އިރު އެ ސްޓޭޓުން މިހާތަނަށް ނުވަ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތްފަހުން ދިމާވި ފުރަތަމަ ގުދުރަތީ ކާރިސާ އަކީ ތޫފާން ހާވީ ކަމަށްވާއިރު، އެމަނިކުފާނު ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ތޫފާން ހާވީ އިން ލިބިފައިވާ އަދި ލިބެމުންދާ ގެއެްލުންތަކުން އަރައިގަތުމަކީ "ވަރަށް ޚަރަދު ބޮޑު ކަމެއް ކަމަށާއި" އެހެން ނަމަވެސް އެމެރިކާގެ މައި ސަރުކާރުން ތިބީ ތޫފާނުގެ ސަބަބުން ޓެކްސަސް އަށް ލިބުނު ގެެއްލުންތަކުން އަރައިގަތުމަށް އެހީ ވުމަށް ތައްޔާރަށް ކަމަށެވެ
އެމެރިކާގެ ޓެކްސަސް ސްޓޭޓް އަށް ތޫފާން ހާވީ ހުކުުރު ދުވަހު އަރާ ވެހެމުންދާ ވާރޭއާ ގުޅިގެން ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވޭއިރު އެމެރިކާގެ ފެޑެރަލް އިމާޖެންސީ މެނޭޖްމަންޓް އެޖެންސީގެ ޑައިރެކްޓާ ބްރޮކް ލޮންގް ހޯމަ ދުވަހު ވިދާޅުވީ ޓެކްސަސްގެ 50 ކައުންޓީއަކަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ކަަމަށާއި ހަމައެކަނި ވޭތުވެދިޔަ ތިން ދުވަހު އެކަނިވެސް "ހަމަހަށް ވާވަރަށް ވާރޭ ވެހިފައިވާ ކަމަށެވެ."