ކ. މާލެ
|
1 ޖުލައި 2025 | އަންގާރަ 19:22
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!
ކޮންމެއަކަސް ތިޔައީ އެކަމަނާގެ ޒާތީ ކަމެއް ނޫންހޭ ބަޔަކު ބުނެފާނެއެވެ. އެކަމަކު ޤަބޫލުފުޅު ކުރައްވާށެއެވެ. ދަތުރުފުޅުގައި ވަޑައިގެން އެހުންނަވަނީ މއ. ބާބުލްއަވާލީ ސާޖިދާ މުހައްމަދެއް ނޫނެއެވެ. ވަޑައިގެން އެއުޅުއްވަނީ ދިވެހިރާއްޖޭގެ ފަސްޓްލޭޑީއެވެ.
f

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ބައެއް ކަހަލަ އަމަލުފުޅުތަކާއި, އާދަކާދަތަކާއި, އުޅުއްވުން ހުންނަގޮތާއި، ގެންގުޅުއްވާ ބައެއް ކަހަލަ ވައްޓަފާޅީގެ ސަބަބުން ފާޑުކިޔާ މީހުން މަދެއް ނޫނެއެވެ. ހާއްސަކޮށް ރާއްޖެއިން ބޭރަށް ފިރިކަލުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެކު ކުރައްވާ ދަތުރުފުޅުތަކުގައި, އުޅުއްވާ ގޮތުގެ ވާހަކަ ދައްކާ މީހުންނެއްވެސް މަދެއް ނޫނެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެއެވެ. މިއީ ދިވެހިންނަށް ފަސްޓްލޭޑީއަކު ފެނުނު ފުރަތަމަ ފަހަރެއް ނޫނެއެވެ. އަދި ރައީސެއްގެ އަނބިކަނބަލަކު ރައީސްގެ އަރިހުގައި ދަތުރުފުޅުތަކެއްގައި ބައިވެރިވެވަޑައިގެން އުޅުއްވާތީ ފެނުނު ފުރަތަމަ ދައުރެއްވެސް ނޫނެއެވެ. އަދި ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ދުނިޔޭގެ އާޖު ފާޖު ދަންނަ ދުނިޔެއަށް ލޯހުޅުވިފައިތިބި ބަޔަކަށް ވުމުން، ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ފަސްޓްލޭޑީން އުޅުއްވާ ގޮތްވެސް އިނގޭ ދަންނަ މީހުން މިގައުމަކު މަދެއްވެސް ނޫނެއެވެ.

ޖޫން 29 ވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އަނބިކަނބަލުން ސާޖިދާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް މިދަތުރުފުޅުގެ މަންޒަރުތައް މީޑިޔާތަކުގައި ފެންނަން ފެށުމާއި އެކު، މީހުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ މިދަތުރުފުޅުގެ ރަސްމީ ކަންތައްތަކަށްވުރެ ބޮޑަށް ފަސްޓްލޭޑީގެ އަމަލުފުޅުތަކަށެއެވެ. މީސް މީޑިއާގައި ދައުރުވަމުންދާ އެއް ވީޑިއޯ ކްލިޕެއްގައި ފެންނަނީ ސިންގަޕޫރުގެ ސަރުކާރުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަބަނލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތެކެވެ. މިރަސްމިއްޔާތުގައި ރައީސް މުއިއްޒަށްވުރެ ކުރިން، ސިންގަޕޫރުގެ ރައީސްގެ އަނބިކަނބަލުންނާއި ސަލާން ކުރެއްވުމަށް ރާއްޖޭގެ ފަސްޓްލޭޑީ އަތްދިތްކޮށްލައްވައެވެ. ނަމަވެސް ސިންގަޕޫރުގެ ރައީސްގެ އަނބިކަނބަލުން ފުރަތަމަ ސަލާން ކުރެއްވީ ރައީސް މުއިއްޒުއާއެވެ. އަނެއް ކްލިޕުގައި ފެންނަނީ ސިންގަޕޫރުގެ ފަސްޓް ލޭޑީއާއި، ރާއްޖޭގެ ފަސްޓް ލޭޓީ ހިންގަންވާފައި ވަޑައިގަންނަވާ މަންޒަރެކެއެވެ. މި ވީޑީއޯގައި ފެންނަނީ ހިންގަވަމުން ވަޑައިގަންނަވަމުން، ސިންގަޕޫރުގެ ފަސްޓް ލޭޑީގެ ކޮނޑުފުޅުގައި ރާއްޖޭގެ ފަސްޓް ލޭޑީ އިރުއިރުކޮޅާ ޖެހިވަޑައިގަންނަވާ މަންޒަރުއެވެ. ތިންވަނަ ކުލިޕުގައި ފެންނަނީ ރާއްޖޭގެ ރައީސްވެސް ބައިވެރިވަޑައިގެން އިންނެވި ބައްދަލުވުމެކެވެ. އަތް އުއްކަވަ އުއްކަވާފައި ވާހަކަފުޅު ދައްކަވާތީ ފެންނަނީ ފަސްޓްލޭޑީ ސާޖިދާއެވެ. ރައީސް ބައްލަވަން އިންނަވައެވެ.

މިއީ ދަތުރުފުޅުގެ ތެރެއިން މީސްމިޑީއާއަށް ތިލަވެ، ގިނަ ބަޔަކު ފާޑު ކިޔަމުންދާ ބައެއް ކްލިޕްތަކެއެވެ. ފާޑު ކިޔާ މީހުން ބުނަނީ ރަސްމީ ދަތުރުފުޅުތަކުގެ ޕްރޮޓޮކޯލް ފަސްޓްލޭޑީއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނުވަތަ ހާރިޖިއްޔާއިން އެކަމަނާއަށް ޕްރޮޓޯކޯލް ބުނެނުދެނީ ކަމަށެއެވެ. ނުވަތަ ބުނެދިނަސް ޤަބޫލުފުޅުނުކުރައްވަނީ ކަމަށެއެވެ. ނުވަތަ މިވަޑައިގެން އުޅުއްވެނީ ފިރިކަލުން ޑރ. މުއިއްޒާއާއި އެކު އާއިލީ ދަތުރުފުޅެއްގައި ނޫން ކަމަށާއި، ވަޑައިގެން މިއުޅުއްވެނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ރާއްޖޭގެ ފަސްޓް ލޭޑީގެ ހައިސިއްޔަތުން ކުރައްވާ، ރަސްމީ ދަތުރުފުޅެއްގައިކަން ހަނދުމަފުޅު ނުހުންނަނީ ކަމަށެއެވެ. ނުވަތަ ކަށީގައި ހިފާފައި ހުރި ގޮތަކީ ކަމަށެއެވެ.

މިފާޑުކިޔުންތަކުގެ ތެރެއިން އެންމެ ފަހުން މިބުނި ފާޑުކިޔުން ރައްދުކުރާ މީހުން އޭގެ ހުއްޖަތެއްގެ ގޮތުގައި ދައްކަނީ އެކަމަނާ ކުރައްވާފައިހުރި ބައެއް އެހެން ދަތުރުފުޅުތަކުގެ ވާހަކައެވެ. ބައެއް ދަތުރުފުޅުތަކުގައި ސިޑިން ފައިބާ ވަޑައިގަންނަވާއިރު، ސިޑީގެ ރެއިލިންގައި އަތްޕުޅު އުނގުޅުއްވުމާއި ތަންތަން ބައްލަވަން ވަޑައިގެން އުޅުއްވާއިރު، އެތަންތަނުގެ ފާރުގަޔާއި ބައެއް ތަކެތީގައި އަތްޕުޅު އުނގުޅުއްވާ ހައްދަވާ ވާހަކަވެސް އެމީހުން ދައްކާ އުޅެއެވެ. މީހުންނާއި ސަލާންކުރެއްވުމުގަޔާއި، ރަސްމީ އިވެންޓްތަކުގައި ހިންގަވާ އުޅުއްވުމުގައިވެސް މިކަހަލަ އެތައް ކަމެއް ފާހަގަކުރެވޭ ކަމަށް ގިނަ މީހުން ބުނެއެވެ.

ކޮންމެއަކަސް ތިޔައީ އެކަމަނާގެ ޒާތީ ކަމެއް ނޫންހޭ ބަޔަކު ބުނެފާނެއެވެ. އެކަމަކު ޤަބޫލުފުޅު ކުރައްވާށެއެވެ. ދަތުރުފުޅުގައި ވަޑައިގެން އެހުންނަވަނީ މއ. ބާބުލްއަވާލީ ސާޖިދާ މުހައްމަދެއް ނޫނެއެވެ. ވަޑައިގެން އެއުޅުއްވަނީ ދިވެހިރާއްޖޭގެ ފަސްޓްލޭޑީއެވެ. އެކަމަނާ ހުތުރު ކަމެއް ކުރެއްވިއްޔާ، އެހުތުރެއްވެސް، ރީތި ކަމެއް ކުރެއްވިއްޔާ އެރީއްޗެއްވެސް އޮތީ ހަމައެކަނި، އެކަމަނާއަކަށް ނޫނެއެވެ. އެކަން އަޅުގަނޑުމެންގެ ކޮންމެ ދިއްވެސަކަށްވެސް ރައްދުވެއެވެ. ބަޔަކު އެކަމަނާ އުޅުއްވާ ގޮތަކުން މާލާމާތެއް ކުރަންޏާ އެމަލާމާތެއްވެސް ރައްދުވާނީ ދިވެހިރާއްޖެ އަށެއެވެ. ދިވެހިންނަށެއެވެ. ބޭރުގެ ނޫހެއްގެ ހެޑްލައިންގައި މިފަދަ ވާހަކައެއް ޖަހާ ނަމަ ފަސްޓްލޭޑީގެ ނަމުގެ ކުރިއަށް އެމީހުން ޖަހާފައި އޮންނާނީ މޯލްޑިވްސްއެވެ. އެހެންކަމަށްވާ ނަމަ މިވާހަކަ ނުދެކެވެންވީ ސަބަބެއް ނެތެއެވެ. ދައްކަން ނުޖެހޭ ސަބަބެއްވެސް ނެތެއެވެ. ރަނގަޅުކޮށްލަވާށެވެ. ރަނގަޅު ގޮތް ކިޔައި ދެއްވާށެއެވެ. ފޮރިން މިނިސްޓްރީން ކިޔައި ދެއްވިއަސް ފިރިކަލުން ރައީސް މުއިއްޒު ކިއައި ދެއްވިއަސް މައްސަލައެއް ނެތެއެވެ. އިނގޭ އެއްޗަކީ މިއީ އާވަގެން ވާ ކަމެއް ނޫން ކަމެއެވެ. އެތައް ދަތުރުފުޅެއް ކުރައްވައިފި ކަމެއެވެ. މިކަން ދިވެހިންނަށް ބޮޑު ބޮލުގެ ރިހުމަކަށް ވެއްޖެކަމެއެވެ. އެކަމަކު ނޭނގުނު އެއްޗަކީ މިކަން ރަނގަޅު ނުވެގެން މިއުޅެނީ ކީއްވެގެން ކަމެއެވެ.

- ކޮމެންޓް