ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ނުގެއްލޭކަން ވަރަށް ސާފު ކަމަށާއި އެނިންމުމާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަނެއް ބާއްވާނަމަ އެކަން ސަލާމަތީ ބާރުތަކުން ހުއްޓުވަން ޖެހޭނެ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.
މަހްފޫޒް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒްގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މަހްފޫޒް ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައާއި ގުޅޭގޮތުން އެކޯޓުން ނިންމި ނިންމުމާމެދު ސުވާލު އުފެދުނީމާ ލިބުނީ ހައިރާން ކަމެއް ކަމަށާއި އެއީ އެއްވެސް ވަރެއްގެ އޮޅުމެއް އަރާ ނިންމުމެއް ނޫން ކަމަށެވެ.
މަހްފޫޒް ވިދާޅުވީ އެއްވެސް ކަމެއްގައި ވެފައިވާ ޔަޤީންކަމެއް ޝައްކަކަށް ބަދަލެއް ނުކުރެވޭނެ ކަމަށާއި އެގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުން އެހާ ސާފު އިރު އެކަމަށް ސުވާލު ފެއްދުމުގެ ޖާގައެއް ނޯންނާނެ ކަމަށެވެ.
މަހްފޫޒް ސައީދު ވިދާޅުވީ ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ގޮނޑިއަކާމެދު ގޮތެއް ކަނޑައެޅޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އެނޫން އެއްވެސް ފަރާތަކަށް ނުކުރެވޭނެ ކަމަށެވެ. އަދި އެމާއްދާގެ ދަށުން މެންބަރުން ތަކެއް އެކޯޓަށް ހުށަހެޅުއްވީ އެމެންބަރުންގެ ގޮނޑި ގެއްލިޖެ ކަމަށް އިލެކްޝަނުން ބުނެފައި ވާތީ އެކަމާ ގުޅޭގޮތުން ކަމަށެވެ. އަނެއް ކަމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވާ ނުލުން ކަމަށާއި އެމާއްދާ އުވާނުލާނަމަ އެމާއްދާގެ ބާރު ހިނގުން ކަމަށެވެ.
ސުޕްރީމް ކޯޓުން 27 ވަނަ ދުވަހު ނިންމި ނިންމުމަށް އިޝަރާތް ކުރައްވާ މަހްފޫޒް ވިދާޅުވީ އެކޯޓުން ބުނެފައިވަނީ ދެވާހަކައެއް ކަމަށާއި އެއް ވާހަކައަކީ ބައެއްގެ މެންބަރުކަމާމެދު ސުވާލު އުފެދޭނެ ޖާގައެއް ނެތުން ކަމަށާއި މާނައަކީ އެމެންބަރުން ނަކީ އަދިވެސް މެންބަރުން ކަމަށެވެ. ސުވާލެއް އުފެދޭނީ އެމެންބަރުން ވަކިވެފައިވާނަމަ ކަމަށާއި އެނިންމުމުގައި ބުނެފައިވާ ގޮތުން އެމެންބަރުންގެ މެންބަރު ކަމާމެދު ސުވާލު ނުއުފެދޭ ކަމަށެވެ.
މަހްފޫޒް ސައީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާމެދު ސުވާލު އެފެދޭކަމަށްވާނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަވާބުދޭން ޖެހޭނެ ކަމަށާއި އެކަމަށް އެބޭފުޅުން ޖަވާބު ދެއްވާފައިވާ ކަމަށެވެ.
އެގޮތުން އެކޯޓުގެ ނިންމުމުގައި ހަރުކަށި އިބާރާތުން އެބުނަނީ ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހޭ ހާލަތެއް ނާންނަކަން ކަމަށެވެ. އަދި އެނިންމުމާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަނެއް ނުބޭއްވޭނެ ކަމަށާއި އެގޮތައް އެކަން ކުރާނަމަ ސަލާމަތީ ބާރުތަކުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.
މަހްފޫޒް ވިދާޅުވީ ޤާނޫން އަސާސީއާ ޚިލާފަށް އަދި ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ސަލާމަތީ ބާރުތަކުން އިންތިޚާބު ބޭއްވިޔަ ނުދޭނެ ކަމަށާއި ބައި އިލެކްޝަން ހުއްޓުވާނެ ކަމަށެވެ.