ނިޒާމެއް ވަކި މީހަކަށް ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެކަން އެހެން ކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނާރާ މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޢަދްލު އިންސާފާ ގުޅޭ ގޮތުން ޢުމަރުގެ ފާނުގެ ޚަލީފާ ކަމުގެ ދުވަސްވަރުގެ ވާހަކައެއް ނަކަލް ކުރައްވަމުން ދީނީ އިލްމު ވެސް ހާސިލް ކުރައްވައިގެން ހުންނެވި އަނާރާ ނައީމް ވިދާޅުވީ އަދްލު އިންސާފަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި އެންމެނަށް ވެސް މިހާރު އެކަން ޤަބޫލް ކުރެވޭނެ ކަމަށެވެ.
ޖަލުގައި ތިއްބެވި ސިޔާސީ އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވާ އަނާރާ ވިދާޅުވީ ބޭއިންސާފުން ކަންކަން ދަންޏާ އެންމެން ވެސް އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
އަނާރާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހުރީ ވަރަށް ރަނގަޅު ޤަވާއިދު ތަކެއް ހެދިފައި ކަމަށާއި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖް ކުރަމުން ގެންދަނިކޮށް ވެސް ފަހަރަކު އެއްޗެއް ބަދަލު ކުރަމުންދާ ކަމަށެވެ. އަދި މުޅި ނިޒާމް ބަދަލު ކޮށްލައިފި ކަމަށާއި ވަކިމީހަކަށް ވާގޮތަށް ނިޒާމް ބަދަލު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
އަނާރާ ވިދާޅުވީ މިސަރުކާރަކީ ޒުވާނުންގެ ސަރުކާރެކޭ ބުނާއިރު ޒުވާނުންނަށް ސިޔާސީ ގޮތުން ފުރުސަތު ނުދީ ބަހެއް ބުނެލިއަސް ކުށްވެރިންނަށް ހަދަމުންދާ ކަމަށެވެ.