ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ ގައި އަނެއްކާ ވެސް ފަތުރުވެރިޔަކު މަރުވެއްޖެއެވެ.
ޖުލައި މަހު ކުރީ ކޮޅު ހިނގި މި ހާދިސާ ސަރުކާރުގެ އެއްވެސް ފަރާތަކުން މިހާތަނަށް އޮތީ ހާމަ ނުކޮށެވެ.
މި ނޫހުން ސުވާލު ކުރުމުން ފުލުހުން ވަނީ މިކަން ހިނގިކަން ހޮނިހިރު ދުވަހު މި ނޫހަށް ކަށަވަރު ކޮށްދީފައެވެ.
ފުލުހުން ބުނީ، މަރުވެފައި ވަނީ އުމުރުން 47 އަހަރުގެ ފިރިހެނެއް ކަމަށާއި އެއީ އެމެރިކާގެ ރައްޔިތެއް ކަމަށެވެ.
"އދ އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރު ބޭރަށް ފީނަން އެރި އުޅުނު ފަތުރުވެރި އެއް މަރުވެފައިވާ ކަމުގެ މައްސަލަ 2025 ޖުލައި 6 ވަނަ ދުވަހުގެ 12:28 ހާ އިރު ފުލުހުންނަށް ހުށަހެޅިފައިވޭ؛" ފުލުސް އޮފީހުން ފޮނުވި މައުލޫމާތުގައި ވެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުނެފައި ވުމުގެ އިތުރުން އެ މީހާ މަރުވި ސަބަބާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ މަރުވެފައި ވަނީ ފަތުރުވެރިންގެ މެދުގައި މަގްބޫލު ފެހުރިހި ޖަމާވާ ސަރަހައްދެއް ކަމަށް ވާ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ (ސަމްޕާ) ސަރަހައްދުންނެވެ.
މިއީ އެ ސަރަހައްދުން މަރުވި ކަމަށް ރެކޯޑް ކުރެވުނު 6 ވަނަ ފަތުރުވެރިޔާ އެވެ.
ފަތުރުވެރިންގެ އަތުން ބޮޑު އާމްދަނީ އެއް ލިބުނު ނަމަވެސް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް ސަރުކާރުން ފޯރުކޮށް ނުދޭތީ މި ސަރަހައްދު ބެލެހެއްޓުން ދޯދިޔާ ވެފައިވާ ކަމުގެ ވާހަކަތައް މީގެ ކުރިން ވެސް މީޑިއާ ގައި ހާމަވެފައިވެއެވެ.