ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހަކީވެސް ކުޑަ ވިޔަފާރިވެރިއެއް ކަމަށާއި އަތްމަތި ދަތިވުމުން ބޯ އަނބުރައި ހޮޑުލަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ޕީޕީއެމްއިން "ރުމާލު ދެއެއް" ޖަގަހައިގަ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ އެބޭފުޅާގެ އަތްމަތި ދަތިވުމުން "ބޯ އަނބުރާފަ ހޮޑުލަވާ" ކަމަށާއި އެއީ އާންމުކޮށް އެހެން ވިޔަފާރިވެރިންނަށްވެސް ވާގޮތެއް ކަމަށެވެ.
" އަޅުގަނޑަކީ ވެސް ކުޑަ ކުޑަ ވިޔަފާރިވެރިއެއް. އާންމުކޮން ވިޔަފާރިވެރިންނަށް އަތްމަތި ދަތިވަންޏާ ބޯ އަނބުރާނެ. މިއީ ދިމާވާ ކަމެއް އިނގޭތޯ. އަތްމަތި ދަތިވަންޏާ ބޯ އަނބުރާނެ، ހޮޑުލަވާނެ ގޮތް ގޮތްވާނެ. ޑޮކްޓަރަށް ދައްކަން ޖެހޭނެ. ހަރާންވާނެ ޑޮކްޓަރަށް ދައްކައިގެން ސާފުވާ ބައްޔެއް،" އަމިއްލައަށް ތަޖުރިބާ ކުރެއްވޭ ކަމެއް ކަމަށް ވިދާޅުވި ފާލާހް ފާހަގަ ކުރެއްވިއެވެ.
ފަލާހް ވިދާޅުވީ ރައީސް ނަޝީދަށް ނުވަތަ އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އެބޭފުޅާއަށް ރަނގަޅީ ޖަލުގައި އޮންނަވަން ޖެހިވަޑައިގެންފިނަމަ ކަމަށާއި، އެމްޑިޕީގެ ވެރިކަމެއްގައި އެބޭފުޅާ ކުރައްވާނެ މަސައްކަތެއް ނޯންނާނެ ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ކަނޑުތަކުން މަސް ނުބޭނޭ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
" ރައީސް ނަޝީދަށް ނޫނިއްޔާ ނުވަތަ އެމްޑީޕީއަށް ވެރިކަން ލިބިއްޖެއްޔާ ގައިމުވެސް އަޅުގަނޑަށް ރަނގަޅީ ޖަލުގައި އޮތުން. ދޫކޮށްލާފައި ހުރިއްޔާ ކާކަށް ނުލިބޭނެ ވިއްޔާ. ކުރާނެ މަސައްކަތެއް ނޯންނާނެ ވިއްޔާ. އަޅުގަނޑުމެން މިއީ 2008 ގައި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއިރުގައި ދޯނި ފަހަރު ބަންނަން އުޅުނު މީހުނަށް ދޯންޏެއް ބަންނަން ނުލިބިގެން ފަހުން އުޅުނީ ލޮނުމަސް އަޅަން. މަހެއްވެސް އޭރު ނުގަނޭ މަސްވެރިންވެސް ބަނޑަށް ޖެހުނު"، އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުން ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް "ހޮޅިވަޅުލާވަރުން ބިމުގެ އަޑީގައި އުޅޭ ސޫފިތަކަށްވެސް މިހާރު ނޫޅޭވޭ" ކަމަށެވެ.
"އައިޖީއެމްއެޗް އާ ދިމާލުގައި އުޅޭ ކާޅުތައްވެސް އުޅެނީ ބިރުން އިމާރާތްތައް އަރާލެއް މަތިކަމުން. މިއީ ނޫންތޯ ވެރިންނަކީ. އަޅުގަނޑުމެނަކަށް ނޭނގެ އަޅުގަނޑުމެންގެ މި ރައީސް ފައިސާ ހޯދައްވާ ގޮތެއް ވެސް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުން ތިބީ ރައީސް ޔާމިންގެ ފަހަތްޕުޅުގައި ކަމަށާއި މިހާރު އިއުލާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންތަކުން އެކަން ފެނިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ އާ އިމާރާތުގެ އަގު ބޮޑުކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަކީ މީހުން މޮޔަހައްދަން ދައްކާ ވާހަކައެއް ކަމަށާއި 25 ބުރީގެ އެވަރުގެ އިމާރާތެއް 40 މިލިއަނަށް އެޅޭނީ "ފަނުން ކަމަށް" ފަލާހް ވިދާޅުވިއެވެ.