ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދޭން އުޅުނު ކަމަށް ކަނޑައަޅައި ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ބައްދަލު ކުރައްވަމުން އެބަ ގެންދަވައެވެ.
އެކަން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ ރާއްޖެ އެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.
ހޯމް މިނިސްޓަރު ގާސިމް އިބުރާހިމް އާއި ބައްދަލު ކުރެއްވީ ގާސިމް އެޑްމިޓް ކުރައްވައިފަައި އޮތް އައިޖީއެމްއެޗް ގައެވެ.
ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަސް ވަންދެން ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަަމަށް 27 މާޗް ގައި ނަގަން އޮތް ވޯޓުގެ ކުރިން، މާޗް 26 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި، މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެދައުލަތުން އުފުލި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އާއި ގުޅިގެންނެވެ.