އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވ. އަތޮޅު ޕީއެންސީ ކެމްޕޭން މެނޭޖަރަކަށް، ކޮރަޕްޝަންގެ ގިނަ ތުހުމަތެއް އަމާޒުވެފައިވާ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ރަޝީދު ހަމަޖައްސައިފި އެވެ.
ފަޒުލް އޭނާގެ ފޭސްބުކް އެކައުންޓުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ވާވު އަތޮޅު ޕީއެންސީ ކެމްޕޭނުގެ މެނޭޖަރަކަށް އޭނާ ހަމަޖެއްސިކަމަށް ލިޔެފައިވާ ޕޯސްޓެއް ހިއްސާ ކުރައްވައިފި އެވެ.
މީގެ އިތުރުން ފަޒުލް އެ މަގާމަށް އައްޔަން ކޮށްފައިވާ ކަން ޕީއެންސީގެ އިސްފަރާތަކުން ވެސް ވަނީ ރާއްޖެ އެމްވީއަށް ކަށަވަރުކޮށްދީފަ އެވެ.
ފަޒުލް އަކީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވ. އަތޮޅު ފެލިދޫ ދާއިރާ ތަމްސީލްކުރެއްވި މެންބަރެވެ. ފަޒުލްއަށް ހަވާލު ކުރީ އެ ދާއިރާގައި ހިމެނޭ ތިން ރަށް ވެސް ހިމެނޭ ގޮތަށް ވ. އަތޮޅުގެ ހަ ރަށުގެ ކެމްޕެއިން މެނޭޖަރުކަމެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވާވު އަތޮޅު ކެމްޕޭން މެނޭޖަރަކަށް ފަޒުލް ހަމަޖެއްސިއިރު، މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކުރެވިފަ އެވެ.
އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވުމުން އެ މައްސަލައިގައި ފުލުހުން ތަހުގީގެއް ވެސް ހިންގި އެވެ. އެގޮތުން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ޑިސެމްބަރު 22، ގައި ބަލައި ފާސްކުރުމުގެ ތެރޭގައި ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދި އެވެ. އެހެން ނަމަވެސް ފަހުން ފުލުހުން ވަނީ އެ ފައިސާ ފަޒުލްއާ ހަވާލުކޮށްފަ އެވެ.
އޭގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ އާދަޔާ ހިލާފު ބޮޑު އަގެއްގައި އެޗްޑީސީން ހަވާލު ކުރުމުގައި ވެސް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް ކުރެވެ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު 21، ގަ އެވެ. އޭގެފަހުން ދުވަސްތަކެއް ވަންދެން ނުފެނި ހުރުމަށްފަހު އޭނާ އެންމެ ފުރަތަމަ ފެނުނީ މެއި 16، ގައި ބޭއްވި ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާއިންނެވެ.